ޔޫކްރެއިނުގެ އަސްކަރީ ޑްރޯންތަކުގެ ދުވެލި މަޑުކުރުމުގެ ފަހަތުގައި ވަނީ އެމެރިކާ ސަރުކާރު ކަމަށް، ސްޕޭސްއެކްސް ކުންފުނީގެ ވެރިޔާ އީލޮން މަސްކް ބުނެފިއެވެ.
މަސްކް މިހެން ބުނީ، ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބޭނުންކުރާ ސްޓާލިންކް އިންޓަނެޓް ވިއުގައަށް ކުއްލި ގޮތަކަށް ގެނައި ބަދަލަކާ ގުޅިގެން ޑްރޯންތަކުގެ ދުވެލި މަޑުވެ، ހަމަލާތަކަށް ހުރަސްއެޅިފައިވާ ކަމަށް އެ ގައުމުން ބުނެފައި ވަނިކޮށެވެ. މި މައްސަލަ ދިމާވެފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޔޫކްރެއިނުން ބުނާ ގޮތުގައި، ރަޝިޔާއިން ފޮނުވާލާ ބާރު ދުވެލީގެ ޑްރޯންތައް ވައްޓާލުމަށް ޔޫކްރެއިނުން ބޭނުންކުރާ ޑްރޯންތަކަށް މި ކަމުގެ ސަބަބުން ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މަސްކް ބުނި ގޮތުގައި، ޔޫކްރެއިނުގެ އަސްކަރިއްޔާއިން ބޭނުންކުރާ "ސްޓާޝީލްޑް" ނިޒާމަކީ އެމެރިކާ ސަރުކާރުގެ މިލްކެކެވެ. އަދި އެ ނިޒާމުގެ ދުވެއްޔާއި ބޭނުންކުރާނެ ގޮތުގެ ހުދޫދުތައް ކަނޑައަޅާނީ އެމެރިކާގެ އަސްކަރިއްޔާއާއި އެ ގައުމުގެ ރައީސް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، އާންމު ސްޓާލިންކް ނިޒާމަކީ ހަމައެކަނި މަދަނީ އަދި ދިފާއީ ބޭނުންތަކަށް ހާއްސަ ނިޒާމެއް ކަމަށާއި، ހަމަލާދިނުމަށް އެ ނިޒާމު ބޭނުންކުރުމަކީ ވިޔަފާރި ކުންފުންޏަކުން ކުރަން އެކަށީގެންވާ ކަމެއް ނޫން ކަމަށް ވެސް މަސްކް ފާހަގަކުރިއެވެ.
ޔޫކްރެއިނުގެ ކުރީގެ ދިފާއީ ވަޒީރު މިހައިލޯ ފެޑޮރޯވް ވިދާޅުވި ގޮތުގައި، ގަޑިއަކު 160 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވާ ޑްރޯންތަކުގެ ކަނެކްޝަން ކެނޑޭ ގޮތަށް ހެދުމަށް ފަހު، މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައެވެ. ނަމަވެސް، ޔޫކްރެއިނުގެ ދިފާއަށްޓަކައި ސްޓާޝީލްޑްގެ ސްޕީޑް ލިމިޓް އެއްކޮށް ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި، ސްޓާލިންކްގެ ހިދުމަތަށް ދިމާވި މައްސަލައިގެ ނާޖާއިޒު ފައިދާ ރަޝިޔާއިން ނަގަމުންދާ ކަން ވަރަށް ސާފެވެ. މިއީ އޮޅުމަކުން ދިމާވި ޓެކްނިކަލް މައްސަލައަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒެލެންސްކީގެ މުޝީރަކު ވަނީ މިއީ އިއްތިފާގެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ކީވްއާއި ވޮޝިންޓަނާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާ ގުޅުން ހުރި ކަމެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މި ކަމާ ގުޅިގެން އެމެރިކާ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އީލޮން މަސްކް
އީލޮން މަސްކް
އީލޮން މަސްކް
އީލޮން މަސްކް
ކޮމެންޓް