( 1 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، مطـــعـــم بـــن عـــدى ގެ މިއެހީތެރިކަމުގެ އަގު ވަޒަންކުރެއްވިއެވެ. އޭނާގެ ފުށުން ލިބިވަޑައިގެންފައިހުރި އުނދަގޫފުޅުތަކެއް ހުރިކަމުގައި ވިޔަސްވެހެވެ. ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ނަޞްރުލިބި ޤުރައިޝުންގެ ހަތްދިހަ މީހުން ހައްޔަރުވުމުން އެމީހުނާ ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. މިއަދު مطـــعـــم بـــن عـــدى ދުނިޔޭގައި ހުރެފައި އޭނާ އައިސް މިއެންމެނާ ބެހޭގޮތުން ސަކާކުރިކަމުގައިވީނަމަ މި އެންމެން އޭނާއަށް ދެއްވީމުހެވެ. އިންސާނިއްޔަތުގެ މުޙުސިނުގެ ޚުލުޤުފުޅުގެ މާތްކަންހުރީ މިގޮތަށެވެ. مطـــعـــم ވަނީ ބަދުރު ހަނގުރާމައިގެ ކުރީން މަރުވެފައެވެ. އޭނާ މަރުވީ ކާފަރުކަންމަތީގައެވެ.

އިސްލާމީ ދަޢުވަތު ޢަރަބި ޤަބީލާތަކަށް

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޠާއިފުގެ ދަތުރުފުޅަށްފަހު މައްކާއަށް އެނބުރިވަޑައިގެންނެވުމަކީ އެމާތް ސާހިބާ މައްކާގައި ހިންގަވަމުން ގެންދެވި އިންޤިލާބީ އިސްލާމީ ތަޙުރީކު ކުރިޔަށް ގެންދަވާން ލިބިވަޑައިގެންނެވި އައު ފުރުޞަތެކެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޠާއިފުގައި ހުންނެވިއިރުވެސް އެމާތް ސާހިބާގެ މިތުރު ޞަޙާބީން ގެންދެވީ އެބޭކަލުންގެ ދަޢުވަތުގެ މަސައްކަތްޕުޅު ކުރިޔަށް ގެންދަވަމުންނެވެ. މައްކާގެ އޭރުގެ މަސްރަޙު އޮތްގޮތަށް ރިޢާޔަތްކުރައްވައި އެބޭކަލުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވީ ތަންކޮޅެއް ނިވާކޮށެވެ. ވަންހަނާކަމާ އެކުގައެވެ. އަޑިއަޑީންނެވެ.

ޝައްކެއްވެސްނެތެވެ. ކުރީންވެސް ދެންނެވި ފަދައިން ކޮމާންޑަރަކުނެތް ލަޝްކަރުތަކާއި ޤާއިދަކުނެތް އިންޤިލާބީ ހަރަކާތްތައް މިސްރާބުން ކަސިޔާރުވުމަކީ ދާދިގާތުގައި އޮންނަ ކަމެކެވެ. އެހެންކަމުން ޞަޙާބީން ތިއްބެވީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޤިޔާދަތަށް ވަރަށްބޮޑަށް ބޭނުންފުޅުވެފައެވެ. އެމާތް ސާހިބާގެ އިރުޝާދާއި މަޝްވަރާއަށް ނިހާޔަތަށް މުހުތާދުވެވަޑައިގެންފައެވެ.

އައު ތާރީޚުތައް އުފައްދަވާ އިންޤިލާބީ ޝަޚުޞިއްޔަތުންނަކީ ކުރިމަތިވާ މުސީބަތްތަކާއި ނާކާމިޔާބީތަކުގެ ސަބަބުން ހިތްވަރު އެލުވައިލައްވާ ބަޔެއްނޫނެވެ. ފަހަތަށް ޖެހިވަޑައިގަންނަވާ ބަޔެއްނޫނެވެ. އަދި ކީއްތޯއެވެ. ކުރިމަތިވާ ހުރަސްތައް އުސްވެފައި ފުޅާވިވަރަކަށް އެފަދަ ފަރާތްޕުޅުތަކުގެ ހިތްވަރުފުޅާއި ފަންވަރުފުޅުވަނީ ވަރުގަދައެވެ. ޢަޒުމުފުޅުވަނީ ވަރުގަދައެވެ. ސާބިތުކަންވަނީ އިތުރެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޠާއިފުގެ ދަތުރުފުޅުގައި ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި މުސީބާތްތަކާއި ލިބިވަޑައިގެންނެވި ނާކާމިޔާބީގެ ސަބަބުން އެމާތް ސާހިބާގެ ހިތްވަރުފުޅުވެސް ވަނީ ވަކީން ގަދަވެފައެވެ. އަމިއްލަފުޅު ނަފުސުގެ އިތުބާރުވަނީ ސައްތައިންސައްތަ އިތުރުވެފައެވެ. މައްކާއަށް ފައިންޕުޅު ބީއްސެވުމަށްފަހު އައުފޯރިޔަކާއި އިތުރު ޖޯޝަކާއެކު އެމާތް ސާހިބާގެ ދަޢުވަތުގެ މަސައްކަތްޕުޅުގައި ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ނަމަވެސް އެހައިތަނުން ފެށިގެން މައްކާގެ މައިދާނަށް ޚާއްޞަކުރެއްވީ ޞަޙާބީންނެވެ. އިތުރު ސާހިބާ އެންމެބޮޑަށް ސަމާލުކަން ދެއްވީ ޢަރަބި ޤަބީލާތަކަށް ދީނުގެ ދަޢުވަތު ރައްދުކުރެއްވުމަށެވެ.

ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޠާއިފުން އެނބުރި މައްކާއަށް ފައިންޕުޅު ބީއްސެވީ ނަބީކަމުގެ ދިހަވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގައެވެ. (މީލާދީން 619 ވަނަ އަހަރުގެ ޖޫންމަހުގެ ފަހުކޮޅު ނުވަތަ ޖުލައިމަހުގެ ކުރީކޮޅުގައެވެ.) އޭރު ޙައްޖު މޫސުން އޮތީ ވަރަށް ކައިރިވެފައެވެ. ޢަރަބިކަރައިގެ ކަންކޮޅުތަކުން ޙައްޖާޖީންވަނީ މައްކާއަށް އަންނާން ފަށައިފައެވެ. އެހެންކަމުން ޤަބީލާތަކުގެ މީހުންގެ ގާތަށް ވަޑައިގެން އެމީހުނަށް ދީނުގެ ދަޢުވަތު ދެއްވުމުގައި ހީވާގިވެވަޑައިގެންނެވިއެވެ. ނަބީކަމުގެ ހަތަރުވަނަ އަހަރުން ފެށިގެން ކައުސާހިބާގެ އާދަފުޅެއްކަމުގައި ހައްދަވައިފައިވާ ފަދައިންނެވެ. އިތުރު ސާހިބާގެ މިނިންމެވުމަށްފަހު އެމާތް ސާހިބާ ސީދާ ދަޢުވަތުދެއްވި ޢަރަބި ޤަބީލާތަކުގެ ގޮތުގައި މުއައްރިޚުން ފާހަގަކުރައްވަނީ ބަނޫޢާމިރު، މުޙާރިބު، ފަޒާރާ، ޣައްސާން، މުއްރާ، ޙުނައިފާ، ސުލައިމު، ބަނޫނަޟަރު، ކިންދާ، ކުލަބު، ޙާރިޘު ބިންކަޢުބު، ޢަޒުރަހު، ޙަޟާރިމާ، ޝައިބާން މި ޤަބީލާތަކެވެ. ނަމަވެސް ސީރަތުގެ ބައެއް އެދުރުން ވިދާޅުވާގޮތުގައި މީގެތެރެއިން ބައެއް ޤަބީލާތަކަކީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ނަބީކަމުގެ ހަތަރުވަނަ އަހަރުން ފެށިގެން އެކިފަހަރުމަތީން ދީނުގެ ދަޢުވަތުދެއްވި ޤަބީލާތަކެވެ. ކޮންމެއަކަސް ހިޖުރައިގެ ކުރީން އެންމެފަހަށްއައި ޙައްޖުމޫސުމާ ހަމަޔަށްވެސް ކައުސާހިބާ ޢަރަބި ޤަބީލާތަކަށް ދީނުގެ ދަޢުވަތު ދެއްވަމުން ގެންދެވިއެވެ.

އިސްލާމްދީނުގެ ދުޝްމިނު أبـــولــهب ހިޔަންޏެއްފަދައިން ހުންނަނީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފަހަތްޕުޅުން އަޅައިގެންފައެވެ. އިތުރު ސާހިބާ ފައިންޕުޅު ބީއްސަވާ ކޮންމެތަނަކަށް އޭނާ އެމާތް ސާހިބާގެ ފަހަތްޕުޅުންދެއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޤުރްއާން ކިޔަވައިވިދާޅުވާން ފައްޓަވާއިރަށް އޭނާ އެކަމަށް ހުރަސްއަޅައެވެ. މީސްތަކުން ކީރިތި ޤުރްއާނުގެ އަޑުއެހިޔަ ނުދިނުމަށްޓަކައެވެ. އިތުރު ސާހިބާ ވާހަކަފުޅެއް ދައްކަވާން ފައްޓަވާއިރަށް أبـــولــهب އާއި އޭނާގެ އެކުވެރީން ހަޅޭއްފަޅޭއްލަވާން ފަށައެވެ. އެއްވެސްމީހަކަށް އެވާހަކަފުޅު އަޑުއިވުނަކަ ނުދެއެވެ. އޭގެއިތުރަށް ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ބެހޭގޮތުން ނުހަނު ވިހަބަސްތައް މީހުންނަށް އިއްވަމުން ގެންދެއެވެ. "މިއީ އަހަރެމެންގެ މޮޔަކުއްޖެކެވެ. މީނާގެ ވާހަކަ އަޑުނާހާށެވެ. މީނާއަކީ މުރުތައްދުވެ ދީނުން ބޭރުވެފައިހުރި މީހެކެވެ." މިފަދަ އެތައް ވާހަކަތަކެއް ދައްކަމުން ގެންދެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ފޮނިފޮނި ރީތި ފުރިހަމަ ވާހަކަދެއްކެވުންތެރިކަމުގެ އަސަރު މީސްތަކުންގެ ހިތްތަކަށް ފޯރިޔަނުދިނުމަށްޓަކައެވެ. މާތް اللّــــه ގެ ކަލާމްފުޅުގައިވާ ބުއްދިތައް އަންތަރީސްކޮށްލާފަދަ ބަލާޣަތާއި ޙައްޤު ފާޅުކުރެއްވުމުގެ ޖާދޫއިން މީހުންގެ ސިކުނޑިތައް ފަތަޙަވިޔަ ނުދިނުމަށްޓަކައެވެ.

ޝައްކެއްނެތެވެ. އިސްލާމްދީނުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މުހިންމަތަކީ އިންސާނިއްޔަތަށްޓަކައި ލާބައާއި މަންފާއާއި ހެޔޮކަމުގެ މުހިންމަތެކެވެ. އިތުރު ސާހިބާގެ މުހިންމަތުގެ މަޤްޞަދަކީ އިންސާނުންނާއި އެބައިމީހުންގެ ވެރިރަސްކަލާނގެ ރަސްކަންފުޅާ ގުޅުއްވައިދެއްވުމެވެ. އިންސާނުން އެބައިމީހުންގެ ޙަޤީޤީ އިލާހަށް ލޮބުވަތައި ކިޔަމަންކުރެއްވުމެވެ. أبـــولــهب ގެ މުހިންމަތަކީ ނުބައިކަމުގެ ފަރާތަށް އިންސާނުން ގެންދިޔުމެވެ. ފަސާދަކުރުމެވެ. އިންސާނުން އެބައިމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ރަސްކަންފުޅާ ދުރުކުރުވުމެވެ.

ދުވާލުގެ އަލިކަމާއި ރޭގަނޑުގެ އަނދިރިކަމާ ގުޅިފައިވާ ފަދައިން ޝައިޠާނާވެސް ހުންނަނީ އިންސާނާއާ އަބަދުވެސް އަވަލައިފައެވެ. ފަހަތުގައި ޖައްސައިފައެވެ. އިންސާނީ ތާރީޚުން އެނގޭފަދައިން އިންސާނެއްގެ ދަރަޖަ މަތިވެރިވި ވަރަކަށް އެމީހަކާ އަޅައިގަނެގެންއުޅޭ ޝައިޠާނާވެސް ވަރުގަދައެވެ. ޝައިޠާނާގެ މަސައްކަތް ވަރުގަދަވީވަރަކަށް ރައްބާނީ އިންސާނުންގެ ޠަބީޢީ ޤާބިލިއްޔަތު ދަނީ އިތުރުވަމުންނެވެ. އެބައިމީހުންގެ ހަކަތައާއި ބުންވަރު ދަނީ ގަދަވަމުންނެވެ. أبـــولــهب އަކީވެސް ޤުރައިޝުވަންހައިގެ ނުފޫޒުހުރި ގަދަފަދަ ޝައިޠާނެކެވެ. ޝައިޠާނިއްޔަތުކަމުގައި އަރައިހުރި ޝައިޠާނެކެވެ. އޭނާ އެންމެ އުފާވާ ކަމަކީ އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިންސާނިއްޔަތުގެ ހެވަތަޔަށްޓަކައި ކުރައްވާ މަސައްކަތްޕުޅަށް ހުރަސްއެޅުމެވެ. أبـــولــهب ގެ ހަލާކުހުރި މަސައްކަތަކީ އޭނާ ދެކޭގޮތުގައި އޭނާގެ ކާމިޔާބީއެވެ. ނަމަވެސް ތާރީޚު ހެކިވާފަދައިން އިންސާނިއްޔަތާއި ޙައްޤުގެ ދުޝްމިނު أبـــولــهب މަރުވެފައިވަނީ މުރާދު ހާސިލުނުވެއެވެ. ނާކާމިޔާބުވެގެންނެވެ.

އިސްލާމްދީނުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިންސާނިއްޔަތުގެ ލާބައަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގައި ޤަބީލާތަކަށް ދީނަށް ގޮވައިލެއްވުމުގައިވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ވަރަށް އިދި މޫސުންތަކަކާއެވެ. ނަމަވެސް އިތުރު ސާހިބާ ނުހަނު ސާބިތުކަމާއެކު ކުރިޔަށް ވަޑައިގެންނެވިއެވެ. އެދުވަސްވަރުގެ މަހާސަމާތަކަށާއި، ޢުކާޒާއި ޛުލްމަޖާޒުފަދަ ބާޒާރުތަކަށްވެސް ވަޑައިގެންނެވިއެވެ. އިސްލާމީ ތަޙުރީކުގައި ބައިވެރިވުމަށް މީސްތަކުންނަށް ދަޢުވަތުދެއްވަމުން ގެންދެވިއެވެ. ޙައްޖު މޫސުމުގައި މައްކާގެ ރަށްބޭރުންނާއި މިނާއިން ޙައްޖުވެރީންނާ ބައްދަލުކުރައްވައި ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެ ދެއްވިއެވެ. އިސްލާމީ ދަޢުވަތަށް އިޖާބަދޭ މީހުންނަށް ދުނިޔެމަތީންވެސް އިލާހީ މަތިވެރި ނަސީބު ލިބޭނެކަމުގެ ހެޔޮޚަބަރު ދެއްވިއެވެ. ސަލާމަތްތެރި، އަމާން، ތަނަވަސް ދިރިއުޅުމެއް ލިބޭނެ ވާހަކަ ވިދާޅުވެދެއްވިއެވެ. އާރާއި ބާރުހުރި ރަސްކަމަކާއި ދުނިޔޭގެ ޤައުމުތަކުގެ ޤިޔާދަތު ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ.

ހަމައެޔާއެކު ތިމާގެ ޢަމަލުތަކަށް ބަދަލުލިބުމަށް ޤުދުރަތުން ރާއްވަވައިފައިވާ ޤާނޫނާމެދު ބިރުވެތިވުމަށް ހަނދާންކޮށްދެއްވައި އިންޒާރު ކުރެއްވިއެވެ. ސުވަރުގޭގެ ދާއިމަށް ދެމިތިބޭ ދިރިއުޅުމުގެ އުފާވެރި ޚަބަރުވެސް ދެއްވަމުން ގެންދެވިއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ވާހަކަފުޅު ބައެއް ޤަބީލާތަކުގެ މީހުން އަޑުއަހައެވެ. އެވާހަކަފުޅުން އެމީހުންނަށް އަސަރުވެސް ކުރެއެވެ. ނަމަވެސް އެބައިމީހުންނަކަށް ޝިރުކާއި ބުދަށް އަޅުކަންކުރުމުގެ މުސްކުޅި އާދަ ދޫކޮށްލާކަށެއް އެއްބަހެއް ނުވެވެއެވެ. އޭގެ އެއްސަބަބަކީ ޢަރަބީންގެ ކަށީގައި ހިފައިފައިވާ ކާބަފައިންނަށް އަޅުދާސްވުމުގެ އާދައެވެ. ޢަރަބީންގެ ޤަބީލީ ނިޒާމުގައި ޤަބީލާގެ ރައީސުގެ ބަހަކީ ފަހުބަހެވެ. އޭނާގެ އަމުރަކީ އެންމެފަހުގެ ނިޔާއެވެ. އެއަމުރާ ޚިލާފުވުމަކީ މީހެއްގެ ތަޞައްވުރަށްވެސް ގެނެވޭފަދަ ކަމެއްނޫނެވެ. މުނިފޫހިފިލުވުމުގެ މަހެފިލްތަކުގައިވެސް ހަނގުރާމައިގެ މައިދާންތަކުގައިވެސް އަމީރަށް ކިޔަމަންވުމަކީ އެބައިމީހުންގެ ޝިޢާރެވެ. މޮޓޯއެވެ. އެބައިމީހުންގެ އެއްބައިވަންތަކަމާއި، ވެރިކަމުގެ ނިޒާމާއި އާރާއި ބާރުގެ ސިއްރަކީ އެއީއެވެ. އެދުވަސްވަރުގެ ސިޔާސީ މަސްރަޙުގައި އެބައިމީހުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޖާމިނަކީވެސް އެއީއެވެ. މިދެންނެވި "މާތް ކާބަފައިންނާއި އިޙުތިރާމު ލިބިގެންވާ ބޮޑުން" ގެ ޢަޤީދާ ވަނީ އެބައިމީހުންގެ ގާތުގައި ވަރަށް މުޤައްދަސް ޢަޤީދާއަކަށް ވެފައެވެ. އެބައިމީހުންގެ ދިރިއުޅުމާ ވަކިނުކުރެވޭނެ ބަޔަކަށްވެފައެވެ.

(ނުނިމޭ)