ޗައިނާގެ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއާއި ރާއްޖޭގެ ހެރިޓޭޖް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ގައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ހީނާ ވަލީދެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދިޔައީ މިނިސްޓަރު ހީނާ ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި އިސްވެރިންނާއެކު އިއްޔެ ބޭއްވެވި ހާއްސަ ބައްދަލުވުމެއްގައެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު ޗައިނާގެ އެކި ސިޓީތަކުގެ މިއުޒިއަމްތަކުގައި ރާއްޖޭގެ ހާއްސަ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ބަދަލުގައި ރާއްޖޭގެ ގައުމީ ދާރުލްއާސާރުގައިވެސް ޗައިނާގެ ހާއްސަ މައުރަޒެއް ބާއްވާނެއެވެ. އެގޮތުން "އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިން" އަދި "ނެވިގޭޝަން ޓެކްނޮލޮޖީ: ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިން ޗައިނާ އެންޑް ދަ މޯލްޑިވްސް" ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި، މި މައުރަޒުތަކުގެ މައިގަނޑު މަގުސަދަކީ ކަނޑުދަތުރުފަތުރާއި "މެރިޓައިމް ސިލްކް ރޫޓު" ގެ ތާރީހީ ގުޅުން ބައިނަލްއަގުވާމީ ފެންވަރުގައި ދައްކައިދިނުމެވެ. ދިވެހި ފަންނުވެރިންނަށް ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމަކީވެސް މީގެ އަމާޒެކެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ ދިރާސާތައް ދެ ގައުމު ގުޅިގެން ކުރިއަށްގެންދިއުމަށްވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ދިވެހި މުވައްޒަފުންގެ ހުނަރާއި އިލްމު އިތުރަށް ތަރައްގީކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އެގޮތުން ސަގާފަތާއި ތަރިކައާއި، މިއުޒިއަމް މެނޭޖްމަންޓް އަދި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި، ޗައިނާގެ ޔުނިވާސިޓީތަކާ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު ހިޔާލު ބަދަލުކުރައްވާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.