މިހާރުވެސް ވަގަށް ސިނގިރޭޓައި މުދާ ބަރާބަރަށް ރާއްޖެ އެތެެރެކޮށް އެއިން ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ ކުށް ކުރާ ފަރާތްތައް ޝަރުއީ ދާއިރާގެ ތެރެއިން ފަސޭހައިން ސަލާމަތްވެގެންދާ މައްސަލަތައް ހައްލު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެެވެ.

އައްބާސް ވިދާޅުވީ ގާނޫނުތަކަށް ހަމައެކަނި އިސްލާހު ގެނައުމަކުން ނުފުދޭ ކަމަށެވެ.

މަޖިލީހުން ފާސްކުރި ގާނޫނުތައް މިހާރުވެސް މަދު ނޫން ކަމަށާއި ނަަމަވެސް އެ ގާނޫނުތައް ތަންފީޒު ކުރަމުންނުދާކަން އައްބާސް ފާހަގަ ކުރެއްވިއެވެ.

"ރާއްޖެއަށް ވަގަށް ސިގިރޭޓް އެތެރެކުރުން ހުއްޓާނުލާ. ބަރާބަރަށް ސިގިރޭޓް އެތެރެ ކުރޭ ބަރާބަރަށް ވަގަށް މުދާ އެތެރެކުރޭ. އޭގެން ނަހަމަ މަންފާ ހެސްކިޔައިފައި އެބަ ނަގާ ކެމަލްހާޑް ކެމަލް ލައިޓް މަލްބަރޯ ހަމަ ބަރާބަރަށް އެބަ އެތެރެ ކުރޭ އަޅުގަނޑުގެ ހަމަ ލޮލުން ވީޑިއޯތައް ދެކުނިން،"

ގާނޫނުތައް ތަންފީޒު ކުރުމުގައި މުއައްސަސާތަކުގެ ވެރިންގެ އިހުލާސްތެރިކަމާއި ތެދުވެރިކަން ނެތްކަން ފާހަގަ ކުރައްވައި އައްބާސް ވިދާޅުވީ، ގާނޫނުން މަނާކޮށްފައި އޮތް ނަމަވެސް ކޮންޓޭނާތަކުގައި މިހާރުވެސް ސިނގިރޭޓާއި މުދާ ބަރާބަރަށް ރާއްޖެ އެތެރެކޮށް އެއިން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް އެކަން ކަމާ ދެކޮޅަށް މުއައްސަސާތަކަށް ފިޔަވަޅު ނޭޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހޯކްސް އިން ގިނަ އަދަދެއްގެ ސިގިރޭޓް އެތެރެ ކުރި މައްސަލަ އާއި ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްއިން ގެއްލުނު ސިގިޜޭޓްތަކުގައި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ކަމާބެހޭ މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް ކުރި މަސައްކަތް ފާހަގަކުރައްވައި އައްބާސް ވިދާޅުވީ އެ ކޮމިޓީތަކުން ކުރި މަސައްކަތްތައް ވެސް ކުރިއަށް ނުދިޔަ ކަމަށެވެ.

"މި މަޖިލީހުން ޖަވާބުދާރީ ކުރުވަން އެޅީ ކޮން ފިޔަވަޅެއްތޯ، މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީއަށް އެބޭފުޅުން ހާޒިރުކޮށް އެބޭފުޅުންނާ ދޭތެރޭ ފިޔަވަޅުތަކެއް އަޅުއްވާނަމޭ ވިދާޅުވީމާ ކޮމިޓީގެ މުގައްރިރާ ދޭތެރޭގައި އަމަލު ކުރެއްވީ ކޮން ގޮތަކަށްތޯ، އެ ކޮމިޓީން ނިންމި ނިންމުން 24 ގަޑިއިރުގެ ތެރޭގައި ބަދަލުކުރަން މަޖުބޫރެއް ނުކުރޭތޯ މަތިން އޯޑަރު އައިސްގެން،"

އައްބާސް އިޝާރާތް ކުރެއްވީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ކުރި މަސައްކަތްތަކަށެވެ.

އެ ގޮތުން މާލޭގައިހު ރި ބޮންޑެޑް ވެއާ ހައުސްއެއްގައި ރައްކާކޮށްފައި ހުރި 34،500 ސިނގެރޭޓް ކާޓޫން ގެއްލުނު މައްސަލައިގައި ހޯމް މިނިސްޓަރާއި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް ކޮމިޓީއަށް ހާޒިރު ކުރިއެވެ.

މީގެ އިތުރުން ހޯކްސް ކުންފުނީގެ ބޯޓަކުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެ ކުރި މައްސަލަ އާއި އޭގެ އިތުރުންވެސް ގިނަ އަދަދެއްގެ ސިގިރޭޓް ރާއްޖެ އެތެރެ ކުރި މައްސަލަ ތަކަކާއި ކޮރަޕްޝަނާ ގުޅުންހުރި ގިނަ މައްސަަލަތެއް މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ކުރިއަށް ދިޔައެެވެ. އެ ކޮމިޓީތަކުން، ޕޮލްކޯ ހިޔާނާތާއި ވެޓިލޭޓަރު ހިޔާނާތާއި ފެނަކަ ހިޔާނާތް ފަދަ ބޮޑެތި ހިޔާނާތުގެ މައްސަލަތައް ކުރިއަށް ގެންދިޔައެވެ.

އެ މައްސަލަތައް ބެލުމުގައި އިސްކޮށް ހަރަކާތްތެރިވީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ނާއިބު ރައިސް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމެވެ.

އެ ކަމާގުޅޭ އެންމެ ގިނަ މަސައްކަތްތައް ކުރިއަށް ގެންގޮސް ކަމާބެހޭ ރިޕޯޓްތައް އެކުލަވާލީ ވެސް މުގައްރިރުގެ ގޮތުގައި ނާޒިމު ރިޔާސަތު ބެލެހެއްޓެވި ސަބް ކޮމިޓީއަކުންނެވެ. އެ ކޮމިޓީތަކަށް މިނިވަން މުއައްސަސާތަކުގެ އިސް ވެރިންވެސް ހާޒިރު ކުރިއެވެ.

ނަމަވެސް ކުއްލިއަކަށް މމިދިޔަ އޭޕްރީލް މަހުގެ ތެރޭގައ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭކޮމިޓީގެ މެންބަރުކަމުން ނާޒިމް ވަކި ކުރިއެވެ. އެއަށްފަހު މެއި މަހުގެ ތެރޭގައި ނާޒިމް ނިސްބަތްވާ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ، ވަޓްސްއެޕް ގުރޫޕުން ވެސްް ބޭރުކޮށްލިއެވެ.

މީގެ އިތުރުން މަޖިލީހުގެ ނާއިބު ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ސުޕަމެޖޯރިޓީ އޮންނަ ނާޒިމްގެ އަމިއްލަ ޕާޓީ ޕީއެންސީގެ 73 މެންބަރުން ސޮއިކޮށް މިދިޔަ މެއިމަހުގެ 14ގައި މަޖިލީހަށް ހުށަހެޅިއެވެ.

ނަމަވެސް ނާޒިމް ވަކިކުރުމުގެ މައްސަލަ މެއި 31 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފައި އޮއްވައި ހަމަ އެދުވަހު މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވިއެވެ.