އެމޭޒަން އަދި އަލީއެކްސްޕްރެސްއިން ވިޔަފާރި ނުކުރެވޭ ގޮތަށް ބްލޮކްކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޮގުކޮށްފިއެވެ.

ބީއެމްއެެލުން މިއަދު ބުނީ އެ ސައިޓުތަކަށް އަމާޒުކޮށް ކާޑުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް އެއްވެސް ހުރަހެއް އަޅާފައި ނުވާ ކަމަށެވެ. ބީއެމްއެލުން ބުނީ ކާޑުގެ މުއާމަލާތްތައް ފެއިލްވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ މަހުގެ ފޮރިން ޓްރާންސެކްޝަން ލިމިޓް ހަމަވެފައިވުން ނުވަތަ ލިމިޓަށްވުރެ އިތުރަށް މުއާމަލާތް ކުރަން އުޅުން ކަމަށެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ނިޔަލަށް އެމޭޒަން އަދި އަލީއެކްސްޕްރެސްގައި އެކަނިވެސް 58,000 އަށްވުރެ ގިނަ މުއާމަލާތް ވަނީ ހިންގައިފައެވެ. ތަފާސްހިސާބުގައިވާ ގޮތުން އެ މުއާމަލާތްތަކުގެ ޖުމުލަ އަގަކީ 2.3 މިލިއަން ޑޮލަރެވެ.

ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވިޔަފާރީގެ ބޭނުމަށް، ބޭނުންކުރުން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. ބައެއް ކަސްޓަމަރުން އެމީހުންގެ އާމްދަނީއަށްވުރެ މާ ބޮޑެތި އަދަދުތަކުން މުއާމަލާތް ކުރަން މަސައްކަތް ކުރާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ވިޔަފާރި މުދާ އެތެރެކުރުމަށާއި، ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް ބިޒްނަސް ބޭންކިން ސޮލިއުޝަންތައް ބޭނުންކުރުމަށް އިލްތިމާސްކުރާކަމަށް ބީއެމްއެލުން ބުންޏެވެ. އެއީ އެފަދަ މުއާމަލާތްތަކަށް ބޭނުންވާ ލިޔެކިޔުންތައް ފަސޭހައިން ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ހިދުމަތެއް ކަމަށް ބީއެމްއެލުން ބުންޏެވެ.

ކާޑުން ކުރާ މުއާމަލާތްތަކުގެ ތަފާސްހިސާބު:

  • 2023: 311 މިލިއަން ޑޮލަރު
  • 2024: 389 މިލިއަން ޑޮލަރު
  • 2025: 524 މިލިއަން ޑޮލަރު
  • 2026 (ޖަނަވަރީގެ ނިޔަލަށް): 59 މިލިއަން ޑޮލަރު

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކްރެޑިޓް ކާޑުތަކުގެ ލިމިޓްތައް އިތުރުކޮށްފައިވާ ކަމަށާއި، މިދިޔަ އަަހަރުގެ ނޮވެމްބަރު މަހުގެ 11 އިން ފެށިގެން ބޭސްފަރުވާއާއި، ދަތުރުފަތުރުގެ ބޭނުންތަކަށް ޑެބިޓް ކާޑުން މަހަކު 3,000 ޑޮލަރާ ހަމައަށް ލިމިޓް ދެމުން އަންނަ ކަމަށް ބީއެމްއެލުން ބުންޏެވެ.

އަދި ރާއްޖޭން ބޭރުގެ އޭޓީއެމް/ޕީއޯއެސް މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅައިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ އާންމު ބޭނުންތަކަށް ބޭނުންވާ މިންވަރަށް ޑޮލަރު ހަމަޖައްސައިދެމުންދާ ކަމަށާއި، ނަމަވެސް އަމިއްލަ ކާޑު ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ނަމަ ލިމިޓް ހަމަވުމުގެ ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.