ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގައްދޫ ރެކްރިއޭޝަން ކްލަބު ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިއަދުގެ މެޗަށް ނުކުތް އިރު ގައްދުއާއު ބުރަށްވެސް އޮތީ އުނދަގޫ ހާލަތެކެވެ. އެދެޓީމަކީ މެޗުގެ ކުރިން ލީގުގައި މޮޅެއް ނުހޯދި އޮތް ދެޓީމެވެ. މިދިޔަ ސީޒަނުގެ ގަދަ ހަތަރެއްގައި ހިމެނުނު ބުރުން މިއަދުގެ މެޗުގެ ކުރިން ބިސް ބުރު ސްޕޯޓްސް ކްލަބާއި ދިއްދޫއާ ދެކޮޅަށްވެސް ކުޅެފައިވާ އިރު، އެއީ މިފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދެޓީމެވެ. ދިއްދޫ ކައިރިން 1-0 އިން ބުރު ބަލިވި އިރު، ބިސް ބުރު ކައިރިން ބަލިވީ 2-1 އިންނެވެ. އެއީ ބިސް ބުރުން ރަތް ކާޑަކާއެކު ކުޅެމުން ގޮސް، ފަހު ވަގުތު ދެ ގޯލް ޖަހައިގެންނެވެ. ދެން ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބު ކައިރިން ބަލިވީ 4-1 އިންނެވެ.

މިފަހަރު ދިވެހި ޕްރިމިއާ ލީގު ފޯމެޓަށް އައި ބަދަލާއެކު ހޯމް އަދި އަވޭވެސް ފެނިގެންދާ އިރު، މިއަދު ބުރާ ދެކޮޅަށް ކުޅުނު މެޗަކީ ގައްދޫގެ ދެވަނަ އަވޭ މެޗެވެ. އޭގެ ކުރިން ހޯމް ތިން މެޗުން ގައްދޫ އޮތީ ބަލިވެފައެވެ. އެއީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކައިރިން 2-0، ޓީސީ ސްޕޯޓްސް ކްލަބު ކައިރިން 4-2 އިން، އަދި ކްލަބު އީގަލްސް ކައިރިން 2-0 އިންނެވެ. އޭގެފަހުން އޮޑި ސްޕޯޓްސް ކްލަބު ކައިރިން ބަލިވީ 2-0 އިންނެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުން ބުރު ސްޕޯޓްސް ކްލަބު މޮޅުވީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، ބުރުން ލީޑު ނެގީ 51 ވަނަ މިނެޓުގައެވެ. ހަލީލް ގަމާލް މެދުތެރެއިން ޑިފެންސް ފަހަތަށް ކުޅުނު މޮޅު ބޯޅައިގައި ހުއާން އެޑުއާޑޯ ލެކާނޯ ވޮލީއެއްގައި ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

ބުރުން ނަތީޖާ ޔަގީންކުރުމަށް ދެވަނަ ގޯލް ކާމިޔާބުރީ 78 ވަނަ މިނެޓުގައެވެ. މެދުތެރެއިން އަލީ ހަމްދާން ޖައްސާލި ބޯޅައަށް އަރިމަތިން އިބްރާހީމް އުސާމާ ހަސަން މަޖީދު މަސައްކަތްކޮށް، އޭނާ އޭރިއާ ތެރެއަށް ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ގައްދޫގެ ކީޕަރު ބޯޖާން ވުކްމިރޮވިޗް އަތުގައި ޖެހިފައެވެ.