ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިޔާ، އަބްދުﷲ ފާރޫޤް ޙަސަން ލިޔުއްވާފައިވާ "ކައިރި ނަމަވެސް ދުރުގައިވާ މަލިކު" ގެ އިނގެރޭސި ތަރުޖަމާ އެމޭޒަންގައި ޝާއިއުކޮށްފި އެވެ.
"ކައިރި ނަމަވެސް ދުރުގައިވާ މަލިކު" ގެ އިނގެރޭސި ތަރުޖަމާ، "މިނިކޮއި އިސް ނިއަރ ޔެޓް ސޯ ފާ" ގެ ނަމުގައި މި ތަރުޖަމާ ކުރައްވާފައި ވަނީ މުޙައްމަދު ފާރޫޤް އެވެ.
މުޙައްމަދު ފާރޫޤް "ވަން" އަށް މިއަދު ވިދާޅުވިގޮތުގައި، އެމޭޒަންގައި މި ފޮތް ޝާއިއުކުރައްވާފައި ވަނީ އޭނާގެ އެމޭޒަން އެކައުންޓް މެދުވެރިކޮށެވެ.
"މިއީ ދިވެހިރާއްޖޭގެ ތާރީޚާ ގުޅުން ހުރި ވަރަށް މުހިންމު މައުލޫމާތުތަކެއް. މިފަދަ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ފެންނާން ހުރުމަކީ މުހިންމުކަމެއް." މި ތަރުޖަމާ އެމޭޒަންގައި ޝާއިއުކުރެއްވި މައިގަނޑު ސަބަބާ ގުޅޭގޮތުން މުޙައްމަދު ފާރޫޤް ވިދާޅުވިއެވެ.
"ކައިރި ނަމަވެސް ދުރުގައިވާ މަލިކު" އަކީ ޢަބްދުﷲ ފާރޫޤް ޙަސަން ފަތްތޫރައިގައި ޝާއިއުކުރެއްވި ލިޔުމެކެވެ. އޭގެ ފަހުން ބައެއް ބަދަލުތަކާއެކު، އޮންލައިން ނޫސް "ސަން" ގައިވެސް ޝާއިއުކުރައްވާފައިވެއެވެ. އެ ލިޔުމަކީ މަލިކާއި މަލިކު މީހުންނާ ގުޅޭގޮތުން ދިވެހިބަހުން ލިޔެފައިވާ އެންމެ ޢިލްމީ ތާރީޚީ ލިޔުމެވެ. ލިޔުން އެކުލަވައިލައްވައިފައިވަނީ، 1990 ވަނަ އަހަރު މަލިކަށް ފާރޫޤް ހަސަން ކުރެއްވި ދަތުރަށްފަހު އެވެ. އިންޓަވިއުތަކާއި މަލިކުގެ ފޮޓޯތަކާއި އެހެންނިހެން މައުލޫމާތު ތަކަކީ ފާރޫޤް ޙަސަން ސީދާ މަލިކުގައި ހުންނަވައިގެން އެއްކުރެއްވި މައުލޫމާތުތަކެވެ.
ފާރޫޤް ޙަސަން "ވަން" އަށް މިއަދު ވިދާޅުވީ، "ކައިރި ނަމަވެސް ދުރުގައިވާ މަލިކު" ދިވެހިބަހުން ފޮތެއްގެ ގޮތުގައި ނެރުއްވުމަކީ ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމެއް ކަމަށާއި އެކަމަށް ޓަކައި ބައެއް މަސައްކަތްތަކެއްވެސް ކުރައްވާފައިވާ ކަމަށެވެ.
ކުރީން މަލިކަކީ ދިވެހިރާއްޖޭގެ އެންމެ އުތުރު އަތޮޅެވެ. މަލިކު މީހުންގެ ބަހަކީ ވެސް ސާފު ދިވެހިބަހެވެ. މިހާރު މަލިކަކީ އިންޑިއާގެ ބައެކެވެ.
މަލިކު
މަލިކު
މަލިކު
މަލިކު