އާންމުންގެ މީހަކު ފުލުހުންގެ އިދާރާއަށް ގޮސް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް މިއަދު ފަށައިފިއެވެ.

މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މި ހަޅުތާލު ފެށީ ކާށިމާ ހިނގުމާއި ދޫހިމެރި މަގުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުވާ މީހަކު އާންމުންނަށް އުނދަގޫކުރާތާ ދޮޅު އަހަރު ވެފައިވާ އިރު، މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީއެވެ.

އަހުމަދު ފައިރިޝް ނަމަކަށް ކިޔާ މި މީހާގެ ފަރާތުން އާއިލާއަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަދި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ޕޯސްޓުގައި ސައީދު ބުނެފައިވެއެވެ. އޭނާ ބުނި ގޮތުގައި، މަގުމަތިން ހިނގާފައިދާ މީހުންނާ ދިމާއަށް ހަޑިހުތުރު ބަހުން އެ މީހާ މުއާމަލާތްކުރެއެވެ. އަދި ސައިކަލުތައް މަގުމައްޗަށް ނެރެ، މަގު ބަންދުކުރަން ގެންގުޅޭ ބޯޑުތައް ދަމާފައި ގެނެސް މަގުމަތީގެ ޓްރެފިކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްފައިވެއެވެ.

މީގެ އިތުރުން، ޝަކުވާ ހުށަހެޅި މީހާގެ އާއިލާ ދިރިއުޅޭ ގެއަށް ކުނި އަޅާފައިވާ ކަމަށާއި، އެ މަންޒަރު ދެ ފަހަރެއްގެ މަތިން ކެމެރާއަށް ރެކޯޑުކުރެވިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ބެލްކަނީގައި ހުރެގެން މަގުމަތިންދާ މީހުންގެ ގަޔަށް ތެޔޮ އަދި ފެން އުކާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޝަކުވާ ހުށަހެޅި މީހާގެ ގަޔަށްވެސް ތެޔޮ ޖަހާފައިވާ ކަމަށް ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. އެއްވެސް އިންޒާރަކާ ނުލައި މީހުންގެ ގަޔަށް ޕްލާސްޓިކް ފުޅި އުކައި، ހަޅޭއްލަވައި، އަދި ދަންވަރުން ފެށިގެން ފަތިސްވަންދެން މެދުކެނޑުމެއްނެތި އަޑުގަދަކުރާ ކަމަށްވެސް އޭނާ ތުހުމަތުކުރެއެވެ. ހަމައެހެންމެ، އެ މީހުން ދިރިއުޅޭ އިމާރާތަށް ވަންނަ މީހުންގެ ފަހަތުން ވަގަށް އެ އިމާރާތުގެ ތެރެއަށް އެތައް ފަހަރަކު ވަދެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް، މައްސަލަ ހުށަހަޅައި، އަދި ހެކިވެސް ހުށަހަޅާފައިވާނެ ކަމަށް ސައީދު ބުންޏެވެ. ނަމަވެސް ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، އާއިލާ ރައްކާތެރިކޮށްދިނުމުގައި މުއައްސަސާތައް ނުކުޅެދިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން، އާއިލާގެ ރައްކާތެރިކަމަށްޓަކައި ފެށި މި ހަޅުތާލު ހުއްޓާލާނީ ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމުން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ އެދެނީ އާއިލާއަށާއި އެ މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް "ވަން" އަށް މިއަދު ވިދާޅުވީ އުނދަގޫކުރާ މައްސަލައިގައި ހިމެނޭ މީހާއާ ދެކޮޅަށް މީގެ ކުރިން ވެސް މައްސަލަތައް ހުށަހެޅިފައިވާ ކަމަށާއި އެމީހާއަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ފުލުހުންގެ އިދާރާގައި ހަޅުތާލުކުރާ މީހާ އާއި އޭނާގެ އާއިލާއަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ފުލުހުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ޝިޔާމް ދެއްވިއެވެ.

އެ މައްސަލައިގައި އުނދަގޫކުރާ ކަމުގެ ތުހުމަތުވާ ފައިރިޝް އަކީ މީހަކަށް މަރުގެ އިންޒާރުދިން މައްސަލައިގައި މިއަހަރުގެ ފެބްރުއަރީ މަހު ވެސް ފުލުހުން ހައްޔަރުކުރި މީހެކެވެ. މީގެ އިތުރުން ވެސް އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

ފުލުހުންގެ އިދާރާގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ސައީދު ހުންނަތާ މިހާރު ވަނީ ހަތް ގަޑިއިރު ވެފައެވެ. އޭނާ ހަޅުތާލު ފެށީ މިއަދު ހެނދުނު 8:00 ގައެވެ.