ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތައް" ބަޔާންކުރާ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން، އަންނަ ޖެނުއަރީ މަހުގެ އެކައުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް މަރުކަޒަށް ހާޒިރުވެގެން ހަދާން ޖެހޭ ގޮތަށް ލާޒިމް ކުރުމާ ގުޅިގެން، ގާނޫނު ކިޔަވާ ކުދިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އީ ޕެޓިޝަނަށް މަޖިލިސް ތަޅުމުގައި އެއްގަޑިއިރުގެ ބަހުސެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.

މި ޕެޓިޝަނަށް ބަހުސް ކުރާނެ ވަގުތު ކަނޑައެޅުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ޕެޓިޝަނަށް ބަހުސްކުރާ ވަގުތަކީ އެއް ގަޑިއިރުކަމުގައި ކަނޑައަޅަން ހުށަހެޅުއްވީ، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް އެވެ.

މި ހުށަހެޅުން ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ.

މި ޕެޓިޝަނަކީ ގަވާއިދު އިސްލާހު ކުރުމާ ގުޅިގެން، އޮންލައިންކޮށް ގާނޫނީ ރޮނގުން ޑިގްރީ ހާސިލުކުރަމުން އަންނަ ދަރިވަރުންނާއި މި އިސްލާހުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން އަސަރުކުރާ އެންމެހައި ފަރާތްތަކުން އެ މައްްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ސޮއި ކުރުމަށް ހުޅުވާލި ޕެޓިޝަނެކެވެ.

މި ޕެޓިޝަނަށް، މަޖިލިސް ގަވާއިދުގައި ބުނާ ތްރެޝްހޯލްޑް ދޭއް ހަމަވާ އަދަދަށް ވަނީ ސޮއި ލިބިފައެވެ.

އެގޮތުން މި ޕެޓިޝަންގައި 2129 މީހުން ވަނީ ސޮއިކޮށްފައެވެ.

މި ޕެޓިޝަންގައި ބުނެފައި ވަނީ ގަވާއިދަށް ގެނައި އެ ބަަދަލު މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ މައްޗަށް ހިނގާނެ ކަމަށް ކަނޑައަޅާފައިވުމަކީ، ކޯސް ފެށިއިރު އޮތް އުސޫލުތަކަށް ބިނާކޮށް ތައުލީމު ހާސިލުކުރަމުން އަންނަ ގިނަ ދަރިވަރުންތަކެއްގެ މަސްލަހަތާއި ހައްގުތަކަށް އުނިކަން އަންނާނެ ނިންމުމެއް ކަމަށެވެ.

އިދާރީ އިންސާފާއި ގާނޫނީ ޔަގީންކަމުގެ ހަމަތަކަށް ބަލާއިރު ދަރިވަރުން މި ކޯހާ ގުޅުނީ އޮންލައިންކޮށް އިމްތިހާނު ދެވޭނެ ކަމުގެ ސައްހަ ހުއްދަ އޮތް ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ "މަގުބޫލު އުންމީދުގެ ހައްގު" ގެއްލި އިދާރީ ނިންމުންތަކަށް އޮންނާން ޖެހޭ އިތުބާރާއި ޔަގީންކަން ފަނޑުވެގެންދާ ކަމެއްގެ ގޮތުގައި ގިނަ ދަރިވަރުން ގަބޫލުކުރާ ކަމަށްވެސް ޕެޓިޝަންގައި ވެއެވެ.

ޕެޓިޝަންގައިވާގޮތުން ގާނޫނީ އާންމު އުސޫލަކީ އާ ގަވާއިދުތަކަށް ކުރިމަގަށް އަމަލުކުރުމެވެ. ނަމަވެސް އެކަށީގެންވާ ފުރިހަމަ އިންތިގާލީ މަރުހަލާއަކާ ނުލައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންގެ މައްޗަށް މާޒީއަށް އަސަރުފޯރާ ގޮތަށް މި އުސޫލު ތަންފީޒުކުރުމަކީ ބާ ކައުންސިލްގެ ކުރީގެ ސިޔާސަތުތަކާ ފުށުއަރާ އަދި ގާނޫނުގެ ވެރިކަމުގެ އަސާސްތަކާ ވެސް ހިލާފު ކަމެއްގެ ގޮތުގައި ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

މި އިސްލާހުގެ ސަބަބުން، ހާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށާއި ވަޒީފާ އަދާކުރަމުން އާއިލީ ޒިންމާތައް އުފުލާ ދަރިވަރުންނަށް ދަތުރުފަތުރާއި މާލޭގައި ހުރުމުގެ ބޮޑު މާލީ އަދި ނަފްސާނީ ބުރަޔަކާ ކުރިމަތިލާން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގާނޫނުއަސާސީގެ 36 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ތައުލީމު ހާސިލުކުރުމުގެ ހައްގު ހަނިވެ ގިނަ ދަރިވަރުންތަކެއްގެ ކިޔެވުން މެދުކެނޑިގެން ދިއުމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި އެ ދަރިވަރުން ބޭނުންވާ ހައްލުގެ ގޮތުގައި އެދިފައިވަނީ، ގަވާއިދަށް އަލަށް މިގެނައި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން، ލޯ ޑިގްރީ ޕްރޮގްރާމްތަކުގައި ރަޖިސްޓްރީވެ ކިޔަވަން ފަށާފައިވާ އެންމެހާ ދަރިވަރުން މި އިސްލާހުން އިސްތިސްނާކޮށްދިނުމަށެވެ. އެ ދަރިވަރުން ޕްރޮގްރާމް ފުރިހަމަކޮށް ނިމެންދެން އެ ދަރިވަރުން ކިޔަވަން ފެށިއިރު އަމަލުކުރަމުންދިޔަ އުސޫލުތައް ދެމެހެއްޓޭނެ އިންތިގާލީ އިންތިޒާމެއް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން ރައްޔިތުންގެ މަޖިލީހުން ހަމަޖައްސައިދިނުމަށްވެސް ޕެޓިޝަންގައި އެދިފައިވެއެވެ.