ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުން ތަރައްގީ ކުރާ ކޮންމެ ތަނެއް ވިއްކޭނީ ދިވެހި ސަރުކާރުން ހުއްދަ ދޭ ބަޔަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން އީގަލް ހިލްސްއިން ބޭނުން ބަޔަކަށް ވިއްކޭ ގޮތަށް އޮތް ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ވަނީ އެކަންކަން ސާފުކޮށްދެއްވައިފައެވެ.
އެކްސްގައި މިނިސްޓަރު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލޭން ތަންތަން ނުވަތަ ޕްރޮޕަޓީތައް ގަންނަ ފަރާތުގެ މިލްކަކީ އެ ގަންނަ ތަނެއް ނުވަތަ އެ ޕްރޮޮޕަޓީ ކަމަށެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ޕްރޮޕަޓީއެއް ވިއްކާލާނަމަ ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ކުރާނަމައެވެ. ސަރުކާރުން ހުއްދަ ދޭނަމަ ހުއްދަ ދޭނީ އެކަމަށް ކަޑައެޅިފައިވާ ފީ ނެގުމަށްފަހުގައެވެ. އެހެން ކަމުން އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެކެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީވެސް ވިއްކައި ބަދަލުކޮށް، ވާރުތާ މުދާތަކެއް ކަމަށާއި އަދި ވިސާ ދޭނެ މީހުން ވެސް ނިންމާނީ ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހާ އާއި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއްވެސް ނޫނެވެ. ވިސާ ދިނުމަކީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެއިދާރާއިން ކުރާކަމެކެވެ. ވިސާ ދޫކުރުމާއި ކެންސަލްކުރުމުގެ ބާރު އޮންނާނީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެ އިދާރާއަށެވެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހި ދައުލަތަކީ ފަހުރުވެރި މިނިވަން ދައުލަތެއް ކަމަށާއި ދިވެހި ދައުލަތް ތަނަވަސްވެ ތަރައްގީ ވަމުން ދިއުމަކީ އިސްތިގުލާލު ވަރުގަދަ ވެ، އެހެން ގައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ދިވެހި ދައުލަތް މުއްސަދިވުމަކީ ރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވަނީ ކުރު މުއްދަތުގެ މަންފާއެއް ނޫން ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ރަސްމާލެ މަޝްރޫއު ފަދަ ޖީލުތަކަށް ދެމިގެންދާ ތަރައްގީގެ މަޝްރޫއުތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މީގެ ކުރިން ލިންކްޑްއިންގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވެސް ވިދާޅުވެފައިވަނީ މި މަޝްރޫއުގެ ދަށުން ކޮންމެ ވިއްކުމެއްގެ ފައިސާ ބަހައްޓާނީ ރާއްޖޭގެ އެސްކްރޯ އެކައުންޓެއްގައި ކަމަށެވެ.
"މިތަނުގައި އެއްވެސް ވަރަކަށް މިލްކުވެރިކަން ދޫކުރުމެއް ނުވަތަ ފްރީހޯލްޑެއް ނޯންނާނެ. މިހާރުވެސް ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހިނގާ ފަދައިން، މި މަޝްރޫއުގެ ހުރިހާ ވަގުތެއްގައިވެސް، ތަރައްގީގެ ކޮންމެ ތަނެއްގައިވެސް، ހިނގާނީ ރާއްޖޭގެ ގާނޫނު. ރަސްމާލެއަށް މުދާ ގަނެވޭނީ ސަރުކާރުން ހުއްދަދޭ ފަރާތްތަކަށް. ވިސާ ދިނުމާއި ނުދިނުމުގެ ފުރިހަމަ ބާރު ސަރުކާރަށް އޮންނާނެ. މުދަލެއް މިލްކު ކުރުމުން ދާއިމީ ރެޒިޑެންސަށް ނުވަތަ ރައްޔިތުކަމަށް ބަދަލުވުމުގެ އެއްވެސް މަގެއް ނޯންނާނެ އަދި ކުރިމަގުގައި ވެސް އެފަދަ މަގެއް ނޯންނާނެ" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ސަރުކާރުން މީހެއްގެ ވިސާ ބާތިލުކޮށްފި ނަމަ، އެ މީހަކު ރާއްޖެއިން ފައިބައިގެން ދާން ޖެހޭނެ ކަމަށެވެ. އަދި އެ މީހުންގެ މިލްކުވެރިކަމުގައިވާ މުދާ އެ މީހުންގެ ލަގެޖަށް ލައިގެން ނުގެންދެވޭނެ ކަމަށާއި އެ ތަކެތި ހުންނާނީ މި ބިމުގައި، ދިވެހި ގާނޫނުގެ ދަށުން، އެހެން ހުއްދަ އޮތް ފަރާތަކަށް ވިއްކާލެވޭ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ދުނިޔޭގެ ފެންވަރުގެ ވޯޓަފްރަންޓް ސިޓީއެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އަބޫދާބީގައެވެ.
ރަސްމާލެ
ރަސްމާލެ
ރަސްމާލެ
ރަސްމާލެ
ކޮމެންޓް