(21 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
ޠާއިފަށް ވަޑައިގެންނެވުންޢާއިލާއިން ބޭރުކޮށްލުމަކީ ކިހައިވަރެއްގެ ކަމެއްކަން އަންދާޒާކުރުމަކީ މިޒަމާނުގައި މާފަސޭހަކަމަކަށް ނުވެދާނެއެވެ. ޢަރަބީންގެ ޤަބީލީ ނިޒާމުގައި ޢާއިލާގެ ޙިމާޔަތުން ބޭރުވުމަކީ ކާޅުބައިގަނޑެއްގެ ތެރެޔަށް ކުކުޅުފިޔޮކެއް ދޫކޮށްލުންފަދަ ކަމެކެވެ. އެއީ ފަރުދެއްގެ ހައިސިއްޔަތުން ލިބޭންޖެހޭ ހުރިހައި ޙިމާޔަތަކާއި ރައްކާތެރިކަމެއް ނިގުޅައިގަނެވުމެވެ. އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ ހުރިހައި އިންސާނީ ޙައްޤުތަކަކުން މަޙުރޫމުކުރެވުމެވެ. ޤަބީލާގެ ޙިމާޔަތުން ބޭރުވެފައިވާ މީހެއްގެ ޖާނާއި މާލާއި ޢިއްޒަތާއި އަބުރުގެ އެއްވެސް ޙުރުމަތެއް ނޯވެއެވެ. ބޭނުން މީހަކަށް އެފަދަ މީހަކު އަޅުވެތިކޮށްވެސް ގަނެވިދާނެއެވެ. ޤަތުލުކޮށްވެސް ލެވިދާނެއެވެ. މުދާކޮޅު ފޭރިގަނެވިދާނެއެވެ. އެފަދަ ކަމަކާ ކުރިމަތިވިކަމުގައިވިޔަސް އެމީހަކަށް އެއްވެސް ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގެ ނުވަތަ އާދަކާދައެއްގެ ޙިމާޔަތެއް ނުލިބެއެވެ. އަދީ ކީއްތޯއެވެ؟ އެފަދަ މީހެއްގެ ޤާތިލުގެ ކިބައިން ޤިޞާޞް ހިފެވޭނެ ހަމައެއްވެސް ނޯވެއެވެ. ޤުރައިޝުން ކުރީއްސުރެ ތިބީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ލޭފޮދަށް ފެންބޮވައިގެންފައެވެ. އެފަދަ މަސްރަޙެއްގައި أبـــولــهب އިތުރު ސާހިބާ ޢާއިލާއިން ބޭރުކޮށްލުމުން ޤުރައިޝުންގެ ނުލަފާ މީހުން އެއްބަސްވެ އެކަށައަޅައި އިތުރު ސާހިބާގެ ގައިކޮޅަށް އަރައިގަންނާން ތައްޔާރުވެއްޖެއެވެ. އެހެންކަމުން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޤަޞްދުކުރެއްވީ އެމާތް ސާހިބާގެ ދަޢުވަތުގެ މަރުކަޒެއްކަމުގައި ޠާއިފު ހެއްދެވޭތޯ މަސައްކަތްޕުޅެއް ކޮށްލައްވާށެވެ. ޢަރަބި ޤަބީލާތަކުގެ ތެރެއިން ޤަބީލާއެއްގެ ޙިމާޔަތް ލިބިވަޑައިގަންނަވާތޯ ބެއްލެވުމުގެ ގޮތުންނެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޠާއިފަށް ވަޑައިގެންނެވީ ފައިމަގުގައި ހިންގަވައިފައެވެ. މާބޮޑަށް ދަތުރުފުޅުގެ އަޑު އެރިޔަނުދެއްވާންވެގެންނެވެ. އަރިހުގައި ގެންދެވީ زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه ގިނިކަންޏާއެވެ. އެރަށަށް ވަޑައިގެންނެވިއިރު ދަތުރުފުޅުމަތީގައި ދިމާވި ހުރިހައި ޤަބީލާތަކަކަށް އިސްލާމްދީނަށް ގޮވައިލެއްވިއެވެ. ޠާއިފަށް ވަޑައިގަތުމާއި އެނބުރި މައްކާއަށް ފައިންޕުޅު ބީއްސެވުމާ ދެމެދު ގާތްގަނޑަކަށް މަހެއްހައިދުވަސް ހޭދަކުރެއްވިއެވެ.
ޠާއިފަކީ ޢަރަބިކަރައިގެ ވަރަށް މުހިންމު ރަށެކެވެ. މާތްވެގެންވާ މައްކާއާ ސާޅީސް މޭލު ނުވަތަ ސާޅީސްފަސްވަރަކަށް މޭލު ދުރުގައި އޮންނަ ރަށެކެވެ. ވަރަށް ފެހި ސަރަޙައްދެކެވެ. ފެން ތިޔާގި، ހިޔާލިބޭފަދަ ގަސްގަހާގެހި ގިނަ ބިމެކެވެ. ބަގީޗާތަކާއި ދަނޑުފަނގުތައް ގިނަ ރަށެކެވެ. ޢަރަބިކަރައިގެ ނިސްބަތުން ފިނި ރަށެކެވެ. އެރަށުގެ މީހުންނަކީ އަތްމަތި ތަނަވަސް ތިޔާގި ފޯރުންތެރި ބަޔެކެވެ. ޠާއިފުގައި ޢާންމުވެފައިއޮތީ ފިއުޑަލިޒަމެވެ. އެހެންކަމުން އެރަށުގެ މީހުންނަކީ ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލުމާއި އަޅުވެތިވުމުގައި ވަރުގަދަޔަކަށް ހައްޔަރުވެފައިތިބި ބަޔެކެވެ. މުދާވެރިކަން ބޮޑުވުމަކީ ވަރަށް ގިނަފަހަރަށް ހެއްދެވިފަރާތް ހަނދާންނެތޭ ކަމެކެވެ. އަޚުލާޤީ އަގުތަކާ ދުރަށް ސޮއްސައިލެވޭ ކަމެކެވެ. އެދުވަސްވަރު ޠާއިފުގައި ކަންއޮތީ އެގޮތަށެވެ. މައްކާގެ މީހުންނަކީ ކޮންމެވެސް މިންވަރެއްގެ އަޚުލާޤީ ކަންފުޅެއްވެސްހުރި ބަޔެކެވެ. ޤައުމީ ސިޔާސަތުގައި އެމީހުނާ މަތިވެފައިއޮތް ޒިންމާތަކާ ހުރެއެވެ. ދީނީ ޤިޔާދަތުގެ ސަބަބުންނެވެ. އަނެއްކޮޅުން ޠާއިފުގެ މީހުންގެ ކިބައިގައި އެފަދަ އެއްވެސް ޝުޢޫރެއް ނުހުރެއެވެ. ހަމައެއާއެކު ސޫދުކެއުން އާންމުވުމުގެ ސަބަބުން އެމީހުންގެ ކިބައިންވަނީ ރަނގަޅު އިންސާނީ އިޙްސާސްތައް ނެތިފައެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޠާއިފުގެ ޙާލަތު ދެނެވަޑައިގަންނަވައެވެ. އެކަމަކު މައްކާއާ ކައިރީގައި ރަށްވެހިކަމުގެ އަސަރެއްހުރި ރަށަކަށް އޮތީވެސް ޠާއިފެވެ. އެހެންކަމުން އިތުރު ސާހިބާ އެރަށަށް ވަޑައިގަންނަވަން ހަމަޖެއްސެވީއެވެ. ޠާއިފަކީ މައްކާއަށްވުރެވެސް މާނުރައްކާތެރި ވެއްޓެއްކަން ދެނެވަޑައިގެން ހުންނަވައެވެ. އެމާތް ސާހިބާ ބޮލަރުއްވައިގެން ހުންނެވި މަސްއޫލިއްޔަތުގެ ގޮތުން އެކަން ކުރައްވާން ކޮންމެހެންވެސް ޖެހިވަޑައިގަންނަވާތީއެވެ.
އެންމެބޮޑަށް އިހާނެތިކޮށްހިތެވުނު ދުވަސް
އެދުވަސްވަރު ޠާއިފުގެ ވެރިކަމުގައި ތިބީ عَــمـــــرو بـــن عــــــوف ގެ ތިންދަރީންނެވެ. عــبــد يـــالــيـــل އާއި، مسـعــــود އާއި، حبــيـب އެވެ. އެތިންމީހުންކުރެ އެކަކު ކާވެނިކޮށްގެން އުޅުނީ ޤުރައިޝުވަންހައިގެ އަންހެނަކާއެވެ. ބަނޫޖުމަޙުގެ އަންހެނަކާއެވެ. އެހެންކަމުން ކޮންމެވެސް މިންވަރެއްގެ ބަލައިލުމެއް އޮންނާނެކަމުގެ އުއްމީދުފުޅެއްވެސް ކުރެއްވެވުނީއެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެތިން މީހުނާ ވާހަކަފުޅުދެއްކެވިއެވެ. ޙައްޤު ދީނުގެ ދަޢުވަތު ފެތުރުއްވުމުގައި އެބައިމީހުންގެ ޙިމާޔަތަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންގެ ފަރާތުން ލިބިވަޑައިގެންނެވީ ވަރަށް ހުތުރު ޖަވާބެކެވެ.
عَــمـــــرو بـــن عــــــوف ގެ ދަރީން އިންސާނިއްޔަތުގެ މުޙުސިނުގެ މޭފުޅަށް ހަރައިލީ ވަރަށް ވިހަ ތީރުތަކެކެވެ. ނަމަވެސް އެމާތް ސާހިބާ ވަރަށް ސާބިތުކަމާއެކު އެޒަޚަމުތަކުގެ ކެކުޅުން ބަރުދާސްތުކުރެއްވިއެވެ. އެންމެފަހު ވާހަކަފުޅެއްގެގޮތުން ޙަދީޘްކުރެއްވިއެވެ. "އެހެންކަމުގައިވާނަމަ މިމައްސަލަ ތިޔަބައިމީހުނާ ހަމައިގައި ބާއްވާށެވެ. އެންމެ ކުޑަމިނުން މިރަށުގެ އާންމުންނަށް މިދަޢުވަތުގެ މަގުގައި ހުރަސްނާޅާށެވެ."
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޠާއިފުގެ އެހެނިހެން އަމީރުންނާއި އާންމުންގެ ކުރިމައްޗަށް އެމާތް ސާހިބާގެ ދަޢުވަތު ހުށަހެޅުއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް عَــمـــــرو بـــن عــــــوف ގެ ދަރީން އެކަމަށްވެސް ހުއްދައެއް ނުދިނެވެ. އެބައިމީހުން ދެންނެވިއެވެ. "ކަލޭގެފާނުގެ ތިޔަ ރަސޫލުކަން އިއްވަވަން މިރަށުގައި އެއްގޮތަކަށްވެސް ހުންނަވައިގެން ނުވާނެއެވެ." އެހެން ދަންނަވައިފައި އެރަށުގެ ބާޒާރުމަތީ ދަށްފެންވަރުގެ މީހުންނާއި، އަޅުންނާއި، ނޯކަރުންނާއި، ހަމަހޭނުޖެހޭ ކުޑަކުދީން އިތުރު ސާހިބާއާ ފާކޮށްފޫއެވެ. އެތިންމީހުން އެގުންޑާއިންނަށް އެންގީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެރަށުން ނެރެލާށެވެ.
އެމީހުންތައް ބައިބައިގަނޑަށް އައިސް އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަށައިލިއެވެ. އެބައިމީހުން އިތުރު ސާހިބާއަށް ހުތުރު އެއްޗެހި ގޮވިއެވެ. ހާރުވައި ފުރައްސާރަކޮށް މަލާމާތްކުރިއެވެ. މަގުގެ ދެފަރާތުގައި ދެސަފަށް ތިބެ އިތުރު ސާހިބާގެ ފައިންޕުޅަށް ހިލައުކަމުން ގެންދިޔައެވެ. އެމީހުންގެ ހިލަތައް އަމާޒުކުރަމުން ގެންދިޔައީ ލޮބުވެތި ސާހިބާގެ ފައިތިލަފުޅަށާއި ތަނބިކަށިފުޅަށެވެ. ތަދުފުޅު ބޮޑުވާނެ ގޮތުންނެވެ. ތަނބިކަށިފުޅާއި ފައިތިލަފުޅު ފާރުވެ އޮހޮރޭ ލޭފޮދުން ފައިވާންޖޯޑުކޮޅު ފޯވިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ލިބިވަޑައިގަންނަވާ ގަދަ ވޭނުގެ ސަބަބުން ވަރުބަލިފުޅުވެވަޑައިގެން އިށީނދެވަޑައިގެންފިކަމުގައިވާނަމަ މީހުންތައް އައިސް ދެމުލައްދަނޑިފުޅުގައި ހިފައި ނަގައިފައި މަލާމާތުގެ ގޮތުން ދަންނަވައެވެ. "ހަރުކޮށް ހިންގަވާށެވެ. ހަރުކޮށް ހިންގަވާށެވެ. އޭ ރަސޫލާއެވެ." އޭރު އެތައްބަޔަކު ވަނީ ކުޅިބަލާންވެސް އެއްވެފައެވެ. އެމީހުންތައް އަތްތިލަބަޑިތަޅައި ހަޅޭއްލަވަމުން ގެންދިޔައެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ލިބިވަޑައިގަންނަވަމުންދިޔަ އަނިޔާފުޅުގެ ވޭނުގެ ސަބަބުން ހޭފުޅުނެތިގެން ވެއްޓިވަޑައިގެންނެވިއެވެ. އެހިނދު زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه އިތުރު ސާހިބާ ނަންގަވައި ކޮނޑުފުޅަށް ލައްވައިގެން ރަށްބޭރަށް ނުކުމެވަޑައިގެންނެވިއެވެ. ކުރީންވެސް ދެންނެވި ފަދައިން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހުގައި އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވީ زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه ގިނިކަންޏާއެވެ. އިތުރު ސާހިބާގެ ހަށިކޮޅަށް އަރާން އަންނަ ޙަމަލަތައް ދިފާޢުކުރެއްވުމުގައި ގަދައަޅުއްވައި އުޅުއްވުމުގެ ސަބަބުން زيـــد ގެފާނުގެ އިސްތަށިފުޅަށާއި ހަށިކޮޅަށްވެސް ވަނީ އެތައް އެތިފަހަރެއް އަރައިފައެވެ. އިސްތަށިފުޅު ފެޅި ހަށިކޮޅުގެ އެތަންމިތަން ވަނީ ޒަޚަމުވެފައެވެ.
އެ ޖާހިލު އަނިޔާވެރީންގެ ރަޙުމެއްނެތް ޙަމަލަތަކުން އިތުރު ސާހިބާގެ ޠާހިރު ހަށިކޮޅު ޒަޚަމުވަމުންދިޔައިރު ހުތުރު ބަސްތަކުގެ ސަބަބުން ބަރަކާތްތެރި ހިތްޕުޅުވެސް ފާރުވެ ކުދިކުދިވަމުން ދިޔައެވެ. އޭގެކުރީން ދުވަހަކުވެސް އެމާތް ހިތްޕުޅު ފާރުނުވާވަރަށެވެ. އެ އަނިޔާވެރީންގެ ބައިބައިގަނޑު އިތުރު ސާހިބާ ދޫކޮށްލައިފައި ދިޔައީ ޠާއިފާ ތިންމޭލު ދުރުގައި އޮތް މޭބިސްކަދުރު ބަގީޗާއަކަށް ވެދެވަޑައިގެންނެވުމުންނެވެ. އެބަގީޗާއަކީ އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ކާބަފައިކަލުންކުރެ عــبـــد مـــنـــــاف ގެ عـبــد الشّـمـــس ގެ رَبِــيــعــة ގެ ދެދަރީންކަމުގައިވާ عـُـــتُـــبــة އާއި شَــيْـــبَـــة އާ ދެބެއިންގެ ބަގީޗާއެކެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބަގީޗާގެ މޭބިސްކަދުރު ވެލެއްގެ ހިޔަލުގައި އިށީނދެވަޑައިގެންނެވިއެވެ.
ކުރީންވެސް ދެންނެވި ފަދައިން އިތުރު ސާހިބާގެ ހަށިކޮޅާއި ހިތްޕުޅުވަނީ ފާރުވެފައެވެ. ތޮރުފިފައެވެ. ޅިޔައެޅިފައެވެ. ޠާއިފުގެ އަނިޔާވެރީންގެ ހިލަތަކާއި، ހުތުރު ބަސްތަކުގެ ވިހަ ތީރުތަކުންނެވެ. އިތުރު ސާހިބާ ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅުގައި ޖެހިވަޑައިގެންފައެވެ. އެމާތް ސާހިބާ ދުނިޔެއަށް ގެންނަވާން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ހެޔޮކަމުގެ އިންޤިލާބުގެ ކުރިބެދުނު ފަދައެވެ. ނަމަވެސް އެމާތް ސާހިބާ ހުންނެވީ މިންވަރުފުޅާމެދު ފިސާރި ރުހިވަޑައިގެންނެވެ. އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމުގެ ބުރަ މަސައްކަތްޕުޅު އެމާތް ސާހިބާއާ މަތިކުރެއްވި ޒާތުފުޅާމެދު ފުރިހަމަ ޔަޤީންކަމާއި އުންމީދުގައެވެ. އެމާތް ސާހިބާގެ ވެރިރަސްކަލާނގެ ރަސްކަންފުޅަށް ތަވައްކުލުކުރައްވައިގެންނެވެ. ނަމަވެސް ލޯބިވެރިކަމުގެ ދާއިރާއަކީ ޝަކުވާ ކުރުންވެސް އޮންނަ ދާއިރާއެކެވެ. އިތުރު ސާހިބާ އެޙާލުކޮޅުގައި އެމާތް ސާހިބާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ޝަކުވާ ބަރުތީލަކުރެއްވިއެވެ. ލޯތްބާއި އަޅުވެތިކަމުގެ އިޙްސާސް ތަރުޖަމާކުރެވޭ ބަސްފުޅުތަކުންނެވެ. މަދަޙައާއި ޘަނާގެ ޢިބާރަތުންނެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދުޢާފުޅު ކުރެއްވީ އަންނަނިވި މޭރުމުންނެވެ.
"ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާގެ ވެރިރަސްކަލާކޯއެވެ! މިއަޅާގެ އާރެއްބާރެއް ނެތްކަމާމެދު އިބަރަސްކަލާނގެ ޙަޟުރަތުގައި ޝަކުވާ ދަންނަވަމެވެ. މިއަޅާގެ އެހީތެރީން މަދުކަމާއި މީސްތަކުންގެ މައްޗަށް ބާރު ނުހިންގޭކަމާ މެދުގައެވެ. އޭ އެންމެ އޯގާވަންތަ ރަޙުމާނުވަންތަ ރަޙީމުވަންތަ ރަސްކަލާކޯއެވެ! މިއަޅާގެ މައްޗަށް އެންމެ އޯގާވަންތައީ އިބަރަސްކަލާނގެއެވެ. އިބަރަސްކަލާނގެއީ ނިކަމެތީންނާއި އާރެއްބާރެއްނެތް މީހުންގެ ފަރިޔާދުތައް އައްސަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. މިއަޅާގެ ސާހިބުވަންތަ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ މިއަޅާ ހަވާލުކުރައްވާނީ ކޮންބަޔަކާތޯއެވެ. މިއަޅާގެ މުހިންމަތު ކުރިޔަށް ގެންދިޔަނުދޭން ފައިވިއްދައިފައިތިބި ކިބުރުވެރި އަނިޔާވެރި ދުޝްމިނުންނާތޯއެވެ. ކޮންމެއަކަސް މިކަމުގައި އިބަރަސްކަލާނގެ ރުހިވޮޑިނުގެންނެވުމެއް ނުވާހައިހިނދަކު މިއަޅާގެ ފަރުވާލެއްނެތެވެ. އިބަރަސްކަލާނގެ ޢިނާޔަތާއި އޯގާވަންތަކަން މިއަޅާގެ މައްޗަށް ތަނަވަސްވެގެންވެއެވެ. މިއަޅާ އެދެނީ އިބަރަސްކަލާނގެ ޒާތުފުޅުގެ ނޫރުފުޅުގެ ރައްކާތެރިކަމާއި ޙިމާޔަތެވެ. އެނޫރުފުޅަކީ އަނދިރިކަން އަލިކަމަށް ބަދަލުކޮށްލައްވާ ނޫރުފުޅެވެ. ދުނިޔެއާއި އާޚިރަތުގެ ހުރިހައިކަމެއް ފުރިހަމަވެ އާރާސްތުވެ ޒީނަތްތެރިވަނީ އެނޫރުފުޅުގެ ޒަރީޢާއިންނެވެ. އިބަރަސްކަލާނގެ ކޯފާއާއި ރުހިވޮޑިނުގެންނެވުމުން މިއަޅާ ރައްކާތެރިކޮށްދެއްވުން އެދެމެވެ. ހެޔޮޢަމަލުކުރުމާއި ނުބައިކަންތައްތަކުން ރައްކާތެރިވުމަށް މިއަޅާއަށް ބާރުލިބެނީ އިބަރަސްކަލާނގެ ޙަޟުރަތުންނެވެ."
އެބަގީޗާގެ ވެރީންކަމުގައިވާ عـُـــتُـــبــة އާއި شَــيْـــبَـــة ގެ ހިތުގައި އިތުރު ސާހިބާގެ މައްޗަށް ކުލުނާއި ސަހަރޯވެރިކަން އުފެދުނެވެ. އެދެމީހުން އެބައިމީހުންގެ ނަޞާރާ ޚާދިމު عــدّاس އަށް ގޮވައިގެނެސް ތަށްޓަކަށް މޭބިސްކަދުރުކޯނިތަކެއް ލައިފައި އަރިހަށް ފޮނުވިއެވެ. عــدّاس އިތުރު ސާހިބާގެ އަތްޕުޅަށް އެތަށިކޮޅު އަރުވައިފައި ކުރިފުޅުމަތީގައި އިށީނދެއްޖެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ފަރީއްކުޅުވާން ފެށްޓެވީ بـسـم اللّــــه ވިދާޅުވެފައެވެ. އެވަގުތު عــدّاس ދެންނެވިއެވެ. "ކަލާނގެ ރަސްކަންފުޅު ގަންދީ ދަންނަވަމެވެ. ތިޔަ ވިދާޅުވީ މިކަރައިގެ މީހުން މީގެކުރީން ކިޔައިއުޅޭ އެއްޗެއް ނޫނެވެ."
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް