އިންސާނިއްޔަތާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ކުށް ސާބިތުވެ، ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމްކޮށްފިއެވެ.

ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަތައް ބަލާ ބަންގުލަދޭޝްގެ ހާއްސަ ކޯޓެއް ކަމަށްވާ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް (އައިސީޓީ) އިން މިއަދު ކުރި ހުކުމުގައި ވަނީ، މިދިޔަ އަހަރު ދަރިވަރުން ކުރި މުޒާހަރާތަކުގެ ތެރޭގައި ދީފައިވާ ހަމަލާތަކަކީ އާންމު ރައްޔިތުންނަށް އަމާޒުކޮށް، ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާފައިވާ ހަމަލާތަކެއް ކަމަށެވެ.

އެހެންކަމުން، މުޒާހަރާ ކުރި ފަރާތްތައް މަރައި، އަދި އެ ފަރާތްތަކަށް ނުރައްކާތެރި ޒަހަމްތައް ދިނުމުގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން، ތުހުމަތުކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާ، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގަވާފައިވަނީ އެކަމަށް ހިތްވަރުދޭ އަމުރުތައް ދެއްވުމުގެ އިތުރުން، އެފަދަ އަމަލުތައް ހުއްޓުވުމަށް އަޅާން ޖެހޭ ފިޔަވަޅުތަކާއި އަދަބު ދިނުމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަކުރެއްވުމުގެ ސަބަބުން ކަމަށް ހުކުމުގައިވެއެވެ.

"ޝެއިޚް ހަސީނާ ވަނީ ޑްރޯނާއި، ހެލިކޮޕްޓަރާއި، އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމަށް އަމުރުކުރެއްވުމުގެ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ހިންގަވާފައި،" ހުކުމުގައިވެއެވެ.

އެހެންކަމުން އެ ކުށްތައް ސާބިތުވާތީ، ކޯޓުން ވަނީ ޝެއިޚް ހަސީނާ މެރުމަށް ހުކުމްކޮށްފައެވެ. އޭނާގެ އިތުރުން ބަންގުލަދޭޝްގެ ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ ވެސް މަރަން ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި ބަންގުލަދޭޝްގެ ފުލުހުންގެ ކުރީގެ ވެރިޔާ ޗައުދަރީ އަލް މާމުންގެ މައްޗަށް ވެސް ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ކުރީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

މިދިޔަ އަހަރު ހިނގި އެ ހަމަނުޖެހުންތަކުގައި ބަންގުލަދޭޝްގައި 1400 މީހުން މަރާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެރިކަން ވެއްޓުމާއެކު ގައުމު ދޫކުރައްވައި ފިއްލަވައިގެން ހަސީނާ މިހާރު ދިރިއުޅުއްވަނީ އިންޑިއާގައެވެ.