މިއަހަރު ނިމޭއިރު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު މިދިޔަ 2025 ވަނަ އަހަރާ އެއް އަދަދަކަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ 2025 ވަނަ އަހަރަކީ 2.275 މިލިއަން ފަތުރުވެރިންނާއެކު ދިވެހިރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައި އަހަރު ކަމަށެވެ. އަދި އެ އަހަރުގެ ރެކޯޑު އަދަދުތަކާ މިއަހަރުގެ ނަންބަރުތައް އަޅައިބަލާއިރު މިއަހަރު ނިމޭއިރު އެ އަދަދުތަކާ އަރައި ހަމަކުރެވޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރުގެ ރެކޯޑު އަދަދުތައް ހާސިލުކުރެވުނީ ރައްކާތެރިކަމުގެ މިންގަނޑުތައް މަތިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ސިވިލް އޭވިއޭޝަންގެ ދާއިރާއަށް ގެނެވުނު ބަދަލުތަކުގެ ސަބަބުންނެވެ. އެގޮތުން ކުރިން އައިކާއޯގެ އޮޑިޓުން ރާއްޖެއަށް 54 ޕަސެންޓު ލިބިފައި އޮތް ނަމަވެސް، އެންމެ ފަހުގެ އޮޑިޓުން ރާއްޖެއަށް 89.6 ޕަސެންޓު ލިބުމާއެކު ޔޫރަޕުގެ އިތުރު އެއާލައިންތައް ރާއްޖެއަށް ދަތުރުކުރަން ފެށިއެވެ.

މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ފަތުރުވެރިން އައި އަދަދު ކުރިއެރުން ހޯދި ނަމަވެސް، މެދުއަވަތީގައި ހިނގަމުންދިޔަ ހަނގުރާމައިގެ ސަބަބުން މާޗު، އެޕްރީލް އަދި މޭ މަހު ފަތުރުވެރިން އައި އަދަދު 26 ޕަސެންޓުން ދަށަށް ދިޔައެވެ. ނަމަވެސް ސަރުކާރާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީ ގުޅިގެން ކުރި މަސައްކަތުން މިހާރު އެ ދަށްވުން 1.3 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭވިއޭޝަން ދާއިރާގެ ސަލާމަތީ މިންގަނޑުތައް ރަނގަޅުވުމާއި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ރިކަވަރީ ހޯދަމުންދާތީ، މުޅި އިންޑަސްޓްރީއާއި ސަރުކާރުންވެސް އެކަމާ ހިތްހަމަޖެހޭ ކަމަށް މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.