އީރާނުގެ އާއްމު ރައްޔިތުން ގައުމުގެ ދިފާއަށްޓަކައި ތަމްރީނުކޮށް ނެރުމުގެ ޚާއްސަ ކެމްޕޭނެއް މިއަހަރުގެ މާރޗް މަހުން ފެށިގެން އީރާނުގެ ސަރުކާރުން ވަނީ ފަށައިފައެވެ. މި ކެމްޕޭނަށް ދީފައިވާ ނަމަކީ ޖާން ފިދާއެވެ. މާނަޔަކީ ގައުމަށްޓަކައި ގުރުބާންވުމެވެ. އީރާނަށްޓަކައި ފިދާވުމެވެ. މިކެމްޕޭން ކުރިއަށް ގެންދަނީ އީރާނުގެ ހަތިޔާރުއެޅި ފައުޖުތަކުގެ ތެރެއިން ބަސީޖު މިލީޝިއާއިންނެވެ. ބަސީޖު މިލީޝިއާއަކީ ހަގުރާމައިގެ ހާލަތުގައި އާއްމު ރައްޔިތުންގެ ތެރެއިން ގައުމުގެ ދިފާއަށް ނުކުންނަން ބޭނުންވާ ވޮލަންޓިއަރުންގެ މައްޗަށް އެކުލެވޭ ފައުޖެކެވެ. އީރާނުގެ އިސްލާމީ އިންގިލާބަށްފަހު މި ފައުޖު އުފެއްދެވީ 1979 ވަނަ އަހަރު އެ އިންގިލާބުގެ ބާނީ އާޔަތު ﷲ ޚުމައިނީއެވެ. ބަސީޖު މިލީޝިއާއަށް ދުނިޔޭގެ ސަމާލުކަން ލިބުނީ އީރާނާއި އިރާގުގެ 8 އަހަރުގެ ދިގު ހަގުރާމައިގެ ތެރޭގައެވެ. މި ފައުޖުގެ އެކްޓިވް މެންބަރުންގެ އަދަދު ހަ ލައްކައަށް އަރައެވެ. ރިޒާރވްގައި އިތުރު އެއް މިލިޔަން މީހުން ހިމެނޭކަމަށް ބުނެވެއެވެ.
އީރާނުގެ ހަތިޔާރު އެޅި ލަޝްކަރުތައް ބެހިގެންވަނީ މައިގަޑު ތިން ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އަރުތަޝް އެވެ. އެހެން ގައުމުތަކުގައިވެސް އޮންނަ ރަސްމީ އާރމީއަކީ މިއީއެވެ. އަރުތަޝް ވެސް ޖުމްލަ ހަތަރު ބަޔަކަށް ބެހިފައިވެއެވެ. އެއްގަމުގެ ލަޝްކަރާއި ވައިގެ ލަޝްކަރެވެ. ކަނޑުގެ ލަޝްކަރާއި ވައިގެ ދިފާއީ ލަޝްކަރެވެ. މިހުރިހާ ބައިތައް އެއްކޮށްލައިގެން އަރުތަޝްގައި ހިމެނޭ ޖުމްލަ ސިފައިންގެ އަދަދަކީ ގާތްގަޑަކަށް ހަތްލައްކައެވެ. އަނެއްބަޔަކީ ސެޕާ ޕާސްދަރާން އިންގިލާބު އިސްލާމީއެވެ. މި ލަޝްކަރު މަޝްހޫރުވެފައި ވަނީ އައިއާރުޖީސީގެ ނަމުންނެވެ. އިންގިލާބީ ގާޑުންގެ ނަމުންނެވެ. އައިއާރްޖީސީ އެކުލެވިގެންވަނީ ޖުމްލަ ފަސް ގޮފީގެ މައްޗަށެވެ. ގްރައުންޑް ފޯސް، އެއަރ ފޯސް، ނޭވީ، ގުދުސް ފޯސް އަދި ބަސީޖް މިލީޝިއާ އެވެ. މި ލިޔުން ފަށަމުން ބަޔާންކުރި ބަސީޖް މިލީޝިއާ ނުވަތަ ސާޒްމާން ބަސީޖަކީ ވޮލަންޓިއަރުންގެ ލަޝްކަރެކެވެ.
ބަސީޖް މިލީޝިއާ ނުހިމަނައި އައިއާރްޖީސީގެ ޖުމްލަ މީހުންގެ އަދަދަކީ ދެލައްކައެވެ. އެންމެފަހު ބަޔަކީ ފަރާޖާއެވެ. މިއީ ގައުމީ ޕޮލިސް ފޯހެވެ. އެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލާ ބަޔަކީ މިއީއެވެ. އެމީހުންގެ އަދަދަކީ ގާތްގަޑަކަށް ދެލައްކަ ފަނަރަހާހެވެ. އީރާނުގެ ހަތިޔާރުއެޅި ލަޝްކަރުތައް މިދެންނެވި ބައިބަޔަށް އިންތިޒާމު ކުރެވި ތަރުތީބު ކުރެވިގެންވަނީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހުއެވެ. މިގޮތަށް ލަޝްކަރުތައް އިންތިޒާމުވެ މިހުރިހާ ބައިތަކެއްގެވެސް ފުރިހަމަ ކޮމާންޑް ގައުމުގެ ރޫހީ ލީޑަރަށް ލިބިގެންވުމަކީ އައު އިންގިލާބެއް ނުވަތަ ބަޣާވާތެއް ނުހިގައި އޮތުމުގެ މައިގަޑު ސަބަބެވެ. މުޅި ނިޒާމު ފަރުމާވެގެން ވަނީ ހަތިޔާރުއެޅި ލަޝްކަރުގެ ތެރެއިން ބަޔަކަށް ވެރިކަން ބަދަލު ނުކުރެވޭނެ ބީދަޔަކުންނެވެ. އެކަން ކުރަންޏާ ކުރެވޭނީ އެންމެން ގުޅިގެންނެވެ. މިކަން މިހެން އޮވެފައިމެ ޖާން ފިދާގެ ނަމުގައި ވޮލަންޓިއަރުންގެ އައު ލަޝްކަރެއް އުފެއްދުމުގެ ކެމްޕޭނެއް މިއަހަރު ފެށުމުގެ ސަބަބަކީ ކޮބައިހެއްޔެވެ.
ވޮލަންޓިއަރުންގެ ލަޝްކަރު ބޮޑުކޮށް ފުޅާކުރުމުގެ ކެމްޕޭނުގެ ފަހަތުގައި އޮތްކަމަށް ބެލެވެނީ މައިގަޑު ދެ ސަބަބެކެވެ. ފުރަތަމަ ބޭނުމަކީ އީރާނުގެ އެތެރެ ގަޑުބަޑުކޮށް ރައްޔިތުން މަގުމައްޗަށް ނެރެ ވެރިކަން ބަދަލުކުރުމަށް ހުޅަގުގެ ގައުމުތަކުން ރާވާ ރޭވުންތައް ނާކާމިޔާބު ކުރުމެވެ. މިޒާތުގެ ނުރައްކާތެރި ގަޑުބަޑެއް މިއަހަރުގެ ކުރީކޮޅުވެސް ވަނީ ފެނިފަައެވެ. އަނެއް ބޭނުމަކީ އެމެރިކާއިން އެއްގަމު މަގުން އީރާނަށް އަރަން ދިމާކޮށް އީރާނުގެ އައްސޭރީގައިވާ ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއެއް ހިފަން ދިމާކޮށްފިއްޔާ އެކަމެއް ނާކާމިޔާބުކޮށްލުމަށް ވޮލަންޓިއަރުން ނެރުމެވެ. މިލިޔަނުންނެވެ. ޖާން ފިދާ ކެމްޕޭނު މިއަހަރުގެ މާރޗް މަހު ފެށިފަހުން މިކެމްޕޭނުގައި ބައިވެރިވުމަށް އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭހެން ޖުމްލަ އެއްތިރީސް މިލިޔަން މީހުން ލިސްޓުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އެއީ ތެދެއްކަމަށް ވަންޏާ އީރާނުގެ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކު ވަނީ ލިސްޓު ކުރެވިފައެވެ. އާބާދީގެ ނިސްބަތުން މިއީ ވަރަށްވެސް މަތީ އަދަދެކެވެ.
ޖާން ފިދާ ކެމްޕޭނަށް ވޮލަންޓިއަރ ކުރާ އާއްމުން ތަމްރީނު ކުރަނީ ބަސީޖު މިލީޝިއާގެ އިންސްޓްރަކްޓަރުންނެވެ. ތަމްރީނުތައް ބެހިގެންވަނީ ހަތަރު ބަޔަކަށެވެ. ލޮޖިސްޓިކްސް އާއި ކޮމިއުނިކޭޝަން، އަވަސް ފަރުވާ އަދި ލުއި ހަތިޔާރު ގެންގުޅުމުގެ ތަމްރީނެވެ. މިއީ އިމަޖެންސީއެއްގައި އާއްމުންގެ އެހީތެރިކަން ބޭނުންވާނެ މައިގަޑު ހަތަރު އޭރިޔާއެވެ. މިހާތަނަށް މިމަގުން ތަމްރީނު ކުރެވިފައިވާ ވޮލަންޓިއަރުންގެ ތެރެއިން ގާތްގަޑަކަށް ތިން ލައްކަ މީހުންގެ މައްޗަށް އެކުލެވޭ ވަރަށް ބޮޑު ހިގާލުމެއް މިދިޔަ ހުކުރު ދުވަހު ވެރިރަށް ތެހެރާނުގައި ވަނީ ބާއްވައިފަައެވެ. މި ރެލީގައި އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާނާއި ބަސީޖް މިލީޝިއާގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ޣުލާމްރިޒާ ސުލައިމާނީ އާއި އަރުތަޝްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދު ﷲ ވަނީ ބައިވެރިވެވަޑައިގެންފަައެވެ. މިދެންނެވި ބޭފުޅުން ހިމެނޭހެން މިޒާތުގެ ބޮޑު ރެލީއެއް ބޭއްވުމުގެ ފަހަތުގައިވަނީ އެންމެ ބޭނުމެކެވެ. އެބޭނުމަކީ ކޮބައިހެއްޔެވެ.
އީރާނުން އެބުނެދެނީ ރައްޔިތުންގެ ގިނަބަޔަކު ތިބީ ސަރުކާރާއެކު ކަމެވެ. ވެރިކަން ބަދަލު ކުރުމަށް ފުރުސަތެއް ނުދޭނެ ކަމެވެ. އީރާނަށް އަރަން ދިމާކުރާ ބަޔަކާ ކުރިމަތިލާން ރައްޔިތުން ތިބީ ތައްޔާރަށް ކަމެވެ. މި މެސެޖު ޚާއްސަވަނީ އެމެރިކާޔާއި އިޒްރޭލަށެވެ. ޖުމްލަކޮށް ހުޅަގުގެ އެންމެހައި ގައުމުތަކަށެވެ. މި މެސެޖު މިއައީ ވަރަށްވެސް މުނާސަބު ވަގުތެއްގައެވެ. އެއްގަމު މަގުން އީރާނަށް އަރަން އެމެރިކާއިން ރާވަމުން، ތައްޔާރު ވަމުންދާ ކަމަށް ހީކުރެވިފައިވާ ވަގުތެއްގައެވެ. އައުބުރެއްގެ ހަމަލާތައް ފަށަން ޓްރަމްޕުގެ ަޓީމުން ތައްޔާރުވަމުންދާ ކަމަށް ގަބޫލު ކުރެވިފައިވާ ވަގުތެެއްގައެވެ. އީރާނު ނައްތައިލުމާއި ސުލްހަ ގާއިމުކުރުމާއި ހަގުރާމަޔަށް ނިމުން ގެނައުމުގެ ތެރެއިން ކޮންމެވެސް އެއްގޮތެއް ވަރަށް އަވަހަށް ނިންމާނެކަން ޑޮނަލްޑް ޓްރަމްޕު އިއުލާނުކޮށް އަންގާފައިވާ ވަގުތެއްގައެވެ. އިގްތިސާދީ ދަތިކުރުމުގެ ތެރެއިން ސަރުކާރާ ދެކޮޅަށް އީރާނުގެ އާއްމު ރައްޔިތުން އަނެއްކާވެސް ތެދުވެގަންނާނެ ކަމުގެ އުދާސްތައް ބޮޑުވެފައިވާ ވަގުތެއްގައެވެ.
އިމާދު ލަތީފު
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް