ރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ގެނައުމުގައި ދިމާވި ދަތިތައް ހައްލުކުރެވި، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި އާންމު އުސޫލުން ޕާސްޕޯޓް ދޫކުރަން ފަށާނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހްސާން ވިދާޅުވީ، ރާއްޖޭގެ ޕާސްޕޯޓް ޕްރިންޓްކުރާ ޖަރުމަނުގެ ޑާމަލޮގް ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައަކާ ގުޅިގެން، ކަނޑައެޅިފައިވާ ތާރީހަށް ބުކްލެޓްތައް ފޮނުވުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ.

އެހެންކަމުން، ރާއްޖޭގައި ހުރި ބުކްލެޓްތަކުގެ ސްޓޮކް ހުސްނުވެ ހިފެހެއްޓުމަށާއި، ބޭސްފަރުވާ ފަދަ ޒަރޫރީ ހާލަތްތަކުގައި ފުރަންޖެހޭ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ޕާސްޕޯޓް ދޫކުރުމަށް ވަގުތީ ހާއްސަ އުސޫލުތަކަކަށް އަމަލުކުރަން ޖެހުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް، އެ މައްސަލަ މިހާރު މުޅިން ހައްލުކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާ ބަންދުގައި ބުކްލެޓްތަކުގެ އާ ސްޓޮކް ރާއްޖެ ގެނެވޭނެކަމަށް އިހްސާން ވިދާޅުވިއެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް އާންމުކޮށް ހުރިހާ ފަރާތްތަކަށްވެސް ޕާސްޕޯޓް ދޫކުރަން ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މި ވަގުތު ޕާސްޕޯޓް ނުހެދި މަޑުޖެހިފައިވާ (ބެކްލޮގްގައިވާ) 2،600 އަށް ވުރެ ގިނަ ޕާސްޕޯޓް އެބަހުރިކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ، އެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށް ފަސް ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި މިފަދަ އެއްވެސް ދައްޗެއް ކުރިމަތިނުވެ، ހިދުމަތަށް އެދޭ ރައްޔިތުންނަށް އޮމާންކަމާއެކު ޕާސްޕޯޓް ލިބެމުންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.