(18 ސެޕްޓެންބަރުގެ އަދަދާ ގުޅޭ)

ރަންބީރު ގެންދެވީ ނިރުމަލާއާ ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ބައްލަވައެއްނުލައްވައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އޭނާ ތުއްޕުޅު އިރު އެ ކޮޓަރިއަށް ވެދެވަޑައިގެންނެވުމަށް ޓަކައި ސިޑިއަކަށް ހައްދަވައިގެން އޭނާ އުޅުއްވި ގަހާ ދިމާޔަށެވެ. ނިރުމަލާ އޭނާއާ ވަރަށް ކައިރިޔަށް ވަޑައިގެންފިކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ނަމަވެސް އޭނާއަކީ ޝަކުންތަލާގެ ބޭބެކަމާއި މޯހަންޗަންދުގެ ދަރިކަލުންކަމުގެ އިޙުސާސް، އޭނާގެ ކުރިފުޅުމަތީގައި ވަނީ ފާރެއް ފަދައިން ހުރަސް ވެފައެވެ. ޣީރަތު އޭނާގެ ލޯފުޅުގެ ކުރިމަތީގައި ވަނީ ފަރުދާ ކޮށްފައެވެ. ޝަކުންތަލާއާ މެދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ނާއުއްމީދު، އޭނާ ވަނީ އޮއިކުނިކޮޅުތަކުގެ ވެސް އެހީ ހޯއްދަވާން އާދަ ކުރުވައިފައެވެ. އޭނާއަށް ހީފުޅު ވެފައި އޮތީ ނިރުމަލާއަށް ޝަކުންތަލާގެ ޚަބަރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން، އޭނާ އެ ކޮޓަރިޔަށް ވަޑައިގަތީ ނިރުމަލާގެ ހިތްޕުޅަށް އަސަރު ކޮށްގެން ޝަކުންތަލާއާ މެދު ކޮންމެވެސް އެއްޗެއް ވިދާޅުވެދާނެ ކަމުގެ އުއްމީދުގައެވެ.

ރަންބީރު ވާހަކަ ދައްކަވަމުން ގެންނދެވި އިރު، ނިރުމަލާ ރަންބީރާ ޙަމަލަ ދެއްވާން ދެ ފަހަރަށް ޚަންޖަރު އުފުލައިލެއްވިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް އޭނާގެ ހިތްޕުޅު އެ ކަމަކަށް ފަސޭހަފުޅެއް ނުވިއެވެ. އޭނާ ތިންވަނަ ފަހަރު އަތްޕުޅު އުފުއްލަވައިލެއްވުމާ އެކު، ރަންބީރު ކުއްލިޔަކަށް ފަހަތަށް އެނބުރިވަޑައިގެން އޭނާގެ އަތްޕުޅުގައި ހިފަހައްޓަވައިފިއެވެ. ނިރުމަލާގެ އަތްޕުޅުން ޚަންޖަރު ވެއްޓިއްޖެއެވެ. ރަންބީރު ގުދު ވެވަޑައިގެން ޚަންޖަރު ނަންގަވައިފައި ނިރުމަލާއަށް ދެއްވަމުން ވިދާޅުވިއެވެ. "ތިޔަ ބޭފުޅާއަށް އަޅުގަނޑު ޤަތުލެއް ނުކުރެއްވޭނެއެވެ."

ނިރުމަލާ ދުވެވަޑައިގެންފައި ވަޑައިގެން މޫނުފުޅުވަތަށް އެނދުމައްޗަށް ވެއްޓިވަޑައިގެންފިއެވެ. އޭނާ ގިސް ލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑަށް މަނިކުފާނު ޤަތުލު ކުރެވޭނެ ނަމައެވެ. އަޅުގަނޑަށް މަނިކުފާނަކީ އަޅުގަނޑުގެ ދުޝްމަނެއް ކަމުގައި ބެލެވޭނެ ނަމައެވެ."

ރަންބީރު ކުރިޔަށް ޖެހިވަޑައިގެން ނިރުމަލާގެ މުލައްދަނޑިފުޅުގައި ހިއްޕަވައިފައި ނަންގަވާން ގަސްދު ކުރެއްވިއެވެ. ނަމަވެސް އޭނާގެ ތުރުތުރު އަޅައަޅައި އޮތް އަތްޕުޅު ނިރުމަލާގެ މުލައްދަނޑިފުޅާ ހަމަޔަށް ގޮސްފައި ހުއްޓިއްޖެއެވެ. ރަންބީރުގެ މުޅި ހަށިކޮޅު ތުރުތުރު އަޅާން ފެށުމާ އެކު އޭނާ ފަހަތަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. "ތިޔަ ބޭފުޅާ ކޮންމެވެސް ތަނަކަށް ވަޑައިގަންނަވާން އުޅުއްވާ ވާހަކަ ޝަމްބޫނާތު އަޅުގަނޑު ގާތު ބުންޏެވެ. ތިޔަ ބޭފުޅާ ތިޔަ އިންނެވީ އަޅުގަނޑު ހައްޔަރު ކޮށްފައި ކަމަށް ހީފުޅު ވާ ނަމަ، އެ ކުށްހީފުޅު ދުރު ކުރުވާން އަޅުގަނޑު ބޭނުމެވެ. ތިޔަ ބޭފުޅާ މިތާނގައި އިންނަވާ ހިތްޕުޅު ނުވާ ކަމުގައި ވާނަމަ، ބޭނުންފުޅު ތަނަކަށް ވަޑައިގެންނެވިދާނެއެވެ. ތިޔަ ބޭފުޅާގެ ތިމާގެފުޅު ބޭފުޅުން ގަވާލިޔާރުގައި ތިއްބަވާ ވާހަކަ އަޅުގަނޑު އެހީމެވެ. ތިޔަ ބޭފުޅާ އެދިވަޑައިގަންނަވާ ކަމުގައި ވާނަމަ، އަޅުގަނޑު ތިޔަ ބޭފުޅާ އެތަނަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިދޭނަމެވެ. ޝަކުންތަލާގެ ބޭބެއަށް އެއްވެސް އަންހެން ކުއްޖެއްގެ ލޮލުން ކަރުނަ އޮހޮރޭތަން ދެކޭކަށެއް ކުޅަދާނައެއް ނޫނެވެ. އަޅުގަނޑު އެންމެ ފުރަތަމަ ފަހަރާއި އެންމެ ފަހު ފަހަރު ތިޔަ ބޭފުޅާގެ އަރިހުން އަޅުގަނޑުގެ ކޮއްކޯފުޅުގެ ވާހަކަ އަހައިލާން ބޭނުމެވެ. އަޅުގަނޑަކީ ތިޔަ ބޭފުޅާގެ އަރިހުގައި ކުޑަކޮށް ވެސް ހަމްދަރުދީއެއް ޙައްޤު މީހެއް ކަމުގައި ވާ ނަމަ، އަޅުގަނޑަށް އޭނާގެ ޚަބަރު އޮޅުން ފިލުވައިދެއްވުން އެދެމެވެ. ނަމަވެސް އަޅުގަނޑު ތިޔަ ބޭފުޅާއަކަށް ޖަވާބު ދެއްވާކަށެއް މަޖުބޫރެއް ނުކުރާނަމެވެ. އަޅުގަނޑު އޮޅުން ފިލުވާން ބޭނުން ވަނީ އޭނާ ވީ ތަނަކާއި، އޭނާ މަރު ވެއްޖެތޯ ނުވަތަ ދިރި އެބައިންތޯއެވެ؟"

ނިރުމަލާ ތެދު ވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ. އޭނާ ކަރުނަފޮދު ފޮއްސަވަމުން ޖަވާބު ދެއްވިއެވެ. "އަޅުގަނޑަށް ޝަކުންތަލާގެ އެއްވެސް ޚަބަރެއް އެނގިފައި އޮތް ނަމަ، މަނިކުފާނު ސުވާލު ނުކުރެއްވި ކަމުގައި ވިޔަސް އަޅުގަނޑު އެ ވާހަކަ ދެންނެވީމުހެވެ. މަނިކުފާނު އަޅުގަނޑުގެ ވާހަކައަކީ ތެދެއް ކަމަކަށް ޤަބޫލުފުޅެއް ނުކުރައްވާނޫއެވެ. ނަމަވެސް އެކަމަނާގެ އެއްވެސް ޚަބަރެއް އަޅުގަނޑުގެ ބައްޕާފުޅަކަށް ވެސް އެނގިވަޑައެއްނުގަންނަވައެވެ. އެކަން ކަލާނގެ ދެނެވޮޑިގެން ވާނެއެވެ. ބައްޕާފުޅު އެކަމަނާ ފެނިވަޑައިގަންނަވާތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވިއެވެ."

"ތިޔަ ބޭފުޅާ އިތުރުފުޅެއް ނުހައްދަވާނެކަން އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑު މީގެ ފަހުން ދުވަހަކު ވެސް ތިޔަ ބޭފުޅާއާ މި ސުވާލެއް ނުކުރާނަމެވެ. ނަމަވެސް ވިދާޅުވެބައްލަވާށެވެ! ޝަކުންތަލާ ގެއްލުނު ފަހުން ވެސް މި ކޮޓަރި ރޭގަނޑު ހަތަރުދަމު ހުންނަނީ ދިއްލައިފައިތޯއެވެ؟ ތިޔަ ބޭފުޅާގެ ޚާދިމާއަކު ބުނި ގޮތުގައި ވެސް މި ގަނޑުވަރަށް ވަޑައިގަތުމަށް ފަހު ތިޔަ ބޭފުޅާ އެއްގޮތަކަށް ވެސް ކޮޓަރީގެ ބައްތި ނިއްވުމުގެ ހުއްދައެއް ނުދެއްވަމުއެވެ."

ނިރުމަލާ ޖަވާބު ދެއްވިއެވެ. "އެއީ މުޅިއަކުން އިއްތިފާޤެއް ވެސް ނޫނެވެ. މި ރަށުގެ އަންހެންވެރީން އަޅުގަނޑު ގާތު ބުންޏެވެ. ޝަކުންތަލާގެ ކޮޓަރިކޮޅަށް ލަކްޝަމީ ދޭވީ ވަޑައިގަންނަވައެވެ. ޝަކުންތަލާ، އެ ދޭވީގެ އިންތިޒާރުގައި ކޮޓަރިކޮޅު އަބަދުވެސް ބަހައްޓަވަނީ ދިއްލަވައިފައެވެ. އަވަށުގެ އަންހެން ވެރީން އަޅުގަނޑު ގާތު އެ ވާހަކަ ބުނުމުން، އަޅުގަނޑު ވެސް އުޅޭ ހިތް ވީ މި ކޮޓަރީގައެވެ. ނިދާ އިރު ވެސް ބަހައްޓަނީ ކޮޓަރީގެ ބައްތި ދިއްލައިފައެވެ. އަޅުގަނޑުގެ ކޮޓަރީގެ އަލިކަން ކޮންމެވެސް ދުވަހަކުން މަނިކުފާނަށް ކެހި ދޭނެކަމަށް އަޅުގަނޑަށް ހުވަފެނެއްގައި ވެސް ހީ ކުރެވިފައެއް ނެތެވެ. އަޅުގަނޑު މި ދަންނަވަނީ ތެދަށެވެ. އަޅުގަނޑު ޝަކުންތަލާއެއް ނުދެކެމެވެ. އަޅުގަނޑު މި ރަށަށް އައީ ވެސް އެކަމަނާ ގެއްލުނުތާ ދެތިން ދުވަސް ފަހުންނެވެ. އަޅުގަނޑު އެކަމަނާ ދުށް ނަމަ، ބައްޕާފުޅުގެ ކޯފާއަށް ގަންނަ ބިރަށް ވެސް އަޅުގަނޑު އެކަމަނާ ޙިމާޔަތް ކުރުމުން އެއްކިބައެއް ނުކުރެވުނީހެވެ. ނަމަވެސް އަޅުގަނޑު ނިހާޔަތަށް ހިތާމަ ކުރަމެވެ. އަޅުގަނޑުގެ ކިބައިން އެކަމަނާއަކަށް އެއްވެސް ބޭނުންފުޅެއް ނުފުދުނެވެ. އަޅުގަނޑު މިހެން މި ދެންނެވީ މަނިކުފާނުގެ ހަމްދަރުދީ ހޯދާކަށެއް ނޫނެވެ. މިއީ އަންހެނަކާ މެދު އަންހެނެއްގެ ޖަޒުބާތެވެ. އަޅުގަނޑުގެ ބައްޕާފުޅުގެ ދުޝްމަންގެ އަރިހުން އަޅުގަނޑު އޯގާވެރިކަމަށް އެދި ސަލާމެއް ނުޖަހާނަމެވެ. އަޅުގަނޑުގެ ކިބައިން މަނިކުފާނުގެ ކޮއްކޯފުޅުގެ ބަދަލު ހިއްޕެވުމުން މަނިކުފާނުގެ ހިތްޕުޅަށް ހަމަޖެހުމެއް ލިބިވަޑައިގަންނަވާނެ ކަމުގައި ވާނަމަ، އަޅުގަނޑު މިހިރީއެވެ. އަޅުގަނޑުމެން ދެމީހުންނަކީ އެކަކު އަނެކެއްގެ ދުޝްމަނުންނެވެ. އަޅުގަނޑަކީ ޖޭކްރިޝަންގެ އަންހެން ދަރިޔަކީމެވެ. މަނިކުފާނަކީ މޯހަންޗަންދުގެ ދަރިކަލެކެވެ. ދެންމެ އަޅުގަނޑުގެ ހިތްވަރު އެލޭ ގޮތް ނުވި ނަމަ އަޅުގަނޑު މަނިކުފާނު ޤަތުލު ކޮށްލީމުހެވެ. ޝަކުންތަލާއާ މެދު ހަމްދަރުދީ ވުމާ އެކު ވެސް މަނިކުފާނު ޤަތުލު ކޮށްލުމަކީ އަޅުގަނޑުގެ ވާޖިބެކެވެ. މަނިކުފާނަށް ވެސް މަނިކުފާނުގެ ވާޖިބު އަދާ ކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ."

(ނުނިމޭ)