އެއްވެސް ރައްޔިތަކަށް ދީފައިވާ ގޯއްޗެއް ކެންސަލް ނުކުރާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ރައްދުދެއްވަމުންނެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް އެނަލައިޒްކޮށް ނިމުމުން، ގޯތި ދޭންޖެހޭ ހުރިހާ އެންމެންނަށް ގޯތި ދެވޭނެ ކަމަށެވެ. އަދި ފްލެޓް އަޅަންޖެހޭ ސަރަހައްދުގައި އެކަމަށް ބޭނުންވާ ޖާގަވެސް އޮންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލޭގެ މުޅި މަޝްރޫއަށް ގާތްގަނޑަކަށް 10 އަހަރު އަންދާޒާކޮށްފައިވީ ނަމަވެސް، އެތަނުގެ ފެނާއި ނަރުދަމާއާއި ކަރަންޓުގެ އިތުރުން މަގުހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ބިން ހިއްކައި ނިމޭތަނުން އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ފަށައި، ގޯތި ލިބޭ ފަރާތްތަކަށް އިމާރާތްކުރަން ފެށޭނެ މަގުފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމާލޭގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުގެ އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށްވެސް ސަރުކާރުން އިސްކަންދެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަގުތައް ބޮޑުވުމުގެ ސަބަބުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުޑަކޮށް މަޑުޖެހިފައި އޮތުމަށްފަހު، މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށާއި އެތަން ހިއްކައި ނިންމާނެ ކަމަށް ވިދާޅުވިއެވެ. އަދި ގުޅިފަޅުގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއަށް ދައުލަތުން އެއްވެސް ސޮވެރިން ގަރަންޓީއެއް ނުދޭނެ ކަމަށެވެ. އަދި ސަރުކާރުން ލޯނެއް ނުނަގާނެ ކަމަށާއި، ޓެކްސް ކޮންސެޝަނެއް ނުވަތަ ޑިއުޓީ މާފުކުރުމެއްވެސް ނޯންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކުކޮށްދޭކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ގާނޫނުއަސާސީން މަނާކަމެއް ކަމަށާއި، މި މަޝްރޫއުގެ ދަށުން ބިން ހަމައެކަނި ކުއްޔަށް ދޫކުރާނީ ކަމަށެވެ. ކުރީގެ ސަރުކާރަކުން ގާނޫނުއަސާސީ ބަދަލުކޮށްގެން ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ހެދި ނަމަވެސް، ފަހުން އެކަން ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
"މިލްކު ނުވެ، މިތަނަށް ގެނެވެންއޮތް އެންމެ ގިނަ އިންވެސްޓްމަންޓް ގެންނަން އަޅުގަނޑު ބޭނުންވަނީ،" ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސާދާއި ޖީޑީޕީ މަތީ ހަރުފަތަކަށް ގޮސް، ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. "ދެން މިތަނަކީ އިރާދަކުރެއްވިއްޔާ ހަމަ އިގުތިސާދީގޮތުން ބަލާއިރުވެސް ރާއްޖޭގެ ޖީޑީޕީ އެހެން ލެވެލްއަކަށް، މަތީ ލެވެލްއަކަށް ގެންދާނެ، ވަޒީފާގެ ގޮތުން، ހުރިހާ ގޮތަކުންވެސް،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، ރާއްޖެއަށް ފައިދާހުރި ކަންކަން ވާން އުޅޭ ކޮންމެ ފަހަރަކު އެކަމަށް ހުރަސްއަޅަން ބަޔަކު މަސައްކަތްކުރާކަމީ ހިތާމަކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ. އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކުގެ ކިބައިގައި ގައުމީ ވިސްނުމެއް ނެތްކަމަށް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެފަދަ ހުރަސްތަކާ ހެދި މި މަޝްރޫއު ހުއްޓިގެން ނުދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ އިންފްރާސްޓްރަކްޗާ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް