ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑު ގާއިމުކުރުމަށް އެގްރިކަލްޗާ މިނިސްޓްރީން ކަމާބެހޭ ކައުންސިލްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްގެންދިޔައީ މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާއިފެވެ. ރަށްތަކުގެ ފަރާތުން ސޮއިކުރީ ކޮންމެ ރަށެއްގެ ކައުންސިލް ތަމްސީލުކުރާ މެންބަރެކެވެ. ބިން ހަމަޖައްސަވައިދެއްވި ކައުންސިލްތަކާއެކު ސޮއިކުރެވުނު މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދެވޭ މަސައްކަތެކެވެ.

11 އޮކްޓޯބަރު 2026، މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑު ގާއިމުކުރުމަށް އެގްރިކަލްޗާ މިނިސްޓްރީން ކަމާބެހޭ ކައުންސިލްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުން -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ

އެއްބަސްވުމުގައި ސޮއިކުރި 10 ރަށަކީ ހއ. ބާރަށާއި، ރ. އިނގުރައިދޫއާއި، ކ. ކާށިދޫއާއި، ކ. މާފުށްޓާއި، ކ. ތުލުސްދޫއާއި، މ. ވޭވަށާއި، ލ. އިސްދޫއާއި، ގއ. ގެމަނަފުށްޓާއި، ގދ. ހޯޑެއްދޫގެ އިތުރުން ގދ. ފިޔޯރީއެވެ. މި ދަނޑުތަކަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ ނަމޫނާ ދަނޑުތަކެކެވެ.

ކޮންމެ ދަނޑެއްގެ ބޮޑުމިނަކީ ދެ ހެކްޓަރާއި ހަތަރު ހެކްޓަރާ ދެމެދުގެ މިނެކެވެ. މި ދަނޑުތަކުގައި މައިގަނޑުގޮތެއްގައި ހައްދަން ނިންމާފައިވަނީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ، ދިގުމުއްދަތަކަށް ހެއްދޭ ބާވަތްތަކާއެކު ކުރު މުއްދަތެއްގައި ހެއްދޭ ކާނާގެ ބާވަތްތަކެވެ.

އެގްރޯފޮރެސްޓްރީ ނިޒާމަކީ އެއް ދަނޑެއްގައި ގަސްގަހާގެއްސާއި އެކި ބާވަތުގެ ދަނޑުގޮވާން އެކުގައި އިންދައިގެން ތިމާވެއްޓާ ރައްޓެހިކޮށް ކުރާ ދަނޑުވެރިކަމުގެ ނިޒާމެކެވެ. މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީއާއި އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

11 އޮކްޓޯބަރު 2026، މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، 10 ރަށެއްގައި އެގްރޯފޮރެސްޓްރީ ދަނޑު ގާއިމުކުރުމަށް އެގްރިކަލްޗާ މިނިސްޓްރީން ކަމާބެހޭ ކައުންސިލްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުން -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ

އެގްރިކަލްޗާ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދަނޑުތައް ހެދުމުގެ ސަބަބުން ދިގުމުއްދަތަކަށް ކާނާއާއި މުޑުވައްގަސް އުފެއްދުމަށް މަގުފަހިވެ، ރާއްޖޭގައި މި ބާވަތްތައް އުފެއްދޭ މިންވަރު އިތުރުވެ، ބޭރުން އެތެރެކުރަން ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ. އަދި މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފާގެ ދަށުން ކައުންސިލްތަކުން މި ދަނޑުތައް ހައްދާނެތީ، ރަށުގެ ދަނޑުވެރިންނަށް ރައްކާތެރިކަމާއެކު ދަނޑުވެރިކަން ކުރުމުގެ ފަންނީ މައުލޫމާތު ލިބިގެންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

މި ދަނޑުތަކުގެ ޒަރިއްޔާއިން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަތަރު ލައްކައަށްވުރެ ގިނަ ގަސް އުފެއްދޭނެ ކަމަށް މިނިސްޓްރީން އުންމީދުކުރެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައި، ތިމާވެއްޓާ ރައްޓެހި ޒަމާނީ ދަނޑުވެރިކަމަކަށް ރާއްޖޭގެ ދަނޑުވެރިކަން ބަދަލުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.