އެމެޒޯންގެ "ސްޕައިޑާ-ނުއާ" ސީރީޒްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ދޭން ޖެހޭ ހުއްދަ ލިޔުމުގައި ސޮއިކުރަން އިންކާރުކުރުމާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި އެ ކުންފުންޏާއެކު މަސައްކަތް ނުކުރާނެ ކަމަށް މަޝްހޫރު އެކްޓަރު ނިކޮލަސް ކޭޖް ބުނެފިއެވެ.
އޮކްޓޯބަރު 10 ގައި ބޭއްވި ނިއު ޔޯކް ކޮމިކް ކޮންގެ ޕެނަލް މަޝްވަރާއެއްގައި ވާހަކަދައްކަމުން ކޭޖް ބުނީ، އެމެޒޯންއަކީ އޭއައި ވަރަށް ބޮޑަށް ބަލައިގަންނަ ކުންފުންޏެއް ކަމަށެވެ. އޭނާއަކީ އޭއައިއަށް ތާއީދުކުރާ އެކްޓަރެއް ނޫން ކަމަށާއި، އެމެޒޯންގެ ކްލަބުގެ މެންބަރަކަށް ވާން ބޭނުން ނުވާ ކަމަށްވެސް އޭނާ ބުންޏެވެ.
އޮސްކާ އެވޯޑު ހޯދާފައިވާ އެކްޓަރު ބުނި ގޮތުގައި، ސްޕައިޑާ-ނުއާ ސީރީޒްގައި އޭނާގެ އެކްޓިންއާއި އަޑު އޭއައި މެދުވެރިކޮށް ބޭނުންކުރުމުގެ ހުއްދަ ދޭ ލިޔުމުގައި އޭނާ ސޮޔެއް ނުކުރެއެވެ. އެހެންކަމުން އެމެޒޯން ސްޓޫޑިއޯއާއެކު ދެން އިތުރަށް މަސައްކަތް ނުކުރެވުނަސް އެއީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މާވެލް ކޮމިކްސްގެ ރޯލެއްގެ މައްޗަށް ބިނާކޮށް އުފެއްދި ސްޕައިޑާ-ނުއާ ސީރީޒްގެ ފުރަތަމަ ސީޒަނަށްފަހު އެމެޒޯންއިން ވަނީ އެ ޝޯ ކުރިއަށް ނުގެންދަން ނިންމައިފައެވެ. ނަމަވެސް އެ ސީރީޒް ވަނީ އެމީ އެވޯޑްސްގެ 11 ނޮމިނޭޝަން ހޯދައި، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދައިފައެވެ.
ހޮލީވުޑްގެ ފިލްމީ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމާ ދެކޮޅަށް އަޑުއުފުލަމުން އަންނަ ފަންނާނުންގެ ތެރޭގައި ކޭޖް ހިމެނެއެވެ. އޭނާ ކުރިންވެސް ބުނެފައިވަނީ އިންސާނުންގެ ފަންނުވެރިކަމުގެ ބަދަލުގައި ރޮބޮޓްތައް ބޭނުންކުރުމަކީ ފިލްމީ ދާއިރާގެ އަސްލު ނެތިގެންދާނެ ކަމެއް ކަމަށެވެ.
އެމޭޒަން
އެމޭޒަން
އެމޭޒަން
އެމޭޒަން
ކޮމެންޓް