އެއްލައްކަ ރުފިޔާއާ ހަމަަޔަށް މިވަގުތަށް ހިލޭ އެހީ ލިބޭ ވިލުންވެށި ޕްރޮގްރާމް ކުރިއަށް އޮތްތަނުގައި ކުންފުނިތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފް މިއަދު ވިދާޅުވެެއްޖެއެވެ.
މި ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށް، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރަމަކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތްތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރއިްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ މާލީ އެހީތެރިކަމާއެކު، އެ މިނިސްޓްރީ އާއި އެސްއެމްއީ ޑިޖިޓަލްއިން ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ފުޅާކޮށް، ކުންފުނިތަކަށް ފުރުސަތު ހުޅުވާލަން ނިންމީ އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާތީއާއި އެ ޕްރޮގްރާމް އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ.
އެގޮތުން ވިލުންވެށި ޕްރޮގްރާމްގެ ދަށުން މިހާރު ފުރުސަތު އޮންނަނީ ވަކިވަކި ފަރުދުންނަށްކަމަށްވިޔަސް އަންނަ އަހަރު ކުންފުނިތައް ހިމެނޭހެން އެ ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
މިހާރު މި ޕްރޮގްރާމް ރާވާފައިވާގޮތުން، ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، 100,000 ރުފިޔާއާ ހަމައަށް މާލީ އެހީ ލިބޭގޮތަށް އޮތް ނަމަވެސް މިނިސްޓަރު ވިދާޅުވީ، ކުންފުނިތައް ހިމެނޭހެން މި ޕްރޮގްރާމް ހުޅުވާލާއިރު، ހިލޭ އެހީގެ މިންވަރު މަތިވާނެ ކަމަށެވެ.
"އީޖާބީ ޕްރޮޖެކްޓުތަކަށް ހުޅުވާލާ ސަބަބަކީ، ވަރަށް ގިނަ ސްޓާޓްއަޕްތަކަށް އެބަ ތިބި ފުރުސަތަކަށް މަޑުކޮށްގެން. ކޮންމެވެސް ވަރެއްގެ އެސިސްޓެންސެއް ލިބިގެން ނޫނީ މުޖުތަމައަށް ނުނުކުމެވި." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ޝަރީފު ވިދާޅުވީ، މިދިޔަ ޖޫން މަހު އިއުލާންކުރި ވިލުންވެށި ގްރާންޓް ޕްރޮގްރާމަށް ލިބުނު ޕްރޮޕޯސަލްތަކުގެ ތެރެއިން، 150 ޕްރޮޕޯސަލް އިވަލުއޭޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެ މަރުހަލާ ނިމި، އެ ޕްރޮގްރާމަށް ހޮވޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރާނެކަމަށް ވެސް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ އިވަލުއޭޝަން ކުރިއަށްގެންދަނީ، އެ މިނިސްޓްރީ އާއި އެސްއެމްއީ ބޭންކާ ގުޅިގެންނެވެ.
އިބްރާހިމް ޒަކީ
އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފް
ކޮމެންޓް