ޖަރުމަނުވިލާތުގެ ނުރެމްބާގް އެއާޕޯޓަށް ތިރިކުރަން އައި މަތިންދާބޯޓަކަށް ދިމާވި ކަމަށް ބެލެވުނު އޭވިއޭޝަން އިމަޖެންސީއަކާ ގުޅިގެން، އިއްޔެ އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ކޯރެންޑަން އެއާލައިންސްއިން ބުނި ގޮތުގައި، ގްރީސްގެ ކޯފޫއިން ފުރައިގެން ނުރެމްބާގަށް ދަތުރުކުރި އެ ކުންފުނީގެ ފްލައިޓަކުން އިމަޖެންސީ ކޯޑެއް ފޮނުވުނީ ކްރޮއޭޝިއާގެ ވައިގެ ސަރަހައްދުގައި އުދުހެމުން ދަނިކޮށް ރޭޑިއޯ މުވާސަލާތީ ނިޒާމަށް ދިމާވި ކުޑަ މައްސަލައަކާ ގުޅިގެން އޮޅުމަކުންނެވެ. މި ސިގްނަލް ލިބުމާއެކު، ޖަރުމަނުގެ އަސްކަރިއްޔާގެ ޔޫރޯފައިޓާ ޖެޓުތަކުން ވަނީ އެ ބޯޓާ ގުޅި، ސަލާމަތްތެރިކަމާއެކު ނުރެމްބާގް އެއާޕޯޓަށް ތިރިކުރަންދެން ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެއާޕޯޓުގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓު ތިރިކުރުމާއެކު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް، އެއާޕޯޓުގެ ހުރިހާ ފްލައިޓްތަކެއް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް، ބޯޓު ފާސްކުރުމަށްފަހު އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރުކުރެވިފައިވާ ކަމަށާއި، ބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާރު އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށްވެސް ފުލުހުންނާއި އެއާޕޯޓުގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އެއާޕޯޓު ސަރަހައްދުން ޑްރޯނެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ތިން ޕައިލެޓަކު ރިޕޯޓުކޮށްފައިވާ ކަމަށް ޖަރުމަނުގެ ނޫސްތަކުން ބުނެފައިވެއެވެ. ނަމަވެސް، ފުލުހުން ބުނި ގޮތުގައި އަންގާރަ ދުވަހުގެ އިމަޖެންސީ ހާދިސާއާއި އެ ޑްރޯން ފެނުނު ކަމަށް ބުނާ ރިޕޯޓުތަކާ އެއްވެސް ގުޅުމެއް ނެތެވެ. މި މައްސަލަތަކާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.