ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާ މިއަދު ހަވާލުކޮށްފިއެވެ.

މާގިރި ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.

މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، އއ. ރަސްދޫ، ކ. ގާފަރު، މ. މުލައް، ދ. ހުޅުދެލި، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. މާމެންދޫ އަދި ގދ. ރަތަފަންދޫގައެވެ. މި ރަށްރަށުގައި މަސައްކަތް ކުރިއަށްދާނީ ފަރުމާކުރުމާއި، ބިނާކުރުން އަދި ތަކެތި ފޯރުކޮށްދިނުމުގެ އުސޫލުންނެވެ.

19 އޮކްޓޯބަރު 2026، ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާ ހަވާލުކުރުން -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

މިނިސްޓްރީން މީޑިއާތަކަށް ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން 30 ޓަނުގެ އައިސް ޕްލާންޓެއް ފަރުމާކުރުމާއި، ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމުގެ އިތުރުން، ވޮރަންޓީ އާއި އާފްޓާ ސޭލްސްގެ ހިދުމަތްތައް ވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.

މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މިއީ ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއު ނިމުމުން، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.