މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ފަށާ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވާނެއެވެ.

މިފަހަރުގެ އެގްޒިބިޝަންގައި އެ ކުންފުނީގެ ސްޓޯލް މައިގަނޑު ގޮތެއްގައި ހާއްސަކޮށްފައިވަނީ އެސްޓީއޯގެ ޖެނެރަލް ޓްރޭޑިން، އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާޖީއަށެވެ.

އެސްޓީއޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުންފުނީގެ ސްޓޯލްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާމާކެޓުން ލިބެން ހުންނަ ބައެއް ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ވަގުތުން ލުއި ކާނާ ތައްޔާރުކުރާ ސްޓޭޝަނެއް ހުންނާނެއެވެ. މީގެ އިތުރުން، އެގްޒިބިޝަން ކުރިއަށްދާ ތިން ދުވަހުވެސް ކޮފީ ސްޓޭޓްގެ ވަކި ބުއިންތަކެއް ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބައެއް ޕްރޮޑަކްޓްތަކާ ގުޅޭ މައުލޫމާތުވެސް މި ސްޓޯލުން ފޯރުކޮށްދޭނެއެވެ.

މި އެގްޒިބިޝަންގެ ދެވަނަ ދުވަހު އެސްޓީއޯއިން މުޅިން އާ ބްރޭންޑެއް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އާ ޕްރޮޑަކްޓް ބޭނުންކޮށްގެން ތައްޔާރުކުރާ އައިސްކްރީމާއި ފޮނިކާތަކެތީގެ ރަހަ ބެލުމުގެ ފުރުސަތު ސްޓޯލުން ލިބޭނެއެވެ. ހަމައެއާއެކު، އެސްޓީއޯ އެނާޖީގެ ފަރާތުން ރިސޯޓު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތެޔޮ އުފުލައިދިނުމުގައި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރާނެއެވެ. އަދި މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑުތައް ހުރި ނެތް ގޮތް ބަލައި ދިރާސާކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެގްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަނަލް ދެ ހަރަކާތެއް އެސްޓީއޯއިން ކުރިއަށް ގެންދާނެއެވެ. އެގޮތުން "ރެޖިސްޓާ އެންޑް ވިން" ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގައި، ސްޓޯލްގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް އިނާމު ދޭނެއެވެ. އަދި "ފޮލޯ އެންޑް ވިން" ހަރަކާތުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޕޭޖު ފޮލޯކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޑިޝްވޯޝަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހޮޓެލް އޭޝިއާ 2026 ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.