މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ ތުހުމަތަށް ހ. މާދޫގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް ފެނުނު މައްސަލައިގައި، ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ މީހާ ކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ބަނގުރަލުގެ ބޮޑު އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހ. މާދޫގެއަށް ވަދެ، އެ ގޭގެ ފުރަތަމަ ބުރިއާއި ފަސް ވަނަ ބުރި ބަލައި ފާސްކޮށްފައެވެ. މިއީ ބަނގުރަލުގެ މައްސަލައެއްގައި އެ ގެ ބަލައި ފާސްކުރި ފުރަތަމަ ފަހަރެވެ.
އެ މައްސަލައިގައި މީގެ ކުރިން ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ، މުހައްމަދު ރަޝްވާން އައްބާސް (53އ) އެވެ. އޭނާގެ ބަންދު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް މިއަދު ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ބަނގުރާ ވިއްކާކަމަށް ތުހުމަތުކޮށް ހުއްޓުވުނު ދެ މީހަކު އޭނާގެ ދެ މުވައްޒަފުން ކަމަށާއި އޭނާގެ ބުނެގެން ކުރާ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް އައިއޯ ފާހަގަކުރާ ކަމަށެވެ. އަދި ފުލުހުން ބަލައި ފާސްކޮށްފައިވަނީ އޭނާއާ ގުޅުންހުރި ތަންތަން ކަމަށް އައިއޯ ފާހަގަކުރި ކަމަށް ކޯޓު އަމުރުގައިވެއެވެ.
ރަޝްވާނަށް ކުރާ ތުހުމަތުތަކަށް އޭނާގެ ފަރާތުން ވަނީ އިންކާރުކޮށްފައެވެ. އެތަންތަން ބަލައި ފާސްކޮށްފައިވަނީ ރަޝްވާން އަދި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ ފަރާތެއް ހާޒިރުގައި ނޫން ކަމަަށް އޭނާ ވަނީ ބުނެފައެވެ.
ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް އެދުނު ނަމަވެސް، މިވަގުތު އޭނާ ދޫކުރެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވި ގޮތުގައި ފުލުހުންގެ ހިންގި އެ އޮޕަރޭޝަނަކީ މާލެތެރެއަށް ފުޅާ ދާއިރާއަކަށް ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ނޫސްވެެރިންނަށް މައުލޫމާތުދިނުމަށްފަހު ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރާގެ ބާވަތްތައް ވެސް ދައްކައިފައެވެ. އެ ގޭގެ ފުރަތަމަ ބުރީގައި ގިނަ އަދަދެއްގެ ބަނގުރާ ހުރި އިރު ބަނގުރާ ކޭސްތައްވެސް ހުއްޓެވެ. އެކި ބްރޭންޑުގެ ބަނގުރާ ހުއްޓެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ގޭގެ ފަސްވަނަ ބުރިންވެސް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވެއެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ ޖުމުލަ ތިން ބިދޭސީއަކު ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުތަކުން އެ އެނގޭ ގޮތުގައި އެ ތިން މީހުންނަށްވެސް މިހާރު ވަނީ ބަންދު ޖަހައިފައެވެ.
އެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި ތިން މީހުން:
- އަލް އަމީން 34އ ބަންގްލްދޭޝް
- ޕޮލިން 43އ ބަންގްލަދޭޝް
- އެމްޑީ ރަކިބް ހޮސެން 25އ ބަންގްލަދޭޝް
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް