ދައުލަތުގެ ރިޒާވް ހަރުދަނާކޮށް، ދަރަނިތައް ހަލާސްކުރުމާއެކު ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދީގެން ރާއްޖެއާމެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުން އެންމެ އިސްކަމެއް ދިނީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ ހުއްޓުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދީ، ގައުމު ބަނގުރޫޓުވުމުން ސަލާމަތް ކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިދިޔަ ފެބުރުވަރީ މަހު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރިޒާވް ވަނީ 1.2 ބިލިއަން ޑޮލަރަށް މަތިކުރެވިފައި ކަމަށެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އިގްތިސޯދީ މުޅި މާހައުލަށް ބަދަލުތަކެއް އައި ނަމަވެސް، 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ދަރަނިތައް ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކައި ހަލާސްކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ.

."އަޅުގަނޑު ބަލަނީ ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ދަރަނި ވީވަރަކުން ދައްކަމުން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަަށް، ގައުމުގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް އިތުރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތް ރަނގަޅު ކުރުމުގައި މިދަނީ އެމަސައްކަތް ކުރަމުން. އެހެންވީމަ ރިޒާވް ދަށްވެފައި ހުރި ހުރުންވެސް އިރާދަކުރެއްވީއްޔާ މި މަސައްކަތުގެ ތެރެއިން ދެން ދާނީ ރަނގަޅުވަމުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދަރަނި ދެއްކުމަށް ހަމައެކަނި ރިޒާވަކަށް ބަރޯސާނުވާ ކަމަށާއި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ވެސް ހަރުދަނާކޮށް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ އިގްތިސޯދީ މަސައްކަތްތަކުގެ ހެޔޮ ބަދަލު ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ބާއްވާ އިންވެސްޓާ ފޯރަމްތަކުގެ ޒަރިއްޔާއިން ރާއްޖޭގެ ފުރުސަތުތައް ފަހިކޮށްދެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމާއި މަސްވެރިކަން ސިންދަފާތުކޮށް، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

އެގޮތުން މިހާރުވެސް އައިލާ މަޝްރޫއާއި، ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކުރި މަޝްރޫއުގެ އިތުރުން ގޫގުލްއިން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއު ފާހަގަކުރައްވަމުން، މިފަދަ ބޮޑެތި އިންވެސްޓްމެންޓްތަކާއެކު ރާއްޖެއާމެދު ބައިނަލްއަގުވާމީ ފަރާތްތަކުގެ އިތުބާރު އަބަދުވެސް ދަމަހައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.