"ކާލާ ހިރަން" ފިލްމު ނެރުން ހުއްޓުވުމަށް އެކްޓަރު ސަލްމާން ޚާން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ދިއްލީ ހައިކޯޓަށް ލިބިގެން ނުވާ ކަމަށް ބުނެ ފިލްމު އުފެއްދުންތެރިޔާ ހުށަހެޅި ހުށަހެޅުމަށް ޖަވާބުދާރީވުމަށް ދިއްލީ ހައިކޯޓުން ސަލްމާނަށް ނޯޓިސް ފޮނުވައިފިއެވެ.

މި މައްސަލައަކީ ސަލްމާންގެ ޝަހުސީ ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނެ "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ފިލްމު ރިލީޒްކުރުން ހުއްޓުވުމަށް އޭނާ ހުށަހެޅި މައްސަލައެކެވެ. ފިލްމުގެ އުފެއްދުންތެރިޔާ އަމިތު ޖާނީ ވަނީ ކޯޓުގެ ސަރަހައްދީ އިހްތިސާސް ނެތް ކަމަށް ބުނެ ސަލްމާންގެ މައްސަލަ ބާތިލުކޮށްދިނުމަށް އެދިފައެވެ.

މި މައްސަލަ ބައްލަވާ ޖަސްޓިސް ތޭޖަސް ކާރިއާ ވަނީ އަމިތު ޖާނީގެ ހުށަހެޅުމަށް ޖަވާބުދާރީވުމަށް ސަލްމާނަށް 4 ހަފުތާގެ މުއްދަތެއް ދެއްވައިފައެވެ. މި މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުން ދިއްލީ ހައިކޯޓުގައި ތާވަލުކޮށްފައިވަނީ 16 ޑިސެމްބަރު 2026 އަށެވެ.

އުފެއްދުންތެރިޔާގެ ގާނޫނީ ވަކީލުން ކޯޓުގައި ބުނީ މައްސަލަ ހުށަހެޅި ސަލްމާން ދިރިއުޅެނީ މުމްބާއީގައި ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތްތައް ދިރިއުޅެނީ ނުވަތަ ވިޔަފާރި ކުރަނީ އުއްތަރަ ޕްރަދޭޝްގެ މީރުތުގައެވެ. އެހެންކަމުން މި މައްސަލަ ބެލުމުގެ ގާނޫނީ ބާރު ދިއްލީގެ ކޯޓަކަށް ލިބިގެން ނުވާކަމަށް އޭނާ ބުންޏެވެ.

އިންޓަނެޓް މެދުވެރިކޮށް ފިލްމުގެ ޕްރޮމޯޝަނަލް މެޓީރިއަލް ދިއްލީން ބެލޭގޮތް އޮތުމަކީ ދިއްލީ ހައިކޯޓަށް އިހްތިސާސް ލިބޭނެ ސަބަބެއް ނޫން ކަމަށްވެސް އުފެއްދުންތެރިޔާ ބުންޏެވެ. ފިލްމުގެ ޕްރޮމޯޝަނަލް މެޓީރިއަލް ދިއްލީގެ އާންމުންނަށް ހާއްސަކޮށްގެން ނެރެފައިވާ ކަމަށް ސަލްމާން ބުނެފައި ނުވާކަންވެސް ފާހަގަކުރިއެވެ.

ސަލްމާން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މި ފިލްމަކީ 1998 ވަނަ އަހަރު އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން ވަނީ މިއީ ސަލްމާންގެ ބަޔޯޕިކެއް ނޫން ކަމަށާއި އާންމު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ބުނެފައެވެ.

މީގެ ކުރިން ދިއްލީ ހައިކޯޓުން ވަނީ މި ފިލްމުގެ ޓީޒާ އަދި އިޝްތިހާރުތައް ސޯޝަލް މީޑިއާއިން ނެގުމަށް ވަގުތީ އަމުރެއް ނެރެފައެވެ. މިހާރު ފިލްމު ސެންސަރު ބޯޑުން ފާސްކޮށްފައި ނުވާތީ ފިލްމު ރިލީޒްކުރުމުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.