ބަންގްލަދޭޝްގެ އާންމު އިންތިހާބު ގަބޫލުނުކުރެވޭނެ ކަމަށާއި ބަންގްލަދޭޝްގެ ވަގުތީ ލީޑަރު ޔޫނުސް އިސްތިއުފާ ދޭންޖެހޭ ކަމަށް ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ އާންމު އިންތިހާބު ނިމި ވޯޓު ގުނައި ވަގުތީ ނަތީޖާ މިހާރު އިއުލާން ކޮށްފައިވާ އިރު އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ ކުއްލި ބަޔާނެއް ނެރުއްވައިފައެެވެ.

ހަސީނާ ވިދާޅުވީ އެގައުމުގައި ބޭއްވި އިންތިހާބަކީ ގަބޫލު ކުރެވޭނެ އިންތިހާބެއް ނޫން ކަމަށާއި އިންތިހާބު ބާތިލްކުރަން ޖެހޭ ކަމަށެވެ.

ހަސީނާގެ ބަޔާނުގައި އެއިންތިހާބުގައި ވޯޓުލާނެ މީހުންވެސް ނުލިބުނު ކަމަށާއި އެއީ ގާނޫނާ ހިލާފު އިންތިހާބެއް ކަމަށް ސިފަކުރައްވައިފައެވެ. އަދި ވަގުތީ ލީޑަރު މުހައްމަދު ޔޫނުސްގެ އިސްތިއުފާއަށް ވެސް ހަސީނާ ވަނީ ގޮވާލައްވައިފައެވެ.

ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކަށްފަހު ހަސީނާގެ ސަރުކާރު ވެއްޓުމަށްފަހު އެގައުމުގައި އުފެދުނު ވަގުތީ ސަރުކާރުން ވަނީ ގަތުލްއާންމެއް ހިންގައި އެގައުމުގެ ގިނަ އަދަދެއްގެ އާންމުން މަރާލާފައިވުމާއެކު ހަސީނާގެ އަވާމީލީގު ޕާޓީ ސަސްޕެންޑުކޮށް އެގައުމުގެ އިންތިހާބުތަކުގައި ބައިވެރިނުވެވޭނެެ ގޮތް ހަދައިފައެވެ.

އިއްޔެ ކުރިޔަށް ދިޔަ އެގައުމުގެ އާންމު އިންތިހާބުގައި އަވާމީލީގުގެ އެއްވެސް ކެނޑިޑޭޓަކަށް ބައިވެރިވެވޭ ގޮތް ވަނީ ނުވެފައެވެ. އެއިންތިހާބުގައި 2000 އަށްވުރެން ގިނަ ކެނޑިޑޭޓުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަންގްލަދޭޝްގެ އާންމު އިންތިހާބު ކާމިޔާބު ކުރާ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އާއި ގުޅިފައިވާ އިއްތިހާދުންނެވެ.

އެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 350 ގޮނޑީގެ ތެރެއިން 209 ގޮނޑި ކާމިޔާބު ކޮށްފައިވަނީ ބީއެންޕީންނެވެ. ހަސީނާގެ ވެރިކަމުގައި ބޭން ކޮށްފައިވާ ޖަމާތު-އީ-އިސްލާމުން 68 ގޮނޑި ކާމިޔާބު ކުރި އިރު، އެންސީޕީން ވަނީ ހަ ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި އެހެން ޕާޓީތަކުން ހަތް ގޮނޑި އަދި އަމިއްލަ ގޮތުން ކުރިމަތިލި ހަތް ކެނޑިޑޭޓަކު ގޮނޑި ކާމިޔާބުކޮށްފައެވެ،

ބަންގްލަދޭޝްގެ އާންމު އިންތިހާބުގެ ވޯޓުން އިއްޔެ ކުރިޔަށް ގެންގޮސްފައިވާ އިރު، އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓު ލެވޭ އާބާދީގެ 120 މިލިއަން މީހުންގެ ތެރެއިން 59.88 ޕަސެންޓް މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.