ށ. ފުނަދޫގައި ގާއިމުކުރާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ (އައިޔޫއެމް) ގެ ކެމްޕަހުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ފުނަދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ ފައުންޑޭޝަނަށް ކޮންކްރީޓް އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހާއި، ފުނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލްގެ އިތުރުން އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު އަދި ޑެޕިއުޓީ ވައިސް ޗާންސެލަރު އަހުމަދު އަމީން މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވިދާޅުވީ، މާލޭގައި ހޮސްޓެލްގެ ވަސީލަތްތައް ނެތުމާއި ކުއްޔަށް އުޅެން ޖެހުމުގެ ސަބަބުން ދަރިވަރުން އުފުލާ ތަކުލީފުތަކަށް މި ޕްރޮޖެކްޓާއެކު ނިމުމެއް އަންނާނެ ކަމަށެވެ. ފުނަދޫއާއި ކައިރި ރަށްތަކުގެ ދަރިވަރުންނަށް އެކޮމޮޑޭޝަންގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ހުޅުވި، ސްކޫލް ނިންމުމަށްފަހު ޕީއެޗްޑީއާ ހަމައަށް އަމިއްލަ ސަރަހައްދުގައި ތިބެގެން ކިޔެވުމަކީ މުޅި ސަރަހައްދަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

17 އޮކްޓޯބަރު 2026، އައިޔޫއެމްގެ ފުނަދޫ ކެމްޕަހުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އައިޔޫއެމް

ރަށްރަށަށް ޔުނިވަސިޓީ ކެމްޕަސްތައް ގެންދިއުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި މެންބަރު މަމްދޫހު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީގެ އެންމެ މުހިންމު އެއް ތަނބަކީ އިލްމު ކަމަށާއި، ދާއިރާގެ ތަރައްގީއަށް ފަހިކުރެވޭނެ ކޮންމެ ފުރުސަތެއްގެ ބޭނުން ހިއްޕަވާނެ ކަމަށެވެ. މީގެ އިތުރުން، ފުނަދޫ ކައުންސިލްގެ ރައީސް އާދިލް ވިދާޅުވި ގޮތުގައި، ފުނަދޫގެ ރައްޔިތުންނަކީ އިލްމީ މުޖުތަމައެއް ބިނާކުރުމަށް ތާރީހީ ގޮތުންވެސް އިސްކަމެއްދޭ ބައެކެވެ.

ދައުލަތުގެ ޕަބްލިކް ސެކްޓަރު އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކޮށްފައިވާ މި މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ އެއް އަހަރާއި ހަ މަސްދުވަހުގެ ތެރޭގައެވެ. މި މަޝްރޫއަށް ފުނަދޫ ކައުންސިލުން ވަނީ 15،000 އަކަފޫޓުގެ ބިމެއް އައިޔޫއެމްއަށް ކަނޑައަޅައި ރަޖިސްޓްރީކޮށްދީފައެވެ.

މި މަޝްރޫއުގެ ދަށުން ދެ ބުރީގެ ކެމްޕަސް މެއިން ބްލޮކަކާއި ހަތަރު ބުރީގެ އެކޮމޮޑޭޝަން އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އައިޔޫއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މެއިން ބްލޮކްގައި ކްލާސްރޫމްތަކާއި ސެމިނާ ރޫމަކާއި މަލްޓިޕާޕަސް ހޯލަކާއި ލައިބްރަރީއެއްގެ އިތުރުން އިދާރީ އޮފީހާއި މީޓިން ރޫމް ހުންނާނެއެވެ. އަދި އެކޮމޮޑޭޝަން އިމާރާތުގައި 20 ދަރިވަރުންގެ ދަނާލަކާއި، ލެކްޗަރާއިންނާއި މުވައްޒަފުންގެ ކުއާޓަރުތަކުގެ އިތުރުން ޖިމް، އިންޑޯ ރެކްރިއޭޝަން ފެސިލިޓީތައް، ކެމްޕަސް ކެފެޓީރިއާ އަދި ކޮމަން ރޫމް ގާއިމުކުރާނެއެވެ.

މި ރަސްމިއްޔާތުގައި ރަށުގެ އެކި ކަންކޮޅުތަކުން ވަޑައިގެން ތިއްބެވި އިއްޒަތްތެރިންނާއި އިސްރަށްވެހިންގެ އިތުރުން އާންމު ރައްޔިތުން ވަނީ ކޮންކްރީޓް އަޅަން ފެށުމުގައި އަމަލީގޮތުން ބައިވެރިވެފައެވެ.