ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީޑީއައި)ގެ އަމާޒުތައް ކަށަވަރު ކުރުމުގައި ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް، ވިލުންތެރި، އެންމެން ޝާމިލުވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ގައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިފަދައިން ވިދާޅުވީ، ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޗައިނާއިން އިސްވެ ބޭއްވި ހައިލެވެލް މީޓިން އޮން ދި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޖީޑީއައި އިތުރަށް ފުޅާކުރުމަށް ޗައިނާއިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ޝުކުރު އަދާކުރެއްވިއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުތަކުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.
މީގެއިތުރުން، ރާއްޖެއާއި ޗައިނާގެ ދެމިގެން އަންނަ ގުޅުމާއި، ޗައިނާއިން ރާއްޖޭގެ ގައުމީ ތަރައްގީގައި އަދާކުރަމުން އަންނަ ދައުރަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވައިލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދަރަނީގެ ދަންތުރައިގެ ސަބަބުން ގައުމުތަކުގެ ވިލުންތެރިކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައިފައެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން، ތަރައްގީވަމުން އަންނަ ޖަޒީރާ ކުދި ގައުމުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި އެހެންކަމުން ކޮޕް 31ގެ އަމާޒުތަކަށް ވާސިލުވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން، ދެމެހެއްޓިނިވި ތަރައްގީގައި ސައިންސާއި، ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭހެން އީޖާދީ ވިސްނުންތަކަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މައުލޫމާތާއި ޓެކްނޮލޮޖީ ހިއްސާކުރުމާއި، ކެޕޭސިޓީ ތަރައްގީކުރުމަށް ތާއީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
ތަގުރީރު ނިންމަވައިލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވައި، ވިލުންތެރި، އެންމެން ޝާމިލުވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ.
އިބްރާހިމް ޒަކީ
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ)
ކޮމެންޓް