ފްރެންކްފަރޓުން ފުރައިގެން ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް ހައިޖެކްކުރި ކަމުގެ އިންޒާރަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ޖައިޕޫރަށް ބަދަލުކޮށްފިއެވެ.
ބުދަ ދުވަހު ހިނގި މި ހާދިސާގައި، ބޯއިންގ 787-9 މަރުކާގެ އޭއައި2030 ފްލައިޓް ޖައިޕޫރަށް ބަދަލުކުރީ، މަތިންދާބޯޓު ހައިޖެކްކުރުން ނުވަތަ ގަވާއިދާ ހިލާފު ކަމެއް ހިނގާކަން އަންގައިދޭ ބައިނަލްއަގުވާމީ “ޓްރާންސްޕޮންޑަރ ކޯޑު 7500” އެ ފްލައިޓުން ފޮނުވުމާ ގުޅިގެންނެވެ. މި ފްލައިޓުގައި 293 ފަސިންޖަރުންނާއި 13 ފަޅުވެރީން ތިއްބެވެ.
ފަސިންޖަރުންނާ ހަވާލާދީ ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިއްލީއަށް ނުޖެއްސޭނެ ކަމަށާއި ޖައިޕޫރަށް ފްލައިޓް ބަދަލުކުރާކަން ފަސިންޖަރުންނަށް އެންގީ ހެނދުނު 9:00 ހާއިރުއެވެ. ފަސިންޖަރެއް ކަމަށްވާ ގުރްޖީތު ސިންގް ހާލްސާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ފްލައިޓް ޖައިޕޫރަށް ޖެއްސުމަށްފަހު ދެ ގަޑިއިރު ވާންދެން ފަސިންޖަރުން ފްލައިޓުގައި މަޑުކުރަން އެންގިއެވެ. އޭގެ ފަހުން ފަސިންޖަރުން ބާލައި، ޕާސްޕޯޓާއި ލަގެޖު ޗެކްކުރި ކަމަށް އޭނާ ބުންޏެވެ.
އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފްލައިޓް ޖައިޕޫރަށް ބަދަލުކުރީ ސަލާމަތީ ކަންބޮޑުވުމަކާ ގުޅިގެން ކަމަށެވެ. ކަމާބެހޭ ފަރާތްތަކުން ފްލައިޓާއި ފަސިންޖަރުން ޗެކްކުރުމަށްފަހު، އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފޮނުވުނު އިންޒާރެއް ކަމަށް ބެލެވެއެވެ. މި މައްސަލަ އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ދަނީ ތަހުގީގުކުރަމުންނެވެ. ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްފަހު، މި ފްލައިޓް ވަނީ ހަމަ އެ ދުވަހުގެ މެންދުރުފަހު 3:15 ހާއިރު ދިއްލީއަށް ގޮސްފައެވެ.
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
އެއަރ އިންޑިޔާ
ކޮމެންޓް