އިންފްރާސްޓަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތައް އަޅާފައިވާ ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައި ހުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފިއެވެ.

އުސޫލުން ބޭރުން ލޮކަރުތަކެއް ހުޅުވާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސީދާ އެ މިނިސްޓްރީގެ ފަރާތުންނެވެ. ނަމަވެސް ހުޅުވާފައި ހުރީ ކޮން ކަހަލަ ލިޔެކިޔުންތަކެއް ހިމެނޭ ލިޔެކިޔުންތަކެއް ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، އިއްޔެ 19:18 ހާއިރު ފުލުހުން ވަނީ އެ މިނިސްޓްރީއަށް ހާޒިރުވެ، އެތަނުގެ ކަންކަން ބަލައިފައެވެ. ފުލުހުން އެތަނަށް ހާޒިރުވުމަށްފަހު، ފުލުހުންގެ ހާޒިރުގައި އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބަލައި ޗެކްކޮށްފައެވެ.

މިގޮތަށް ޗެކްކުރިއިރު އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފައި ނުވާކަން ވަނީ ޔަގީންކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ.