އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެކުލަވައިލާފައިވާ ބައިނަލްއަގުވާމީ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މި މުއާހަދާގައި ބައިވެރިވާން ރުހުން ދޭން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
"މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮފް ދަ މެމްބާ ސްޓޭޓްސް އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އޮން އެންޓި ކޮރަޕްޝަން ލޯ އެންފޯސްމަންޓް ކޯޕަރޭޝަން" މުއާހަދާގެ ގޮތުގައި ފާހަގަވާ މި މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރއިްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، އެ މުއާހަދާގައި ރާއްޖޭން ބައިވެރިވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް އެ މުއާހަދާގައި ރާއްޖޭން ބައިވެރިވުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.
މައްކަތުލް މުކައްރަމާ މުއާހަދާއަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް، އެ މުއާހަދާގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ ބާވަތުގެ އެއްބަސްްވުމެއް ކަމަށްވިޔަސް ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލް އަގްވާމީ މުއާހަދާތަކުގެ މައްޗަށް އަމަލުކުރަން ވާނީ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކުރުމަށްފަހު، މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަަމަށްވެސް ވިދާޅުވެފައިވެއެވެ.
މި މުއާހަދާއަކީ އިސްލާމީ ފާގަތިކަމާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެކުލަވައިލާފައިވާ ބައިނަލްއަގުވާމީ މުއާހަދާއެކެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް