ރާއްޖޭގެ އަށް އަތޮޅެއްގެ އަށް ރަށެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ފިއުލްޝެޑްތައް ގާއިމުކޮށް، އެ ތަންތަނުން ހިދުމަތް ދޭން ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަށާފައިވާ މަސައްކަތެކެވެ. އަދި މި މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފިއުލްޝެޑްތައް ގާއިމުކޮށް، ހިދުމަތްދޭން ފެށި ރަށްތައް:

  • ހއ. އިހަވަންދޫ
  • ހދ. ހަނިމާދޫ
  • ބ. އޭދަފުށި
  • ށ. މިލަންދޫ
  • ފ. ނިލަންދޫ
  • ދ. މީދޫ
  • ރ. ދުވާފަރު
  • ދ. ކުޑަހުވަދޫ

މި މަޝްރޫއުގެ ދަށުން ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން، ރާއްޖޭގެ ހުރިހާ ސިޓީތަކާއި މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ހިދުމަތް ލިބޭނެ އިންތިޒާމު ގާއިމުކޮށް ނިންމުން ކަމަށް ސައީދު ވިދާޅުވިއެވެ.

މި ބަދަލާއެކު ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ހާއްސަކޮށް މަސްވެރިންނާއި ސިނާއީ އެކި މަސައްކަތްތައް ކުރައްވާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ މަދުވެގެންދާނެ މުހިންމު ކާމިޔާބެއް ކަމަށެވެ. މީގެ އިތުރުން، ތެޔޮ ހޯދަން ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ، ވަގުތު ސަލާމަތްވުމުގެ ސަބަބުން ރައްޔިތުން އެތައް އަހަރެއް ވަންދެން އުފުލަމުންދިޔަ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.