ބޮލީވުޑްގެ އެކްޓަރު ގުރްމީތު ޗޯދުރީއާއި އީޝާ މާލްވިޔާ މުހިންމު ރޯލުތަކުން ފެންނަ މިޔުޒިކަލް ރޮމޭންޓިކް ފިލްމު "ތުމް މޭރޭ ހޯ" ގެ އޮފިޝަލް ޓްރެއިލާ އާންމުކޮށްފިއެވެ.
އާޝިޝް ޕާންޑާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޓީވީ ތަރި އީޝާ މާލްވިޔާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. މީގެއިތުރުން މި ފިލްމަކީ ގުރްމީތު ޗޯދުރީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، ދެބްގުރޫ ފިލްމްސް މެދުވެރިކޮށް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސް މެއެވެ.
އާންމުކުރި ޓްރެއިލާއިން ފެންނަ ގޮތުގައި މިއީ ލޯބީގެ ފުން އިހުސާސްތަކާއި، ހިތްދަތިކަމާއި، އަދި އެކްޝަން ހަރަކާތްތައް އެކުލެވޭ އަސަރުގަދަ ވާހަކައެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ދެ ލޯބިވެރިންގެ މެދުގައި ހިނގާ ލޯބީގެ ހާދިސާތަކާއި، ކައިވެންޏަށްފަހު ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށެވެ. ޓްރެއިލާގައި ހިތްގައިމު މިޔުޒިކާއި، ވައިގެތެރޭގައި ކުރާ ސްކައިޑައިވިން ސްޓަންޓްތަކުގެ އިތުރުން ފޯރިގަދަ ހަރަކާތްތައް ހިމެނެއެވެ.
ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ގުރްމީތު ޗޯދުރީ ބުނީ "ތުމް މޭރޭ ހޯ" އަކީ އޭނާގެ ކެރިއަރުގައި ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ. އެކްޓަރެއްގެ ގޮތުންނާއި ޕްރޮޑިއުސަރެއްގެ ގޮތުން މި ފިލްމުގައި މަސައްކަތްކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، ބެލުންތެރިންނަށް ކަމުދާނެ އަސަރުގަދަ ވާހަކައެއް ގެނެސްދެވުނު ކަމަށް ގަބޫލުކުރެއެވެ.
އީޝާ މާލްވިޔާވެސް ވަނީ މިއީ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމަށްވުމުން ވަރަށް އުފާކުރާ ކަމަށް ބުނެފައެވެ. ގުރްމީތާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ ބޮޑު ތަޖުރިބާއެއް ކަމަށާއި ފިލްމުގެ ކެރެކްޓާތަކާ ބެލުންތެރިން ގުޅުވައިލަދޭނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ދެބްގުރޫ ފިލްމްސް އަދި ރޭވާ ކްރިއޭޓިވް ހައުސް ގުޅިގެން އުފައްދާފައިވާ މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އާރްތީ އެސް އާއި ދެބީނާ ބެނަރޖީއެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މި މަހުގެ 23 ގައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް