އިންޑޮނޭޝިއާގައި ގްރޮކް ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.

އެލަން މަސްކުގެ އޭއައި ޗެޓް ބޮޓް، ގްރޮކް ބޭނުން ނުކުރެވޭ ގޮތް އިންޑޮނޭޝިއާގައި ހަދާފައި ވަނީ ގްރޮކް ބޭނުން ކޮށްގެން އޭއައި މެދުވެރިކޮށް ކުޑަކުދިންނާ ނުގުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯ އުފެއްދުމުގެ ނުރައްކާ އޮތް ކަމަށް ބުނެއެވެ.

އިންޑޮނޭޝިއާ އިން އިއްޔެ ގްރޮކް ބޭނުން ނުކުރެވޭ ގޮތް ހެދުމާއެކު އެ ގައުމު ވެފައި ވަނީ މުޅި ދުނިޔެއިން ވެސް ގްރޮކް މަނާ ކުރި ފުރަތަމަ ގައުމަށެވެ.

ގްރޮކް ނަހަމަ ގޮތުގައި ބޭނުން ކުރާތީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ. އެގޮތުން ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުން ވަނީ ގްރޮކްގެ މައްސަލައިގައި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ގްރޮކް ބޭނުން ނުކުރެވޭ ގޮތް ހެދުމުގެ ކުރިން ގްރޮކްގެ އޮފިޝަލުންނާ އެކު އިންޑޮނޭޝިއާގެ ސަރުކާރުން މަޝްވަރާތައް ބާއްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްސް މެދުވެރިކޮށް އެލަން މަސްކު މީގެ ކުރިން ވަނީ ގްރޮކް ބޭނުންކޮށް ނުރަނގަޅު އަމަލު ހިންގާ ނަމަ އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފައެވެ.