ކެނެޑާގެ 61 އަހަރުގެ ޑޯނާޖީން ވައިލްޑް 5 ގަޑިއިރު ވާންދެން މެދުކެނޑުމެއް ނެތި ޕްލޭންކް ޕޮޒިޝަންގައި އޮވެ، އަންހެނުންގެ އެބްޑޮމިނަލް ޕްލޭންކިންގެ ދުނިޔޭގެ ރެކޯޑު 7 އޮކްޓޫބަރު 2026 ގައި މުގުރާލައިފިއެވެ.
މި ތާރީޚީ ކާމިޔާބީ އޭނާ ހާސިލުކުރީ އެމެރިކާގެ ޔޫޓާގެ ސެންޓް ޖޯޖްގައި ބޭއްވި ހަންޓްސްމަން ވޯލްޑް ސީނިއާ ގޭމްސްގައެވެ. މި ހަރަކާތުގައި އޭނާ ވަނީ ކުރިން އަމިއްލައަށް ގާއިމުކޮށްފައިވާ ދުނިޔޭގެ ރެކޯޑަށް 30 މިނެޓުގެ ކުރިއެރުމެއް ހޯދާފައެވެ.
ވައިލްޑް އެންމެ ފުރަތަމަ މި ރެކޯޑު ގާއިމުކުރީ 2024 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ ފަހަރު އޭނާ ޕްލޭންކް ޕޮޒިޝަންގައި އޮތީ 4 ގަޑިއިރާއި 30 މިނެޓާއި 11 ސިކުންތު ވަންދެންނެވެ.
އެއް މާގަނޑަކަށް ހަށިގަނޑު ސީދާކޮށްގެން ތިބޭ މި ކަސްރަތު ކުރަން އޭނާ ފެށީ މީގެ 12 އަހަރު ކުރިންނެވެ. އަތްތިލައަށް ލިބުނު އަނިޔާއަކާ ގުޅިގެން އެހެން ކަސްރަތުތައް ނުކުރެވުމުން، އޭނާ ޚިޔާރުކުރީ ޕްލޭންކް ކުރުމެވެ.
ކުރީގެ ސުކޫލު ޕްރިންސިޕަލެއްގެ އިތުރުން 12 މާމަ ދަރިންގެ މާމައެއް ކަމަށްވާ ވައިލްޑް ވަނީ ތަމްރީނުތަކުގައި ގިނަ ގަޑިއިރުތަކެއް ޕްލޭންކް ކުރުމުގައި ހޭދަކޮށްފައެވެ. އޭނާގެ މި ހިތްވަރުގަދަ އަމަލުން ސާބިތުކޮށްދިނީ އުމުރުން ދުވަސްވުމަކީ އަމާޒުތައް ހާސިލުކުރުމަށް އޮތް ހުރަހެއް ނޫން ކަމެވެ.
މި ހަރަކާތް ބެލުމަށް އެއްވި މީހުންނާއި ސޯޝަލް މީޑިއާގައި މި ވީޑިއޯ ބެލި ގިނަ ބަޔަކު ވަނީ އޭނާގެ އަޒުމާއި ބާރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ދުނިޔޭގެ ރެކޯޑު
ކޮމެންޓް