މުހައްމަދު ސައީދު ކިޔާ މީހަކު ފުލުހުންގެ އިދާރާއަށް ގޮސް އިއްޔެ ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު އަދިވެސް ކުރިޔަށް އެބަދެއެވެ. އޭނާ މި ހަޅުތާލު ފަށާފައި ވަނީ އިއްޔެ ހެނދުނު އަށެއް ޖަހާން ކައިރިވެފައި ވަނިކޮށެވެ.

ސައީދު މިއަދު "ވަން" އަށް ބުނީ، ރޭ ދަންވަރު ގެ ވަގުތެއްގައި ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވަޑައިގެން ބައްދަލުކުރެއްވި ކަމަށާއި އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

"މިނިސްޓަރު ރޭ ދަންވަރު ވަޑައިގެން ބައްދަލުކުރެއްވި، އެކަން ވަރަށް ބޮޑަށް ބަލައިގަންނަން. އެކަމަކު އަޅުގަނޑު ބޭނުންވަނީ މި އުނދަގޫ ދެން ތަކުރާރު ނުވާނެކަމުގެ ޔަގީންކަން. އެ ޔަގީންކަމެއް އަދިވެސް ނުލިބޭ." ސައީދު ބުންޏެވެ.

ސައީދު "ވަން" އަށް ބުނީ، އުނދަގޫ ކުރާ މީހާގެ ސަބަބުން އޭނާގެ މުޅި އާއިލާގެ އާންމު ދިރިއުޅުމަށް އުނދަގޫވެ ނަފުސާނީ މައްސަލަޔަކަށް ވާ ހިސާބަށް ގޮސްފައިވާ ކަމަށާއި ދަރިފުޅާވެސް މަގުމަތީން ފުރައްސާރަކޮށް ދުއްތުރާ ކުރާ ކަމަށެވެ.

މި މައްސަލައިގައި މިނިސްޓަރު އިހުސާން "ވަން" އަށް މިއަދު ވިދާޅުވީ، އުނދަގޫ ކުރާ މީހާ އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"އޭނާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި. މި ކަމުގައި ބަލާން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ވަރަށް އުނދަގޫ ކަންކަން އެބަހުރި. ގާނޫނާއި ގަވައިދުގެ ތެރެއިން ހުރި ގޮންޖެހުންތަކެއްވެސް އެބަހުރި. އެކި ފަހަރު ފުލުުހަށް ގެންގޮސްފަ އެބަހުރި. އެކި ފަހަރު ދޫކޮށްލާފަ ހުރީ އެކި ސަބަބުތަކާ ހެދި." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އޭނާ ގުރައިދޫއަށް ގެންދާން ވެގެން ކުރިން ބެލި ކަމަށާއި، އެހެން ނަމަވެސް ގުރައިދޫއަށް ގެންދާން އޭނާގެ ޝަރުތު ހަމަނުވީ، އެއީ މޮޔައެއް ކަމަށް ނުވަތަ އެވަރުގެ ނަފުސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ސާބިތު ނުވާތީ އެވެ. އަދި އެހެން ބައެއް މައްސަލަތަކުން އޭނާ ސަލާމަތްވެފައި ވަނީ އޭނާއާ ދެކޮޅަސް ހެކި ދޭނޭ މީހަކު ނެތިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދައުލަތުގައި މައްސަލަ ބަލާނެ ރަސްމީ ޗެނަލްތަކެއް އެބަހުރި. ޕީޖީއަކާއި ކޯޓުތައް އެބަހުރި. ފުލުހުންގެ ދައުރު އަދާކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން. އެކަމަކު ކޯޓުން ނުވަތަ ދެން ހުރި ތަންތަނުން އެހެން ނުވަތަ މިހެން ހަދާނޭ ބުނެ އެ ޔަގީންކަން އެހެން މުއައްސަސާތަކުން ނުދެވޭނެ ދެއްތޯ. އެކަމަކު މައްސަލައަށް ހައްލެއް ހޯދަން ކުރާން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. މިއީ ހައްލުވާން ޖެހޭ ކަމެއްކަމަށް ގަބޫލުކުރަން." މިނިސްޓަރު ވިދާޅުވިއެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން އަންނަ ސައީދު ބުނީ، އިއްޔެ ހެނދުނުން ފެށިގެން އޭނާ ހެންވޭރު ފުލުސް އޮފީހުގެ އެތެރޭގައި ހަޅުތާލުކުރި ނަމަވެސް، ރޭ 9:00 ގައި އެތަނުގައި ދެން ނުހުރެވޭނެ ކަމަށް އެންގުމުން އޭގެ ފަހުން ހުރީ ބޭރުގައި ކަމަށެވެ.

"އެބޭފުޅުން ވިދާޅުވީ ރޭގަނޑު ދެން އެ ގޮތަށް ފުލުހުންގެ އިދާރާ ތެރޭ ނުހުރެވޭނޭ. އެތަނާ 500 ކިލޯމީޓަރު ދުރުގައޭ ހުރެވޭނީ، އެހެންވެ މިިން އަޅައިގެން އެދުރުމިނުގައި މި ހުންނަނީ." ސައީދު ބުންޏެވެ.

އޭނާ ބުނީ، ދެން މި އުނދަގޫ ކުރިމަތި ނުވާނޭ ކަމުގެ ޔަގީންކަން ކަމާ ގުޅުން ހުރި ފަރާތްތަކުން ރަސްމީކޮށް ދޭން ޖެހޭ ކަމަށާއި، މި މައްސަލަޔަކީ އެތައް ފަހަރަކު ހުށަހެޅި ނަމަވެސް، އަލިމަގެއް ފެނިފައި ނުވާ ކަމެއް ކަމަށެވެ. މަގުމައްޗަށް ނުކުމެ، ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާން ޖެހުނީ ދެން އެހެން ގޮތެއް ނެތިގެން ކަމަށްވެސް ސައީދު ބުންޏެވެ.

ސައީދު އިއްޔެ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މި ހަޅުތާލު ފެށީ ކާށިމާ ހިނގުމާއި ދޫހިމެރި މަގުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުވާ މީހަކު އާންމުންނަށް އުނދަގޫކުރާތާ ދޮޅު އަހަރު ވެފައިވާ އިރު، މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީއެވެ.

އަހުމަދު ފައިރިޝް ނަމަކަށް ކިޔާ މި މީހާގެ ފަރާތުން އާއިލާއަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަދި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ޕޯސްޓުގައި ސައީދު ބުނެފައިވެއެވެ. އޭނާ ބުނި ގޮތުގައި، މަގުމަތިން ހިނގާފައިދާ މީހުންނާ ދިމާއަށް ހަޑިހުތުރު ބަހުން އެ މީހާ މުއާމަލާތްކުރެއެވެ. އަދި ސައިކަލުތައް މަގުމައްޗަށް ނެރެ، މަގު ބަންދުކުރަން ގެންގުޅޭ ބޯޑުތައް ދަމާފައި ގެނެސް މަގުމަތީގެ ޓްރެފިކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްފައިވެއެވެ.

މީގެ އިތުރުން، ޝަކުވާ ހުށަހެޅި މީހާގެ އާއިލާ ދިރިއުޅޭ ގެއަށް ކުނި އަޅާފައިވާ ކަމަށާއި، އެ މަންޒަރު ދެ ފަހަރެއްގެ މަތިން ކެމެރާއަށް ރެކޯޑުކުރެވިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ބެލްކަނީގައި ހުރެގެން މަގުމަތިންދާ މީހުންގެ ގަޔަށް ތެޔޮ އަދި ފެން އުކާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޝަކުވާ ހުށަހެޅި މީހާގެ ގަޔަށްވެސް ތެޔޮ ޖަހާފައިވާ ކަމަށް ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. އެއްވެސް އިންޒާރަކާ ނުލައި މީހުންގެ ގަޔަށް ޕްލާސްޓިކް ފުޅި އުކައި، ހަޅޭއްލަވައި، އަދި ދަންވަރުން ފެށިގެން ފަތިސްވަންދެން މެދުކެނޑުމެއްނެތި އަޑުގަދަކުރާ ކަމަށްވެސް އޭނާ ތުހުމަތުކުރެއެވެ. ހަމައެހެންމެ، އެ މީހުން ދިރިއުޅޭ އިމާރާތަށް ވަންނަ މީހުންގެ ފަހަތުން ވަގަށް އެ އިމާރާތުގެ ތެރެއަށް އެތައް ފަހަރަކު ވަދެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް، މައްސަލަ ހުށަހަޅައި، އަދި ހެކިވެސް ހުށަހަޅާފައިވާނެ ކަމަށް ސައީދު ބުންޏެވެ. ނަމަވެސް ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، އާއިލާ ރައްކާތެރިކޮށްދިނުމުގައި މުއައްސަސާތައް ނުކުޅެދިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން، އާއިލާގެ ރައްކާތެރިކަމަށްޓަކައި ފެށި މި ހަޅުތާލު ހުއްޓާލާނީ ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމުން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ އެދެނީ އާއިލާއަށާއި އެ މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް "ވަން" އަށް އިއްޔެ ވިދާޅުވީ އުނދަގޫކުރާ މައްސަލައިގައި ހިމެނޭ މީހާއާ ދެކޮޅަށް މީގެ ކުރިން ވެސް މައްސަލަތައް ހުށަހެޅިފައިވާ ކަމަށާއި އެމީހާއަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ފުލުހުންގެ އިދާރާގައި ހަޅުތާލުކުރާ މީހާ އާއި އޭނާގެ އާއިލާއަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ފުލުހުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ޝިޔާމް ދެއްވިއެވެ.

އެ މައްސަލައިގައި އުނދަގޫކުރާ ކަމުގެ ތުހުމަތުވާ ފައިރިޝް އަކީ މީހަކަށް މަރުގެ އިންޒާރުދިން މައްސަލައިގައި މިއަހަރުގެ ފެބްރުއަރީ މަހު ވެސް ފުލުހުން ހައްޔަރުކުރި މީހެކެވެ. މީގެ އިތުރުން ވެސް އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.