މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ނެޝަނަލް މެރިން ޑްރެޖިން ކޮމްޕެނީ (އެންއެމްޑީސީ) ގްރޫޕާ ދެމެދު ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އެންއެމްޑީސީގެ އަބޫދާބީ ހެޑް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖޭން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯރިގް އިބްރާހީމާއި، އެމްޓީސީސީގެ ޗެއާޕާސަން ސާދާ އިބްރާހިމްގެ އިތުރުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އެންއެމްޑީސީ ގްރޫޕްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ ނީލްސް ޑި ބްރާއެން އާއި ކުންފުނީގެ އިސްވެރިންނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެ ކުންފުނީގެ މެދުގައި ސްޓްރެޓީޖިކް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން، ދެ ކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫއުތައް ހިންގުމާއި، އެމްޓީސީސީގެ މަޝްރޫއުތަކަށް އެންއެމްޑީސީން އިންވެސްޓްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، ޑްރެޖިންގް ސަޕޯޓާއި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމާއި، މުވައްޒަފުންނަށް ތަމްރީނު ހޯދުމަށް ޓްރޭނިން އަދި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްވަރާތަކަށް ރިއާޔަތްކޮށް ދެ ފަރާތުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
އެންއެމްޑީސީ ގްރޫޕަކީ މެދުއިރުމައްޗާއި ދެކުނު އޭޝިއާގެ ގައުމުތަކުގައި މެރިން ޑްރެޖިންގް މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގުމުގައި 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އަނެއްކޮޅުން، 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުމާއި، ވޭތުވެދިޔަ 45 އަހަރު ކަސްޓަމަރުންނާއި ހިއްސާދާރުން އަދި އާންމު ރައްޔިތުން ކުރަމުން އައި އިތުބާރު ދެމެހެއްޓުން ކަމަށް އެމްޓީސީސީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް