އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާއްމު ޖަމިއްޔާގެ 81 ވަނަ ސެޝަނުގެ ހަވާސާގައި އެމެރިކާޔާއި އީރާނުގެ އޮފިޝަލުންގެ މެދުގައި ނުސީދާ ބައްދަލުވުމަކާއި ނުސީދާ މަޝްވަރާތަކެއް މިދިޔަ އަންގާރަ ދުވަހު ވަނީ ބޭއްވިފައެވެ. މި މަޝްވަރާތަކަކީ ވަރަށް އުންމީދީ މުހިއްމު މަޝްވަރާތަކެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ ބުނެފައެވެ. މިއީ ކޮންގޮތަކަށް އިންތިޒާމު ކުރެވިގެން ކޮންބައެއްގެ މެދުވެރިކަމުގެ ދަށުން ކޮންބަޔަކު ބައިވެރިވި މަޝްވަރާތަކެއް ބާވައެވެ. އދ.ގެ އާއްމު ޖަމިއްޔާގެ 81 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނާއި ޚާރިޖީވަޒީރު ޑރ.އައްބާސް އަރާގްޗީ މިހާރުވީ ނިއުޔޯކުގައެވެ. އެބޭފުޅުންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާވެސް އެމެެރިކާގެ ޚާރިޖިއްޔާއިން މިފަހަރު މާބޮޑު ކަމަކަށް ނުހަދައި ވަނީ ދީފައެވެ. އެކަމަކު އެބޭފުޅުންނާއެކު އެމެރިކާއަށް ދިއުމަށް ހަމަޖެހުނު އީރާނުގެ ޑެލިގޭޝަނުގެ ޖޫނިއަރ ބައެއް ބޭފުޅުންނާއި ބައެއް ނޫސްވެރިންނަށް ވިސާއެއް ނުދެއެވެ.
އަރާގްޗީ އާއި ޕަޒިޝްކިޔާނު ނިއުޔޯކަށް ވަޑައިގެންނެވީ ވަކިވަކިންނެވެ. އެންމެ ފުރަތަމަ ވަޑައިގެންނެވީ އަރާގްޗީއެވެ. އެމެރިކާޔާއި އީރާނުގެ އޮފިޝަލުންގެ މެދުގައި އަންގާރަ ދުވަހު ބޭއްވުނު މަޝްވަރާތަކުގައި އީރާނު ތަމްސީލު ކުރެެއްވީ އައްބާސް އަރާގްޗީއެވެ. އެމެރިކާ ތަމްސީލުކުރީ މެދުއިރުމަތީގެ ކަންކަމަށް ރައީސް ޓްރަމްޕު އައްޔަންކޮށްފައިވާ ދެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޯފާއި ޖަރެޑް ކުޝްނާރއެވެ. މި ދެބައިމީހުން އެއްމާލަމަކަށް އެއްވެ ސީދާސީދާ ވާހަކަތަކެއް ބޭއްވީއެއް ނޫނެވެ. ދެ މާލަމެއްގައި ތިބެ މެދުވެރިއަކު ހުރެގެން އެއްފަރާތުން ދައްކާ ވާހަކަ އަނެއް ފަރާތަށް ފޯރުކޮށްދީގެން ބޭއްވުނު ނުސީދާ މަޝްވަރާތަކެކެވެ. މެދުވެރިއެއްގެ ދައުރު އަދާކުރީ ގަތަރުންނެވެ. މިދެންނެވި މަގުން ގާތްގަޑަކަށް ތިންގަޑިއިރަށް މަޝްވަރާތައް ކުރިއަށް ދިޔައެވެ. ވާހަކަ ދެކެވުނީ ހަގުރާމައަށް ދާއިމީ ނިމުމެއް ގެނައުމާއި ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއި އީރާނުގެ ފައިސާ ދޫކުރުމާއި ނޭވަލް ބްލޮކޭޑް އުވައިލުމުގެ މައްޗަށެވެ.
މިދެންނެވި ކަންކަމުގެ ތެރެއިން އެއްވެސް ކަމަކާމެދު އެއްބަސްވުމަކަށް ނާދެވުނު ކަމަށްވިޔަސް ރައީސް ޓްރަމްޕު ބުނެފައިވަނީ މަޝްވަރާތައް ކުރިއަށް ދިޔައީ ބަރާބަރަށް ކަމުގައެވެ. ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމުގައެވެ. ޓްރަމްޕު މި ބީދައިން މި މަޝްވަރާތައް ސިފަކުރިއިރު އޭގެ މަދުގަޑިތަކެއް ކުރިން އދ. ގެ އާއްމު ޖަމިއްޔާގެ ޕޯޑިއަމްގައި އޭނާ ދިން ސާޅީސް މިނިޓުގެ ތަގުރީރުގައި މި ބިންމަތިން އީރާނޭ ކިޔުނު ދައުލަތާއި އީރާނުގެ ތިންހާސް އަހަރަށްވުރެ ގިނަ ދުވަސްވީ ހަޟާރަތު ފުހެލާނޭ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މެދުއިރުމަތީގެ ހަލާކަކީ އީރާނުކަމަށް ސިފަކޮށް ޓްރަމްޕު ވާހަކަ ދައްކަން ފެށީމާ އީރާނުގެ ވަފުދުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން އެންމެ ބޭފުޅެއް ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވަނީ އެމާލަން ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ. ބައިކޯޓު ކުރައްވައިފައެވެ. މަޑުކުރެެއްވި ހަމައެކަނި ބޭފުޅަކީ ޓްރަމްޕުގެ ތަގުރީރު ރިކޯޑް ކުރައްވައި ނޯޓް ހައްދަވަން ހުންނެވި ބޭފުޅެކެވެ.
ޓްރަމްޕުގެ ތަގުރީރު ބައިކޯޓު ކުރީ ހަމައެކަނި އީރާނުގެ ވަފުދަކުން ނޫނެވެ. ވަރަށް ގިނަ އެހެން ގައުމުތަކުގެ މަންދޫބުންވެސް މާލަން ދޫކޮަށް ނުކުތެވެ. މިކަން މިމަގުން ހިނގީމާ އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް ބޭއްވިދާނެ ކަމުގެ އުންމީދު މުޅިން ކަހަލަ ގޮތަކަށް އޮތީ ފަނޑުވެފައެވެ. ޓްރަމްޕުގެ ތަގުރީރަށް އެއްދުވަސް ފަހުން ބުދަދުވަހު އީރާނުގެ ރައީސް ޑރ.މަސްއޫދު ޕަޒިޝްކިޔާނު ވަނީ އާއްމު މަޖިލީހުގައި ހަމަ އެޕޯޑިއަމުގައި ތަގުރީރު ކުރައްވައިފައެވެ. އޭނާ ވާހަކަފުޅު ދެއްކެވީ ގާތްގަޑަކަށް ފަނަރަ މިނިޓަށެވެ. އެއީ އދ.އިން ގައުމުތަކުގެ ވެރިންނަށް ކަނޑައަޅާފައި އޮންނަ ނުރަސްމީ ޓައިމް ލިމިޓެވެ. ޕަޒިޝްކިޔާނު ވަނީ އެމެރިކާގެ ޖައްބާރުކަމާއި އަނިޔާވެރިކަމުގެ މިސާލުތައް ދައްކަވައި އީރާނާ ދެކޮޅަށް ހިންގާފައިހުރި ޖަރީމާތަކުގެ ތަފްސީލު ދެއްވައިފައެވެ. އެމެރިކާގެ ކުރިމަތީގައި އީރާނު ކުޑަކަކޫ ނުޖަހާނޭކަން ކަށަވަރު ކޮށްދެއްވައިފައެވެ.
އީރާނުގެ ރައީސް ވާހަކަފުޅު ދައްކަވަން ފެއްޓެވީމާ އެމެރިކާގެ މަންދޫބުންނާއި އިޒްރޭލުގެ މަންދޫބުން ވަނީ ކަންފަތުގައި އަތްއަޅައިގެންތިބެ މާލަން ދޫކޮށް ނުކުމެފައެވެ. އަޑުނާހަން ވެގެންނެވެ. އެކަމަކު ދެން ހަމަހުރިހައި ގައުމެއްގެ މަންދޫބުން ވަރަށް ޝައުގުވެރިކަމާއެކު އަޑުއަހަން ތިއްބެވެ. އީރާނުގެ ރައީސްގެ ތަގުރީރަށް އެއްދުވަސް ފަހުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމަ އެމާލަމުގައި އަދި އެ ޕޯޑިއަމުގައި ބުރާސްފަތި ދުވަހު ތަގުރީރުކޮށްފައެވެ. ނަތަންޔާހޫ އިޒްރޭލުގައި ހުރެފައި ނިއުުޔޯކަށް ދިޔައީވެސް ހަމައެކަނި މި ތަގުރީރު ދިނުމުގެ ބޭނުމުގައެވެ. އެމެރިކާގައި މަޑުކޮށް ޓްރަމްޕާއި ބައްދަލު ކުރުމެއްވެސް މިފަހަރަކު ނެތެވެ. ތަގުރީރު ދީފައި ވަގުތުން ފުރައިގެން ދިޔައީއެވެ. ނަތަންޔާހޫ މިވަރަކުން ތަގުރީރެއް ދިނީ އިޒްރޭލުގެ ޖަރީމާތައް ގިރިޓީކޮށްފައި ދުނިޔެއަށް އޮޅުވައިލުމުގެ ގޮތުންނެވެ. އޭނާގެ އަމިއްލަ ބަހުރުވައިންނަމަ ދުނިޔެއަށް "ހަގީގަތް" ކިޔައި ދިނުމަށެވެ.
ނިއުޔޯކުގެ މޭޔަރު ޒަހުރާން މަމްދާނީ ދެކެ ބިރު ނުގަންނަކަން ދެއްކުމަކީވެސް ބޭނުމެކެވެ. ނިއުޔޯކަށް ނަތަންޔާހޫ އަރައިފިނަމަ ދުނިޔޭގެ ޖިނާއީ ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް ނަތަންޔާހޫ ހައްޔަރު ކުރާނޭ ކަމަށް ތަންކޮޅެއް ކުރިން މަމްދާނީ ވިދާޅުވެފައިވާ ކަމަށްޓަކައެވެ. ކުރިއަށްއޮތް އޮކްޓޫބަރު ހަތާވީހުގައި އިޒްރޭލުގައި އިންތިޚާބު އޮންނާތީ އޭނާގެ ހިތްވަރު އެބަހުރިކަން އިޒްރޭލުގެ ރައްޔިތުންނަށް ދެއްކުމަކީވެސް މަގުސަދެކެވެ. ކޮންމެއަކަސް ބުރާސްފަތި ދުވަހު ނަތަންޔާހޫ ތަގުރީރު ކުރަން ފެށީމާ މާލަމުގައި ދެމިތިބީ އެންމެ ސައުވީސް ގައުމުގެ މަންދޫބުންނެވެ. ބައިކޯޓުކޮށްފައި 80 ވަރަކަަށް ގައުމުގެ މަންދޫބުން ނުކުތެވެ. ނަތަންޔާހޫގެ ތަގުރީރު އަޑުއަހަން މަޑުކުރި މަންދޫބުންގެ ތެރޭގައި އަޖައިބު ކުރަނިވި ގޮތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހުރައިން އަދި މޮރޮކޯގެ މަންދޫބުން ހިމެނެއެވެ. ނަތަންޔާހޫ ނިއުޔޯކަށް ދިޔައީވެސް ބައިކޯޓުކުރާނޭކަން އެނގިހުރެ ވަރިހަމަކޮށްފައެވެ.
ނަތަންޔާހޫގެ ތަގުރީރު ފަށަމުން ބުންޏެވެ. ނުކުމެގެން އެދިޔައީ ހައްތާވެސް ފިނޑިންނެވެ. މުނާފިގުންނެވެ. އެޒާތުގެ ބަޔަކު ނުނުކުމެ ދެންވެސް ތިބިއްޔާ އެބަޔަކުވެސް ނުކުމެގެންދާށޭ ބުންޏެވެ. ނުކުމެގެންދިޔަ މަންދޫބުންގެ ތެރޭގައިވެސް ހިތާހިތުން އިޒްރޭލަށް ތާއީދުކުރާ އަދި ލޯބިވާ މީހުން ތިބޭނެ ކަމަށްވެސް ބުންޏެވެ. ގާޒާޔާއި ލުބުނާނާއި ސީރިޔާއާއި ޔަމަނާއި އީރާނުގައި އިޒްރޭލުން ކުރާ ހަގުރާމަޔަކީ އިޒްރޭލުގެ ދެމިއޮތުމަށްޓަކައި މުހިންމު ހަގުރާމައެކޭވެސް ބުންޏެވެ. އެކަންކަމާ ދެކޮޅުހަދައި ފާޑުކިޔާ މީހުން ހަދަނީ ދޮގު ކަމަށްވެސް ބުންޏެވެ. ނިއުޔޯކުގެ މޭޔަރު ޒަހުރާން މަމްދާނީގެ ސަބަބުން ނިއުޔޯކުގެ ޔަހޫދީންނަށް އެ ސިޓީގައި އުޅުން ބިރުވެރި ވެއްޖެކަމަށްވެސް ބުންޏެވެ. އެމެރިކާގެ ރައީސް ޓްރަމްޕަކީ އިޒްރޭލުގެ ދެގޮތެއްނުވާ މިތުރެއްކަމަށް ސިފަކޮށް އޭނާއަށް ވަރަށް ބޮޑަށް ތާރީފުވެސް ކުރިއެވެ. އާއްމު މަޖިލީހުގެ ހުސް ގޮނޑިތަކަކާ މުޚާތަބުކޮށްފައި ނަތަންޔާހޫ ތަގުރީރު ކުރިއިރު އީރާނުގެ މަންދޫބުންގެ ޑެސްކުގެ މަތީގައި އޮތީ ޖެނެރަލް ގާސިމް ސުލައިމާނީގެ ޕޯސްޓަރެކެވެ.
ސުލައިމާނީއަކީ އެމެރިކާޔާއި އިޒްރޭލުން ޝަހީދުކޮށްލާފައިވާ އީރާނުގެ ގުދުސް ފޯހުގެ ކޮމާންޑަރެވެ. ނަތަންޔާހޫ ތަގުރީރު ކުރަމުން ދިޔައިރު އދ.ގެ ބޭރުގައި ނިއުޔޯކުގެ އާއްމުން ދިޔައީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ތެރެއިން އެތައް ބަޔަކު ހައްޔަރުވެސް ކުރިއެވެ. އޭގެތެރޭގައި ފިލްމީ ތަރިންވެސް ހިމެނެއެވެ. ކޮންމެއަކަސް ޖެނެރަލް އެސެމްބްލީގެ ތެރެއިން ދުނިޔެއަށް ނަތަންޔާހޫ ފެނިއްޖެއެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ބޮޑު މުޖުރިމަކު އދ.ގެ މާލަމަށް ވަދެ އާއްމު މަޖިލީހުގެ ޕޯޑިއަމް ނަޖިސްކުރި މަންޒަރުވެސް ފެނިއްޖެއެވެ. މި މަންޒަރު ފެނިފައި އެންމެންވެސް ކުރީ މި ސުވާލެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ މުޖުރިމަކަށް އދ.ގެ އާއްމު މަޖިލީހުގައި މިބީދައިން ތަގުރީރު ކުރަން ފުރުސަތު ލިބުނީ ކީއްވެގެން ހެއްޔެވެ.
އިމާދު ލަތީފު
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ކޮމެންޓް