އިންޑިއާގެ މަހާރާޝްޓުރާގެ އުމްރޭދުގައި ބޭއްވި ހަރަކާތެއްގައި 50 މީޓަރުގެ ލިމްބޯ ސްކޭޓިން ރޭސް އެންމެ 6.86 ސިކުންތުން ނިންމައިގެން، އިންޑިއާގެ މެޑިކަލް ދަރިވަރު ސްރިޝްތީ ދަރްމެންދުރާ ޝަރުމާ އޭނާގެ އަމިއްލަ ދުނިޔޭގެ ރެކޯޑު އަލުން މުގުރާލައިފިއެވެ.

މި ހަރަކާތް ކުރިއަށްދިޔައީ މަހާރާޝްޓުރާގެ އުމްރޭދު-ސެވް މަގުގައެވެ. ސްރިޝްތީ ވަނީ ބިމާ ވަރަށް ކައިރިއަށް ހަށިގަނޑު ތިރިކޮށް، ތިރިއަށް ތިރިކުރަމުންދިޔަ ހުރަސްތަކުގެ ދަށުން ބިންމަތީގައި ނުވަތަ ހުރަސްތަކުގައި ނުޖެހި، ވަރަށް ހަލުވިކަމާއެކު 50 މީޓަރުގެ ރާސްތާ ކަޑައްތުކޮށްފައެވެ.

މި ކާމިޔާބީއާއެކު އޭނާ ވަނީ މީގެ ކުރިން 2025 ވަނަ އަހަރު ހަދާފައިވާ 7.46 ސިކުންތުގެ ރެކޯޑާއި 2023 ވަނަ އަހަރު ހަދާފައިވާ 6.94 ސިކުންތުގެ ރެކޯޑު މުގުރާލާފައެވެ. ގިނަ އަހަރުތަކެއް ވަންދެން ލިމްބޯ ސްކޭޓިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ ސްރިޝްތީއަކީ ސިއްހީ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރެކެވެ.

އުމުރުން 11 އަހަރުން ފެށިގެން ގިނަ ރެކޯޑުތަކެއް ހަދަމުން އަންނަ ސްރިޝްތީ ވަނީ އޭނާގެ ކުޅިވަރުގެ ކާމިޔާބީތައް މެދުވެރިކޮށް އަންހެން ކުދިންނަށް ތައުލީމު ދިނުމާއި އަންހެނުން ބާރުވެރިކުރުމުގެ މުހިންމު މެސެޖުތައް ފަތުރައިފައެވެ. ހާއްސަކޮށް އަންހެން ކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ކެމްޕޭންތަކަށް އެހީތެރިވުމުގެ ގޮތުން އޭނާ އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ.

ގިނީސް ވޯލްޑް ރެކޯޑްސްއިން ވަނީ އޭނާގެ މި އާ ރެކޯޑު ރަސްމީކޮށް ބަލައިގަނެ، މީސްމީޑިއާގެ މަންސަތަކުގައި އެކަން ހާމަކޮށްފައެވެ. އޭނާގެ މި ހާއްސަ ކާމިޔާބީއަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.