ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވާހަކަދައްކަދަނީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާއާ ބައްދަލުކުރުމަށް، ޑިމާންޑެއް އުފެއްދުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ގާނޫނަށް ގެންނަ އިސްލާހު ތަކަކީ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގައި ހުރި ގާނޫނީ ހުސްކަން ފުރިހަމަކުރުމަށް މުހިއްމު އިސްލާހުތަކެއް ކަމަށެވެ.
އެ ބިލަކީ އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް މުހިންމު ބިލެއްކަން ފާހަގަ ކުރައްވައި ޝުޖާއު ވިދާޅުވީ، މި ބިލުގައި އެއްވެސް މައްސަލައެއް އޮތް ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ފާހަގަކުރައްވާފައި ނުވާ ކަމަށެވެ.
އެހެންކަމުން އެބިލާ ދެކޮޅަށް ވާހަކަދައްކާ އިދިކޮޅު މެންބަރުންގެ ވިސްނުން ހުރީ ގާނޫނަށް ގެންނަ އިސްލާހުގެ ބަދަލުގައި، ރާއްޖެއަށް ލިބެން އުޅޭ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް މަޝްރޫއުތަކާ ގުޅުވައިގެން ސިޔާސީ ބޭނުމެއްގައި ރަސްމާލެ މަޝްރޫއުގެ ވާހަކަ ދެއްކުން ކަމަށްވެސް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދު ވެސް ޔޫއޭއީގެ އީގަލް ހިލްސްގެ މަޝްރޫއަކީ ރަނގަޅު މަޝްރޫއެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން އެ މަޝްރޫއާ ދެކޮޅަށް ވާހަކަދައްކަވަނީ އިންވެސްޓަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރާ ވަކިވަކި ކެންޑިޑޭޓުން މިދައްކާ ވާހަކަތަކަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އީގަލް ހިލްސްގެ ވެރިޔާއާ އެ ބޭފުޅުންވެސް ބައްދަލުވާން ބޭނުންވެގެން ޑިމާންޑެއް އުފެއްދުމަށްޓަކައި އެ ބޭފުޅުން ދައްކަވާ ވާހަކަފުޅުކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،"
ކުރިން އެނބޫދޫފަޅު ހިއްކުމުގެ މަޝްރޫއު ފެށި ދުވަސްވަރު ވެސް ބޮޑެތި ވިޔަފާރިވެރިންނާއި ސިޔާސީ ފަރާތްތަކުން އެކަމާ ދެކޮޅަށް ޕެޓިޝަން ހަދައި އަޑުއުފުލި ނަމަވެސް، މިއަދު އޭގެ ނަފާ މުޅި ދައިލަތަށް ލިބެމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ސިޔާސީ ވިސްނުމުގައި މުޅި އިންވެސްޓްމަންޓް ގޯސްކޮށް ދެއްކުމުގެ ބަދަލުގައި، ރާއްޖެއަށް އަންނަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ސިޔާސީ ވެރިން މަރުހަބާ ކިޔަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް