ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ފަލާހު ރައްދުދެއްވައިފިއެވެ.

ޕީއެންއެފްގެ ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އެއްބަސްވުމަކީ ގާނޫނާ ހިލާފަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި، އަންނަ ސަރުކާރަކުން އެ އެއްބަސްވުން ބާތިލުކުރަން ޖެހޭނެ ކަމަށެވެ.

ޔާމީނަށް ރައްދުދެއްވަމުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވި ގޮތުގައި، ޔާމީން ވަނީ ރަސްމާލެ ޕްރޮޖެކްޓަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށާއި، އެއީ ބޭކާރު ހަރަދެއް ކަމަށް ވެސް ސިފަކުރައްވައިފައެވެ.

ފަލާހު ވިދާޅުވީ، ރާއްޖޭގައި ދުވަހަކުވެސް ހިންގާފައިނުވާ ފަދަ ބިޔަ މަޝްރޫއެއް ފަށަން ނިންމުމުން ޔާމީނަށް ނިދިކުރައްވަން ދަތިވެފައިވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ޔާމީން އަމަލުކުރައްވަނީ ގައުމާއި ރައްޔިތުންނަށް އެ މަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް ކުލުނެއް ނެތުމުން ކަމަށް ވެސް ފަލާހު ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ގައުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ ޔާމީނަށް އެއްގޮތަކަށް ވެސް ހަޖަމުނުކުރެއްވޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހުގެ ވާހަކައިގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ދައުލަތުގެ ހަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސް ވެސް ނުދުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޔާމީން ރާއްވަވާ އެއްވެސް ނުބައި ރޭވުމެއް ކާމިޔާބުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވި ގޮތުގައި، ޔާމީން އަމިއްލަފުޅަށް ވެރިކަން ކުރެއްވި ގޮތް ހަނދާންކުރެއްވުމަށްފަހު، ދެން އޮތީ ކަރުދާސްކޮޅެއްގައި ރައީސްގެ ނަން ލިޔެގެން ބޯދަށަށް ލައިގެން ނިދުމެވެ.