އިންޑިއާގެ ބޮޑެތި އީ-ކޮމާސް ޕްލެޓްފޯމްތަކުން ތަކެތި ގަނެ ރާއްޖެއަށް ގެނެސްދޭ ގްލޯބަލް ދުކާނުން ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެ ކުންފުނިން ބުނީ މި އާ ހިދުމަތް އަންނަ ހުކުރު ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެ ކަމަށެވެ. މި ބަދަލާއެކު ކަސްޓަމަރުންނަށް ބޭރު ފައިސާގެ ލިމިޓްތަކުގެ ދަތިކަމެއް ނެތި، ފައިސާ ބަދަލުކުރުމުގެ އިތުރު ފީއެއް ނުދައްކައި ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ އެވެ.

ގްލޯބަލް ދުކާނުގެ ވެބްސައިޓް ނުވަތަ އެޕް މެދުވެރިކޮށް އެމެޒޯން، މިންތުރާ، ނައިކާ އަދި އައިކިއާ ފަދަ މަޝްހޫރު ތަންތަނުން ތަކެތި ގަތުމުގެ ފުރުސަތު ލިބެއެވެ. އެކި ފިހާރަތަކުން ނަގާ ތަކެތި އެއް ކާޓަކަށް ލާފައި އެއްފަހަރާ ފައިސާ ދެއްކޭ ގޮތަށް ހަދާފައިވުމަކީ މި ޕްލެޓްފޯމުގެ ހާއްސަ ސިފައެކެވެ.

މި ޕްލެޓްފޯމު މެދުވެރިކޮށް ގަންނަ ތަކެތި ރާއްޖެއަށް ގެނެސް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ މޯލްޑިވްސް ޕޯސްޓުގެ ނެޓްވޯކުންނެވެ.

މި ނިޒާމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބި މީހުންނަށްވެސް އަތޮޅުތަކުގެ ޕޯސްޓު އޮފީސްތައް މެދުވެރިކޮށް ފަސޭހައިން މުދާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.