ދައުލަތުގެ އާމްދަނީއަށް 496،300،302 (496 މިލިއަން) ރުފިޔާ އިތުރު ކުރެވޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 21 ގައެވެ. ހަމަ އެ ދުވަހު ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު މަޖިލީހަށް ބަލައިގަތެވެ.

އެހެންކަމުން އެ ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިކަން އެ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު، ބިލު ދިރާސާ ކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީން، ސަބް ކޮމިޓީއެއްގެ ގޮތުގައި އެ ބިލު ދިރާސާ ކުރުމަށް، އަލުން މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުވިއެވެ.

ބިލު ދިރާސާ ކުރުމަށްޓަކައި އިގްތިސާދީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވައިލިއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލުމުގެ ގޮތުން ބުނެފައިވަނީ، އެ ބިލަށް އެއްވެސް އާއްމު ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ އަންނަ ހޯމަދުވަހުގެ 12:00 ގެ ކުރިން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މެއިލް ކުރުމަށް ނުވަތަ މަޖިލިސް އިދާރާއަށް ލިއުމުން ފޮނުވައިދިނުމަށް އެދޭ ކަަމަށެވެ.

މި ބިލުގެ ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާ ކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

ބިލުގައި ބުނެފައިވަނީ އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްް-އެބިޓްޑާގެ 25 ޕަސެންޓް ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ތަންފީޒު ކުރަން ފެށުމުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ބިލު ތަންފީޒު ކުރުމަށް ހުށަހަޅާފައިވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާ ކޮށްފައިވެއެވެ.