ބަންގުލަދޭޝްގެ އާންމު އިންތިހާބު ބަލައިނުގަންނާނެ ކަމަށް އަވާމީ ލީގުން ބުނެފިއެެވެ.

ބަންގުލަދޭޝްގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހަށް ތަވަލުކޮށްފައިވާ އެގައުމުގެ އާންމު އިންތިހާބު ބަލައިނުގަތުމަށް ނިންމައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އަވާމީ ލީގުން ވަނީ ބަޔާނެއް ނެރެފައެވެ.

އަވާމީ ލީގުން ނެރުނު ބަޔާނުގައިވާގޮތުން އެ ޕާޓީގެ ޓީމަކުން އިންތިހާބުގެ ކަންކަން ކުރިއަށްދާނެ ގޮތް ބަލައި ދިރާސާކޮށްފައެވެ. އިންތިހާބު އޮންނާނެ ކަމަށް އިއުލާންކޮށްފައިވާ ވަގުތީ ސަރުކާރުގެ އިލެކްޝަން ކޮމިޝަނަކީ ގަވާއިދާ ހިލާފަށް ކުރިއަށްދާ ކޮމިޝަނެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ޕާޓީން ބުނީ މިހާރުގެ ސަރުކާރުން ކޮންޓްރޯލް ކުރާ އިލެކްޝަން ކޮމިޝަނުން މިނިވަން އިންތިހާބެއް ބާއްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އެއްވެސް ފަރާތަކަށް ނުޖެހޭ އަދި ދެފުށްފެންނަ އިންތިހާބެއް ބޭއްވިދާނެކަމަށް ނުބެލެވޭ ކަމަށެވެ.

ބަންގުލަދޭޝްގެ ސަރުކާރުން މީގެ ކުރިން ވަނީ އެގައުމުގެ އެއްވެސް އިންތިހާބަކަށް އަވާމީ ލީގުން ބައިވެރިނުވެވޭނެ ކަމަށް ނިންމައި ސަސްޕެންޑުވެސް ކޮށްފައެވެ.