ނޮވެމްބަރު 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ކުރިން އީރާނަށް އެއްވެސް އަސްކަރީ ގަމަލާއެއް ނުދޭނެކަމަށް ޓްރަމްޕް އިއްޔެ އިއުލާނުކުރައްވައިފިއެވެ.
މިކަން އިއުލާނުކުރައްވައި ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާއެކު މިހާރު ކުރިއަށްދަނީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ. މި ވަގުތު އީރާން އޮތީ އިގްތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން ވަރަށް ދަށްފަންތިއެއްގައިކަން ވެސް ފާހަގަކުރެއްވިއެވެ.
އެމެރިކާއިން އީރާނަށް ސީދާ ހަމަލާނުދިން ނަމަވެސް، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބަނދަރުތައް ބަންދުކުރުމުގެ އަމުރު އެގޮތުގައި ދެމިއޮންނާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން ހޮރްމުޒް ކަނޑުއޮޅިން އެމެރިކާގެ ބެލުމުގެ ދަށުން 22 މިލިއަން ފީފާގެ ތެޔޮ އެންމެ ރެޔަކު ބޭރުކޮށްފައިވާކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ. ނަމަވެސް އޭގެ ތެރޭގައި އީރާނުގެ އެއްވެސް ތެލެއް ނުހިމެނޭކަމަށް ވިދާޅުވިއެވެ. އަދި އީރާނަށް ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އެމެރިކާއިން ނުދޭނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
މިދިޔަ ފެބްރުއަރީ މަހު އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަށްފަހު، ފާއިތުވި 8 މަސްދުވަހު ދެ ގައުމުގެ ދެމެދުގައި ވަނީ ހަނގުރާމައިގެ ހާލަތު އުފެދިފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، އެމެރިކާގެ އެތެރޭގެ ތަކެތީގެ އަގުތަކަށް ވެސް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް އެމެރިކާގެ ރައްޔިތުންގެ މެދުގައި ހަނގުރާމައާމެދު އޮތް ކަންބޮޑުވުންތައް ކުޑަކުރުމަށް ޓްރަމްޕް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މުހައްލިލުން ލަފާކުރެއެވެ.
އިންތިޚާބުގެ ކުރިން ހަމަލާ ނުދޭނެކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މީގެ ކުރިން ވައިޓް ހައުސްއިން ވަނީ އިންތިޚާބުގެ ކުރިން ހަމަލާދިނުމުގެ ރޭވުންތަކެއް އެކުލަވައިލުމަށް ޕެންޓަގަންއަށް އަންގާފައިކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. ހަމައެއާއެކު، އިންތިޚާބަށްފަހު އަލުން އަސްކަރީ ހަމަލާތައް ފެށުމުގެ ފުރުސަތު އެބައޮތްކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ. މިހާރު ވެސް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ މެދުއިރުމައްޗަށް އިތުރު ސިފައިންނާއި މަނަވަރުތައް ފޮނުވުމަށް ތައްޔާރުވަމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް