މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ ތުހުމަތަށް ހ. މާދޫގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް ފެނުނު މައްސަލައިގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ބަނގުރަލުގެ ބޮޑު އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެރޭގެ ވަގުތެއްގައި ހ. މާދޫގެއަށް ވަދެ، އެ ގޭގެ ފުރަތަމަ ބުރިއާއި ފަސް ވަނަ ބުރި ބަލައި ފާސްކޮށްފައެވެ. މިއީ ބަނގުރަލުގެ މައްސަލައެއްގައި އެ ގެ ބަލައި ފާސްކުރި ފުރަތަމަ ފަހަރެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނަކީ މާލެތެރެއަށް ފުޅާ ދާއިރާއަކަށް ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ނޫސްވެެރިންނަށް މައުލޫމާތު ދިނުމަށް ފަހު ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރާގެ ބާވަތްތައް ވެސް ދައްކައިފައެވެ. އެ ގޭގެ ފުރަތަމަ ބުރީގައި ގިނަ އަދަދެއްގެ ބަނގުރާ ހުރި އިރު ބަނގުރާ ކޭސްތައްވެސް ހުއްޓެވެ. އެކި ބްރޭންޑުގެ ބަނގުރާ ހުއްޓެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ގޭގެ ފަސްވަނަ ބުރިންވެސް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވެއެވެ.
ފުލުހުން އިއްޔެ ވަނީ އެ ގެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުތަކުން އެ އެނގޭ ގޮތުގައި އެ ތިން މީހުންނަށްވެސް މިހާރު ވަނީ ބަންދު ޖަހައިފައެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ:
- އަލް އަމީން 34އ ބަންގްލްދޭޝް
- ޕޮލިން 43އ ބަންގްލަދޭޝް
- އެމްޑީ ރަކިބް ހޮސެން 25އ ބަންގްލަދޭޝް
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި އެމްޑީ ރަކިބް ހޮސެއިންނަށް 15 ދުވަހުގެ ބަންދު ޖެހިއިރު އަނެއް ދެ މީހުންނަށް ޖެހީ ފަސް ދުވަހުގެ ބަންދެކެވެ. އެ އެންމެންނަށްވެސް ބަންދު ޖަހާފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް