ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އޭނާގެ އަމިއްލަ ރަސްމީ ޔޫޓިއުބް ޗެނަލް "ބީއިންގް ދަ ސަލްމާން ޚާން" އިފްތިތާހުކޮށް، އޭނާގެ ހާއްސަ އެކްޓިން ސްޓައިލާއި ހަރަކާތްތައް ސަޕޯޓަރުންނަށް ދަސްކޮށްދޭން ފަށައިފިއެވެ.

މި ޗެނަލް އިފްތިތާހުކުރުމަށްފަހު ސަލްމާން ވަނީ އޭނާގެ އެކްޓިން ސްޓައިލާއި، ހަށިގަނޑުގެ ހަރަކާތްތަކާއި، ޑައިލޮގް ކިޔައިދޭ ގޮތް ދައްކުވައިދޭ ކުރު ވީޑިއޯތަކެއް ހިއްސާކޮށްފައެވެ. މި ވީޑިއޯތަކުގައި ސަލްމާން ފެންނަނީ އެކްޓިން ކޯޗެއްގެ ރޯލުންނާއި އެކަން ދަސްކުރާ ދަރިވަރެއްގެ ރޯލުންނެވެ.

ސަލްމާން މީސްމީޑިއާގެ މަންސައެއް ކަމަށްވާ އިންސްޓަގްރާމް މެދުވެރިކޮށް މި ޗެނަލްގެ ލިންކު ހިއްސާކުރަމުން ބުނީ، މިއީ އެންމެ ފެށުނީއްސުރެ ކަންކަން ކިޔައިދޭނެ ޗެނަލެއް ކަމަށެވެ. މި ޗެނަލުން އޭނާގެ ދިރިއުޅުމާއި މަސައްކަތާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި ޗެނަލް އިފްތިތާހުކުރިތާ ފުރަތަމަ ގަޑިއިރުގެ ތެރޭގައި 14,000 އަށްވުރެ ގިނަ މީހުން ވަނީ ޗެނަލް ސަބްސްކްރައިބް ކޮށްފައެވެ. ސަލްމާންގެ މި އާ ޑިޖިޓަލް މަންސައަށް އޭނާގެ ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ސަލްމާން ޚާން ފިލްމްސް މިޔުޒިކްގެ ނަމުގައި ޗެނަލެއް ހުޅުވާފައިވީ ނަމަވެސް، މި އާ ޗެނަލަކީ ސީދާ އޭނާގެ އަމިއްލަ ބްރޭންޑާއި އެކްޓިން ދާއިރާއަށް ހާއްސަ ޗެނަލެކެވެ. ސަލްމާން މި ދުވަސްވަރު އަންނަނީ "ބިގް ބޮސް 20" ހޯސްޓްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.