އައްޑޫ ލިންކް ރޯޑު އަލުން ތަރައްގީކުރުމުގެ މަޝްރޫއު ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ކޮންޓްރެކްޓަރު، ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން އައްޑޫ ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ކޮންޓްރެކްޓްކޮށްފައެވެ. އެގޮތުން، ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮންނަ މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ. ނަމަވެސް ރޯޓައިމް ކުންފުންޏަށް މަސައްކަތް ހަވާލުކުރި އަގެއް ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ވެސް ވަނީ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ މަސައްކަތް ނިންމަން އާރުޑީސީއަށް ދީފައިވަނީ ތިން އަހަރާއި ނުވަ މަސްދުވަހުގެ މުއްދަތެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. .

އެ މަޝްރޫއުގެ ދަށުން އާރުޑީސީއާ ހަވާލުކޮށްފައިވަނީ 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުމާއި، ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ދުވާރުތައް ހެދުމުގެ އިތުރުން މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުމަށެވެ. އައްޑޫ ލިންކު ރޯޑު އަލުން ހަދަން ނިންމައި ސަރުކާރުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން އޭރު ބުނެފައިވެއެވެ.

ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ އަދި ގަން ގުޅުވާލާ 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2001 ވަނަ އަހަރުއެވެ. އެ މަސައްކަތް ނިންމައި އައްޑޫ ލިންކް ރޯޑު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރުއެވެ.

އައްޑޫ ލިންކް ރޯޑު އޭރު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދިވެހި ސަރުކާރަށް ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުންނެވެ.

ޖުމުލަ 12.5 ކިލޯމީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލުބުނާންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ބެލެވޭ ޖޯން ސްމާޓްއެވެ.