ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ސެންޓާ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ދަރިވަރުން އިސްނަގައިގެން ބާއްވާ "ރިވެލި 2026" މުބާރާތް މާދަމާ ފަށަން ހަމަޖެހިއްޖެއެވެ.
އައިޔޫއެމުން މައުލޫމާތުދޭ ގޮތުގައި، މިއީ ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގައި ދިރާސާކުރުމުގެ ހުނަރު ކުރިއަރުވައި، ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ އިލްމީ މަސައްކަތްތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ކުރިއަށް ދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 5:00 އަށް އައިޔޫއެމް ހޯލުގައެވެ. ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ވިލާ ކޮލެޖުގެ ޕޯސްޓްގްރެޖުއޭޓް ދަރިވަރުން ވެސް ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ދަރިވަރުންގެ ޕްރޮޕޯސަލްތަކާއި ތީސީސް ހުށަހެޅުންތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ކުރިއަށްގެންދާނެ ކަމަށް އައިޔޫއެމުން މައުލޫމާތުދެއެވެ.
މި މުބާރާތް މައިގަނޑު ދެ ގިންތިއަކަށް ބަހާލެވިފައިވެއެވެ. ފުރަތަމަ ގިންތިއަކީ "ތްރީ މިނިޓް ތީސީސް (3އެމްޓީ)" އެވެ. މި ގިންތީގައި ވާދަކުރާ ދަރިވަރުންނަށް ޖެހޭނީ އެ ކުދިންގެ މުޅި ދިރާސާއާއި، އެ ދިރާސާއިން ހޯދާފައިވާ ހޯދުންތައް އެންމެ ތިން މިނެޓުގެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ހުށަހަޅައިދޭށެވެ. ދެވަނަ ގިންތިއަކީ "ޕްރޮޕޯޒަލް ޕިޗް" އެވެ. މި ގިންތީގައި ދަރިވަރުންގެ ދިރާސީ ޕްރޮޕޯސަލްގައި ހިމެނޭ މައިގަނޑު ބައިތައް ފަސް މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ހުށަހަޅައިދޭން ޖެހޭނެއެވެ. މި ދެ ގިންތިން ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ދަރިވަރުންނަށް ފައިސާގެ އިނާމު ދޭން ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އިތުރުން ވެސް "ރިވެލި 2026" ގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ. އޭގެ ތެރޭގައި "ރިވެލި ކަނެކްޓް" އާއި އައިޔޫއެމްގެ ޕޮޑްކާސްޓް ލޯންޗުކުރުން ހިމެނެއެވެ. އަދި ރިސާޗް، އިނޮވޭޝަން އަދި މޯޓިވޭޝަންގެ މައްޗަށް އަލިއަޅުވާލައިގެން ކުރިއަށްގެންދާ "ރިމް ޓޯކް" ވެސް މި އިވެންޓުގެ ތެރޭގައި އޮންނާނެއެވެ. މި ޓޯކްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ހިތުގެ ހާއްސަ ޑޮކްޓަރު އައިޝަތު އެލީނާއެވެ.
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
ކޮމެންޓް